14
ޅަކަންބަޅި އާއި އެކަލޭގެފާނުގެ މީހުން
1 އެއަށް ފަހު، އަހަރެން ބަލާލީމެވެ. އަދި ޞިޙްޔޫނު ފަރުބަދައިގައި ޤުރުބާން ކުރެވުނު ޅަކަންބަޅި ކޮއްޅަށް ހުއްޓައި އަހަރެން ދުށީމެވެ. އެކަލޭގެފާނާއި އެކުގައި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުން ވިއެވެ. އަދި އެބައިމީހުންގެ ނިތްކުރިތަކުގައި އެކަލޭގެފާނުގެ ނަންފުޅާއި، އަދި އެކަލޭގެފާނުގެ މަތިވެރި ބައްޕާފުޅުގެ ނަންފުޅު ލިޔެވިގެން ވެއެވެ.
2 އަދި ރާޅުބިންދާ އަޑު ފަދަ އަޑެއް ނުވަތަ ހޮނު ގުގުރީގެ އަޑުފަދަ ގަދަ އަޑެއް ސުވަރުގެއިން އަހަރެންނަށް އިވުނެވެ. ގިނަ ބަޔަކު އެކުވެގެން ހާޕުން ކުޅެމުން ދާ މިޔުޒިކު ފަދަ އަޑެއް ފަދައިން އެ އަޑު ވިއެވެ.
3 މި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުން ތަޚުތުކޮޅުގެ ކުރިމަތީގައިއާއި، ދިރިހުރި ހަތަރު މަޚުލޫގުންގެ ކުރިމަތީގައާއި އަދި ބޮޑުންގެ ކުރިމަތީގައި ކޮއްޅަށް ތިއްބެވެ. އެބައިމީހުން އާ ޙަމްދު ސަނާގެ ލަވައެއް ކިޔަމުން ގެންދިޔައެވެ. އެބައިމީހުން ފިޔަވައި އެއްވެސްމީހަކަށް މި ލަވަ ނޭނގެއެވެ. ބަޔާންވެ ދިޔަ އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުންނަކީ މުޅި އިންސާނީ ދަރިފަސްކޮޅުން ފިދުޔަ ދެއްވާފައިވާ ފަރާތްތައް ވެސްމެއެވެ.
4 އެބައިމީހުންނީ އެބައިމީހުންގެ މުޅި ނަފްސުތައް ތާހިރުކޮށް ބެހެއްޓި ފަރާތްތަކެވެ. އެބައިމީހުން އަންހެނުންނާއި އެކުގައި ޖިންސީގުޅުމެއް ނުހިންގައެވެ. އެބައިމީހުންނީ ބިކުރުވެރި ބައެކެވެ. ޅަކަންބަޅި ދާ ކޮންމެ ތަނެއް އެބައިމީހުން ބަލައި އެކަލޭގެފާނަށް ތަބަޢަވެގެންވިއެވެ. މި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުންނަކީ ދުނިޔޭގައި ތިބި މީސްތަކުންގެ ތެރެއިން ފިދުޔަ ދެވިފައިވާ މީސްތަކުންނެވެ. އެހެނީ އެއީ މާތްރަސްކަލާނގެ ކިބަފުޅަށާއި ޅަކަންބަޅިއަށް އެންމެ ފުރަތަމަ ހުށަހެޅުނު ފަރާތްތައް ވެސް މެއެވެ.
5 އެބައިމީހުން ދޮގެއް ނުހަދައެވެ. އެބައިމީހުންނީ ކުށެއްނެތް ބައެއް ވެސްމެއެވެ.
ތިން މަލާއިކަތުން
6 އެއަށް ފަހު، ދުނިޔޭގައި ތިބި މީސްތަކުންނާއި، އެންމެހައި ޤައުމުތަކާއި، އެންމެހައި ޤަބީލާތަކާއި، އެންމެހައި ބަހުރުވަތަކުންނާއި އަދި އެންމެހައި ނަސްލުތަކަށް ދާއިމީ ހެޔޮޚަބަރުފުޅު އިޢުލާންކުރަމުން ވަރަށް މަތިން ވައިގެ ތެރޭގައި އުދުހެމުން ގެންދިޔަ މަލާއިކަތަކު އަހަރެން ދުށީމެވެ.
7 އެ މަލާއިކަތާ ހަރުއަޑުފުޅުން ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވޭ! އަދި އެކަލާނގެ ޖަލާލަތުކަމާއި މެދު ޙަމްދުކުރޭ! އެހެނީ އެންމެހައި މީސްތަކުންނާއި މެދު އެކަލާނގެ އިންސާފު ކުރެއްވުމުގެ ވަގުތު މިވަނީ އައިސްފައި. އުޑުތަކާއި، ބިމާއި، ކަނޑާއި، އަދި ފެން އާރުތައް ހެއްދެވި އެކަލާނގެ ކިބަފުޅަށް އަޅުކަންކުރޭ!“
8 ދެވަނަ މަލާއިކަތާ، ފުރަތަމަ މަލާއިކަތާގެ ފަސްފަހަތުން ވިދާޅުވަމުން ދިޔައެވެ. ”ވީރާނާ ވެއްޖެ! މަތިވެރި ބާބިލް ވެއްޓިއްޖެ! އެންމެހާ ޤައުމުތައް އެ ޒާނީގެ ރަލުގެ މަސްތުގައިވި. އެ ރަލަކީ ޖިންސީ އެދުމުގެ އިންތިހާ ވެސްމެ!“
9 އެއަށް ފަހު ތިންވަނަ މަލާއިކަތާ ކުރީގެ ދެ މަލާއިކަތުންގެ ފަސްފަހަތުން މިފަދައިން ހަރުއަޑުން ވިދާޅުވަމުން ވަޑައިގެންނެވިއެވެ. ”އެއްވެސް މީހަކު ކަނޑު ދާއްބައަށާއި އޭތީގެ ސޫރައަށް އަޅުކަންކޮށް އަދި އޭތީގެ ފާހަގަ ނިތްކުރީގައި ނުވަތަ އަތުގައި ޖެހިގެންވާނަމަ،
10 އެމީހަކީ މާތްރަސްކަލާނގެ ކޯފާގެ މޭބިސްކަދުރުގެ ރާ ބޯންޖެހޭނޭ ފަރާތެއްމެ. އަދި އެކަލާނގެ ކޯފާގެ ތަށީގެ ގަދަ އިޙްސާސް އެމީހަކަށް ކުރުވާނެ. އަދި އެމީހަކަށް އަލިފާނުންނާއި އަދަމުން ދާ ކައްސަނދުވާނިން ޢުޤޫބާތް ދެވޭނެ. އެއީ މާތްވެގެންވާ މަލާއިކަތުންނާއި ޅަކަންބަޅީގެ ޙާޟިރުގައި ވެސްމެ.
11 އެބައިމީހުން ކަނޑު ދާއްބައަށާއި އޭތީގެ ސޫރައަށް އަޅުކަންކޮށް އަދި އޭތީގެ ނަމުގެ ނިޝާން ޖަހާފައިވާނަމަ، އެބައިމީހުންނަށް ދުވާލާއި ރޭގަނޑު ޢުޤޫބާތް ދެއްވުމުގައިވާނެ. އެބައިމީހުންނަށް ދެވޭ ޢުޤޫބާތުގެ ދުންތައް އަބަދާއި އަބަދު މައްޗަށް އަރައަރާ ހުންނާނެމެ. އަދި އެބައިމީހުންނަށް އަރާމުކޮށްލުމަށް ވަގުތެއް ނުމެލިބޭނެ.“
12 މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުން ކެތްތެރިކަމާއެކު ދެމިތިބެން ޖެހޭނެއެވެ. މިފަދަ މީހުންނަކީ މާތްރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރި ކަމުގައިވެ، އީސާގެފާނަށް އީމާންވެތިބޭ ބައެއް ވެސް މެއެވެ.
13 އެއަށް ފަހު، ސުވަރުގެއިން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”މިތަކެތި ލިޔޭ. މިހިނދުން ފެށިގެން މަރުވެދާ ހިނދު އެބައެއްގެ ކިބައިގައި މާތްރަސްކަލާނގެ އާއި މެދު އީމާންތެރިކަން ވާ ފަރާތްތަކަށް އެކަލާނގެ ބަރަކާތް ލައްވާނެ.“
މާތްރޫޙުފުޅު ޖަވާބު ދެއްވިއެވެ. ”އާނއެކޭ! އެބައިމީހުންގެ ބުރަ މަސައްކަތުން އެބައިމީހުންނަށް އަރާމު ލިބޭނެ. އަދި އެބައިމީހުން ކުރި އަމަލުތަކުގެ ހެޔޮ ޖަޒާ އެބައިމީހުންނަށް ލިބޭނެ.“
14 އެއަށް ފަހު، އަހަރެން ބަލައިލީމެވެ. އަދި އަހަރެންގެ ކުރިމަތީގައި ހުދު ކުލައިގެ ވިލާގަނޑެއް ވަނިކޮށް އަހަރެން ދުށީމެވެ. އަދި އެ ހުދު ކުލައިގެ ވިލާގަނޑުގައި އިށީނދެ ވަޑައިގެން އިންނެވީ އިންސާނާގެ ދަރިކަލުން ހެން ހީވާ މީހެކެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުގައި ރަނުގެ ތާޖެއް ވިއެވެ. އަދި ވަރަށް ތޫނު ބަޅުވަޅިއެއް އެކަލޭގެފާނުގެ އަތްޕުޅުގައި އޮތެވެ.
15 އެއަށް ފަހު، މާތްކަލާނގެ ގެކޮޅުގެ ތެރެއިން މަލާއިކަތަކު ބޭރަށް ނުކުމެވަޑައިގެން ވިލާގަނޑުގައި އިށީނދެވަޑައިގެން އިންނެވި ފަރާތަށް ހަރުއަޑުން ވިދާޅުވިއެވެ. ”ކަލޭގެފާނުގެ ބަޅުވަޅި ނަންގަވައިގެން ބިމުގައިވާ ގޮވާން ކަނޑުއްވާ. ސަބަބަކީ ގޮވާން ކެނޑުމުގެ ވަގުތު އަތުވެއްޖެ. އަދި ބިމުގައި ހުރި މޭވާތައް ވަނީ ދޮންވެ ތާޒާވެފަ.“
16 ވީމާ، ވިލާގަނޑުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުން އެކަލޭގެފާނުގެ އަތްޕުޅުގައިވި ބަޅުވަޅި ދުނިޔޭގެ ތެރެއަށް ވިހުރުވައި ލެއްވިއެވެ. އަދި ދުނިޔޭގައިވި ގޮވާންތައް ކަނޑައި އެއްކުރިއެވެ.
17 އެއަށް ފަހު އެހެން މަލާއިކަތަކު ސުވަރުގޭގައި ހުރި މާތްކަލާނގެ ގެކޮޅުން ވަޑައިގަންނަވަނިކޮށް އަހަރެން ދުށީމެވެ. އަދި އެ މަލާއިކަތާގެ އަތްޕުޅުގައި ވެސް ތޫނު ބަޅުވަޅިއެއް އޮތެވެ.
18 އެއަށް ފަހު އިތުރު އެހެން މަލާއިކަތެއް ޤުރުބާން ހުށަހަޅުއްވާ މުޤައްދަސް އަށިން ނުކުމެ ވަޑައިގެންނެވިއެވެ. އެއީ އަލިފާނުގެ މައްޗަށް ބާރު ދެއްވާފައިވާ މަލާއިކަތާއެވެ. އެ މަލާއިކަތާ ތޫނު ބަޅުވަޅި ހިއްޕަވައިގެން ހުންނެވި މަލާއިކަތާއަށް ހަރުއަޑުން ވިދާޅުވަމުން ގެންދެވިއެވެ. ”ތިބާގެ ބަޅުވަޅީގެ ބޭނުން ކުރައްވާ. ދުނިޔޭގައި ހުރި މޭބިސްކަދުރު ވެލުން މޭބިސްކަދުރު ކަނޑުއްވާ. ސަބަބަކީ މޭބިސްކަދުރުތައް ވަނީ ދޮންވެފަ!“
19 ވީމާ، އެ މަލާއިކަތާ، އެ މަލާއިކަތާގެ އަތްޕުޅުގައި އޮތް ބަޅުވަޅި ދުނިޔޭގެ ތެރެއަށް ވިހުރުވައި ލެއްވިއެވެ. އަދި މޭބިސްކަދުރު ވެލުން މޭބިސްކަދުރު ބިނދެ މާތްކަލާނގެ ގަދަފަދަ ކޯފާގެ މޭބިސްކަދުރުދިޔަ ހަދާ އެތީގެ ތެރެއަށް އެއްލާލިއެވެ.
20 އެ މޭބިސްކަދުރުތައް ވަނީ ރަށްބޭރުގައިވާ މޭބިސްކަދުރު ދިޔަ ފެލާ އެތީގައި ޗިސްޗިސް ކުރެވިފައެވެ. އަދި އޭތިން ފޭބި ލޭ ފަސްފޫޓު ފުންމިނުގައި ގާތްގަނޑަކަށް ސަތޭކަ އައްޑިހަ މޭލު ދުރަށް ފެތުރިގެން ގޮސްފައި ވެއެވެ.