21
އާ އުޑަކާއި އަދި އާ ދުނިޔެއެއް
1 އެއަށް ފަހު އާ އުޑަކާއި އާ ދުނިޔެއެއް އަހަރެން ދުށީމެވެ. ފުރަތަމަ އުޑާއި ފުރަތަމަ ދުނިޔެ ނެތި ދިޔައެވެ. އަދި ކަނޑު ވެސް ނެތި ދިޔައެވެ.
2 މުޤައްދަސް ސަހަރު ކަމުގައިވާ އާ ޖެރޫސަލަމް، އަލަތު ކައިވެނީގެ އަނތްބަކު ކައިވެނީގެ ހެދުމުގައި އަލަތު ފިރިމީހާއާއި ބައްދަލު ކުރުމަށް ތައްޔާރުވެގެން އައި ފަދައިން މާތްރަސްކަލާނގެ ޙަޟްރަތުން އުޑުން ތިރިއަށް ފައިބައިގެން އައިތަން އަހަރެން ދުށީމެވެ.
3 ތަޚުތުން ހަރުއަޑުން މިފަދައިން މުޚާތަބު ކުރި އަޑު އަހަރެން އެހީމެވެ. ”މާތްރަސްކަލާނގެ މިހާރު މިވަނީ އިންސާނުންނާއި އެކުގައި! އެކަލާނގެ އެބައިމީހުންނާއި އެކުގައި ޙަޔާތު ވޭތުކުރައްވާނެ. އަދި އެބައިމީހުންނަކީ އެކަލާނގެ މީސްތަކުންމެ. އެބައިމީހުންނާއި އެކުގައި އެކަލާނގެ ވޮޑިގެންވާނެ. އަދި އެކަލާނގެއީ އެބައިމީހުންގެ މާތްކަލާނގެ ވެސްމެ.
4 އެބައިމީހުންގެ ލޮލުން ފައިބާނެ އެންމެހާ ކަރުނަތައް އެކަލާނގެ ފޮހެދެއްވާނެ. ކުރިމަގުގައި މަރުވުމެއް، ހިތާމައެއް، ރުއިމެއް އަދި ވޭންދެނިވި އެއްވެސް ކަމެއް ނުވާނެ. ކުރީގެ ހުރިހާ ކަމެއް ވަނީ ނެތިގޮސްފައި.“
5 އެއަށް ފަހު، ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުން ވަޙީ ކުރެއްވިއެވެ. ”އަދި ހުރިހާ ތަކެއްޗެއް އާ ތަކެތި ކަމުގައި އަހަރެން މިހާރު ހަދާނަން!“ މީގެ އިތުރުން އެފަރާތުން އަހަރެންނަށް ވަޙީކުރެއްވިއެވެ. ”މި ބަސްފުޅު ލިޔޭ، ސަބަބަކީ މި ބަސްފުޅަކީ ތެދު ބަސްފުޅު. އަދި އިތުބާރު ކުރެވޭ ބަސްފުޅު ވެސްމެ.“
6 ތަޚުތުގައި އިށީނދެ ވަޑައިގެން އިންނެވި ފަރާތުން އަހަރެންނަށް ވަޙީކުރެއްވިއެވެ. ”ހުރިހާ ކަމެއްމެ ނިމިއްޖެ. އަހަރެންނަކީ އަލްފާ އަދި އޮމޭގާ. ފެށުމާއި ނިމުން ވެސް. ކަރުހިއްކައިގަނެފައިވާ ކޮންމެ މީހަކަށް ޙަޔާތުގެ ދިރުންދޭ ފެން އާރުން އަގަކާއި ނުލައި އަހަރެން ފެން ދޭނަން.
7 ނަސްރު ހޯދާ ފަރާތްތަކަށް މި ހުރިހާ ރަޙުމަތެއް ލިބިދޭނެ. އަދި އަހަރެންނަކީ އެބައިމީހުންގެ ރަސްކަލާނގެ. ހަމައެހެންމެ، އެބައިމީހުންނަކީ އަހަރެންގެ ދަރިން ކަމުގައި ވެސް ވާނެ.
8 ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.“
އާ ޖެރޫސަލަމް
9 އެންމެ ފަހުގެ ހަތް މުސީބާތްތައް އަޅާފައިވާ ހަތް ބޯތަށި ހިފައިގެން ތިއްބައި ކުރީގައި ފެނުނު ހަތް މަލާއިކަތުންގެ ތެރެއިން އެއް މަލާއިކަތަކު އަހަރެންގެ ކައިރިއަށް އައިސް ވިދާޅުވިއެވެ.
”އަހަރެންނާއި އެކުގައި އާދޭ! ތިބާއަށް ޅަކަންބަޅީގެ އަލަތު އަނބިމީހާ އަހަރެން ދައްކައިދޭނަން.“
10 އަދި މާތްރޫޙުފުޅުގެ ބާރުން އެ މަލާއިކަތާ ވަރަށް އުސް ފަރުބަދައެއްގެ މައްޗަށް އަހަރެން ނެންގެވިއެވެ. މުޤައްދަސް ސަހަރު ކަމުގައިވާ ޖެރޫސަލަމް މާތްރަސްކަލާނގެ ޙަޟްރަތުން އުޑުން ތިރިއަށް ފައިބަމުން އައިތަން އެ މަލާއިކަތާ އަހަރެންނަށް ދެއްކެވިއެވެ.
11 އަދި މާތްރަސްކަލާނގެ ނޫރުފުޅުން އެ މުޤައްދަސް ސަހަރު ބަބުޅަމުން ދިޔައެވެ. އެ މުޤައްދަސް ސަހަރު ބަބުޅަމުން ދިޔައީ އަގުބޮޑު ޖަވާހިރެއް ފަދައިން ސާފު އަލިބިއްލޫރި ފަދައިންނެވެ. އެ ސަހަރުގެ ބޮޑު އުސް ފާރުގައި ބާރަ ދޮރު ލެވިފައިވެއެވެ.
12 އަދި އެއިން ކޮންމެ ދޮރެއް ބެލެހެއްޓުމަށްޓަކައި ބާރަ މަލާއިކަތުން ލައްވާފައި ވިއެވެ. އެ ދޮރުތަކުގައި ބަނީއިސްރާއީލުންގެ ބާރަ ގަބީލާގެ ނަންތައް ލިޔެވިފައި ވިއެވެ.
13 ކޮންމެ ފާރެއްގައި ތިން ދޮރު ވިއެވެ. އިރުމަތީ ފަރާތުގައި ތިން ދޮރާއި، ދެކުނު ފަރާތުގައި ތިން ދޮރާއި، އުތުރު ފަރާތުގައި ތިން ދޮރާއި އަދި ހުޅަނގު ފަރާތުގައި ތިން ދޮރު ވިއެވެ.
14 ސަހަރުގެ ފާރު ރާނާފައި ވަނީ ބިންގަލުގައި ބާރަ ގާ ޖަހައިގެންނެވެ. އެއިން ކޮންމެ ގަލެއްގައި ޅަކަންބަޅީގެ ބާރަ މަންދޫބުންގެ ނަން ލިޔެވިގެންވިއެވެ.
15 އަހަރެންނާއި މުޚާތަބު ކުރެއްވި މަލާއިކަތާގެ އަތްޕުޅުގައި މުޤައްދަސް ސަހަރުގައްޔާއި އެ ސަހަރުގެ ދޮރުތަކާއި އަދި އެ ސަހަރުގެ ފާރުގެ މިން އަޅާނޭ ރަނުގެ ދަނޑިއެއް އޮތެވެ.
16 އެ ސަހަރުގެ ބައްޓަން ހުރީ ހަތަރެސްކަން ގޮޅިއެއް ހެންނެވެ. ސަބަބަކީ އެ ސަހަރުގެ ދިގުމިނާއި ފުޅާމިން އެއްވަރު ވުމުންނެވެ. އެ މަލާއިކަތާ އެ ސަހަރު މިންކުރެއްވި ހިނދު ދިގުމިނުގައި ފަނަރަ ސަތޭކަ މޭލު އަދި ފުޅާމިނުގައި ވެސް ފަނަރަ ސަތޭކަ މޭލު ހުއްޓެވެ. އަދި އުސް މިނުގައި ވެސް ހުރީ ހަމަ އެއް މިނެކެވެ.
17 އެ މަލާއިކަތާ އެ ސަހަރުގެ މިން ކުރެއްވި ހިނދު އިންސާނީ މިންކުރުމުން އުސްމިނުގައި ދުއިސައްތަ ސޯޅަ ފޫޓު ހުއްޓެވެ.
18 އެ ސަހަރުގެ ފާރު ޢިމާރާތް ކޮށްފައި ވަނީ އަލިމަހުންނެވެ. އަދި މުޅި ސަހަރު ޢިމާރާތް ކޮށްފައި ވަނީ ބިއްލޫރި ފަދައިން ސާފުކޮށްފައިވާ ޚާލިސް ރަނުންނެވެ.
19 އެ ސަހަރުގެ ބިންގާ އަޅަފައި ވަނީ ބާރަ ގަލުންނެވެ. އަދި އެއިން ކޮންމެ ގަލަކަށް އަގުބޮޑު ޖަވާހިރެއް ބޭނުން ކޮށްފައި ވެއެވެ. ބިންގަލުގެ ގޮތުގައި ބެހެއްޓި ފުރަތަމަ ގަލަށް ބޭނުން ކޮށްފައި ވަނީ އަލިމަހެކެވެ. ދެވަނަ ގަލަށް ބޭނުން ކޮށްފައި ވަނީ ނީލަމެކެވެ. ތިންވަނަ ގަލަށް ބޭނުން ކޮށްފައި ވަނީ ޢަގީދެކެވެ. ހަތަރުވަނަ ގަލަށް ބޭނުން ކޮށްފައި ވަނީ ޒުމައްރުދު އެކެވެ.
20 ފަސްވަނަ ގަލަށް ބޭނުން ކޮށްފައި ވަނީ ޔަމަނު ޢަޤީޤެކެވެ. ހަވަނަ ގަލަށް ބޭނުން ކޮށްފައި ވަނީ ރަތް ކުލައިގެ ޢަގީދެކެވެ. ހަތްވަނަ ގަލަށް ބޭނުން ކޮށްފައި ވަނީ ސުލައިމާނެކެވެ. އަށްވަނަ ގަލަށް ބޭނުން ކޮށްފައި ވަނީ ފެންފިޔާޒެކެވެ. ނުވަވަނަ ގަލަށް ބޭނުން ކޮށްފައި ވަނީ ފުސްފަރާގު އެކެވެ. ދިހަވަނަ ގަލަށް ބޭނުން ކޮށްފައި ވަނީ ޒަބަރުޖުދު އެކެވެ. އެގާރަވަނަ ގަލަށް ބޭނުން ކޮށްފައި ވަނީ ފީރޯޒް އެކެވެ. ބާރަވަނަ ގަލަށް ބޭނުން ކޮށްފައި ވަނީ ހަޖަރުކަރީމު އެކެވެ.
21 ބާރަ ދޮރުގެ ތެރެއިން ކޮންމެ ދޮރެއް ހަދާފައި ވަނީ މުތަކުންނެވެ. ސަހަރުގެ މަގުތައް ހަދާފައި ވަނީ ސާފު ބިއްލޫރި ފަދައިން ސާފުކޮށްފައިވާ ޚާލިސް ރަނުންނެވެ.
އާ ޖެރޫސަލަމުގެ މަތިވެރިކަން
22 އެ ސަހަރުގެ ތެރެއިން ބައިތުލް މަޤްދިސް އަހަންނަކަށް ނުފެނެއެވެ. ސަބަބަކީ އެ ސަހަރުގައި ހުރި ބައިތުލް މަޤްދިސްއަކީ ސާހިބުވަންތަ މާތްރަސްކަލާނގެ ކަމުގައި ވުމެވެ. އަދި ޅަކަންބަޅި ކަމުގައި ވުމުން ވެސްމެއެވެ.
23 އެ ސަހަރަށް އަލިކަން ލިބިދިނުމަށް އިރާއި ހަނދު ބޭނުމެއް ނުވެއެވެ. ސަބަބަކީ މާތްރަސްކަލާނގެ ނޫރުފުޅު އެ ސަހަރުގައި ބަބުޅަމުން ދެއެވެ. އަދި އެ ސަހަރުގެ ބައްތިއަކީ ޅަކަންބަޅި ކަމުގައި ވުމެވެ.
24 ދުނިޔޭގެ މީސްތަކުން ހިނގައި އުޅޭނީ އޭގެ އަލިންނެވެ. އަދި ދުނިޔޭގައިވި އެންމެހާ ރަސްރަސްކަލުން އެބައިމީހުންގެ މަތިވެރިކަން އެސަހަރަށް ގެންނާނެއެވެ.
25 ސަހަރުގެ ދޮރުތައް އަބަދުމެ ވާނީ ހުޅުވިގެންނެވެ. އެ ދޮރުތައް ބަންދު ކުރުމެއްނުވެއެވެ. ސަބަބަކީ އެތަނަކަށް ރޭގަނޑެއް ނުވާނެއެވެ.
26 ޤައުމުތަކުގެ މަތިވެރި ކަމާއި އަދި ޤައުމުތަކުގެ މުއްސަނދިކަން އެ ސަހަރަށް ގެންނާނެއެވެ.
27 ނަމަވެސް ތޯހިރު ވެގެން ނުވާ އެއްވެސް އެއްޗެއް އެ ސަހަރަކަށް އެތެރެއް ނުވާނެއެވެ. ނޫނީ ލަދުވެތި އަމަލުތައް ކުރާ މީހުންނާއި ދޮގުވެރިންނަށް އެ ސަހަރަކަށް ނުވަދެވޭނެއެވެ. އެ ސަހަރަށް ހަމައެކަނި ވަދެވޭނީ ޅަކަންބަޅީގެ ޙަޔާތުގެ ފޮތުގައި ނަން ލިޔެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.