18
ދާއޫދުގެފާނާއި ޔޫނަތައިންގެ ގުޅުން
ދާއޫދު ޝާއުލްގެފާނާއި ވާހަކަ ދައްކަވައި ނިންމާލިތަނާ ޝާއުލްގެ ދަރި ޔޫނަތައިންގެ ހިތް ދާއޫދުގެ ހިތާ ގުޅި އެއްހިތަކަށްވެ އޭނާގެ އަމިއްލަ ނަފްސެކޭ އެއްފަދައިން އޭނާއާ މެދު ލޯބި ޖެހިއްޖެއެވެ. ޝާއުލްގެފާނު އެދުވަހުން ފެށިގެން ދާއޫދު އެކަލޭގެފާނުގެ ބައްޕަގެ ގާތަށް ނުފޮނުއްވައި އެކަލޭގެފާނުގެ ގާތު ބެހެއްޓެވިއެވެ. ޔޫނަތައިން ދާއޫދުއާ ދެމެދު ޢަހުދު ގާއިމުކޮށްފިއެވެ. އެއީ އޭނާގެ އަމިއްލަ ނަފްސެކޭ އެއްފަދައިން ލޯބިވާތީއެވެ. ދެން ޔޫނަތައިން މަތިން ލައިގެން ހުރި ބޮޑުގަމީސް ބާލައި ދާއޫދަށް ދިނެވެ. އަދި އޭނާގެ ދަހަނާއާއި ކަނޑިއާއި ދުނިދަނޑި އާއި އުނަގަނޑުގައި އޮތް ކަމަރު ވެސް އޭނާއަށް ދިނެވެ. އޭގެ ފަހުން ވެސް ދާއޫދު ފޮނުވުނު ކޮންމެ ހަނގުރާމައެއް ވެސް ކުޅަދާނަ ކަމާއެކު އޭނާ ކާމިޔާބު ކުރިއެވެ. އެހެންކަމުން ރަސްގެފާނު އޭނާއަށް ސިފައިންގެ މަތީ މަޤާމު ދެއްވިއެވެ. އެކަމާ ސިފައިންގެ ހުރިހާ މަޤާމެއްގެ އެންމެނާއި ރަށުގެ ހުރިހާ އެންމެން ވެސް ތިބީ ވަރަށް އުފާވެފައެވެ.
ދާއޫދުގެ ކާމިޔާބީ ދެކެ ޝާއުލްގެފާނު ހަސަދަވެރިވުން
ޖުލިޔާތު މަރާލާފައި ހަނގުރާމަ ނިންމާފައި އެ އެންމެން ރަށަށް އެނބުރި އައުމުން އަންހެންވެރިން ޝާއުލްގެފާނަށް މަރުހަބާ ކިޔަން އަތުވެއްޖެއެވެ. އެވެރިން އައިސް އުފާ ފާޅުކޮށް ނަށައި ތާރަޖަހައި ނަރުކޮއްޓި ކުޅެ ހަދަން ފަށައިފިއެވެ. އެމީހުން ލަވަ ކިޔަމުން ދިޔައިރު މިހެން ވެސް ކިއެވެ:
”⁠ޝާއުލް މެރީ ހާސް މީހުން!
ދާއޫދު މެރީ ދިހަހާސް މީހުން!⁠“
މިހެން ކިޔަން ހެދީމާ ޝާއުލްގެފާނު ވަރަށް ކޯފާވެއްޖެއެވެ. ޝާއުލްގެފާނު ހިތްޕުޅަށް އެރިއެވެ. ”⁠އެ ކިޔަނީ ދާއޫދު ދިހަހާސް މީހުން މެރި އިރު އަހަރެން މެރީ އެންމެ އެއްހާސް މީހުންނޭ. މިހާރު ދާއޫދުއަށް ނުލިބިއޮތީ ހަމަ އެކަނި ރަސްކަން.⁠“ އެދުވަހުން ފެށިގެން ޝާއުލްގެފާނުގެ ހިތްޕުޅުގައި ދާއޫދާމެދު ހަސަދައާއި ނަފްރަތުކަން އުފެދިއްޖެއެވެ.
10 ދެން މާތްކަލާނގެ ޝާއުލްގެފާނުގެ މައްޗަށް ގަދަފަދަ ބަދު ރޫޙެއް ފޮނުއްވައިފިއެވެ. ޝާއުލްގެފާނު އޮބިނޯވެގެން ގޭތެރޭގައި މޮޔަގޮވަން ފައްޓަވައިފިއެވެ. އެވަގުތު އެހެންޏާ ވެސް ފަދައިން ދާއޫދު އައިސް ނަރުކޮއްޓި ކުޅެން ފަށައިފިއެވެ. އޭރު ވެސް ޝާއުލްގެފާނުގެ އަތްޕުޅުގައި އޮންނަ ލޮންސި އޮތެވެ. 11 މިކަންތަކުގެ ތެރޭގައި އެ ލޮންސި ދެ ފަހަރަކު ދާއޫދާ ދިމާއަށް އެއްލާ ލެއްވި އެވެ. އެކަލޭގެފާނު ބޭނުންފުޅުވީ ލޮންސިން ދާއޫދު ގައިގައި ޖަހައި ފާރުގައި ހިއްޕާލާށެވެ. އެކަމަކު ދެފަހަރު ވެސް ދާއޫދު ރެކިގެންފި އެވެ.
12 މާތްރަސްކަލާނގެ ޝާއުލްގެފާނު ދޫކުރައްވައި ދާއޫދާއި އެކުގައި ވޮޑިގެންވާތަން ފެނުމުން އެކަލޭގެފާނު ހުންނެވީ ވަރަށް ބިރުފުޅު ގެންފައެވެ. 13 އެހެން ކަމުން ދާއޫދުއާ އެއްހާސް ސިފައިން ހަވާލުކޮށް ހަނގުރާމައަށް ފޮނުއްވައިފިއެވެ. ދާއޫދު އޭނާގެ މީހުން ގޮވައިގެން ހަނގުރާމައަށް ހިނގައްޖެވެ. 14 ދާއޫދު ދިޔަ ކޮންމެ ހަނގުރާމައެއް ވެސް ކާމިޔާބު ވެއެވެ. އެހެނީ މާތްރަސްކަލާނގެ ވަނީ އޭނާއާ އެކުގައެވެ. 15 ދާއޫދަށް މި ލިބޭ ކާމިޔާބީ ފެނިފައި ޝާއުލްގެފާނު އަދި މާބޮޑަށް ބިރުފުޅު ގެންފިއެވެ. 16 އެހެނަސް އިސްރާއީލީންނާއި ޔަހޫޛާގެ މީހުން ތިބީ ދާއޫދުއާ ވަރަށް ރުހި ގަބޫލު ވެގެންނެވެ. އެއީ އެމީހުން ގޮވައިގެން ހަނގުރާމަކުރަން ދާތީއެވެ.
ދާއޫދުގެފާނާއި ޝާއުލްގެފާނުގެ ދަރިކަނބަލުން ކައިވެނި ކުރުން.
17 ޝާއުލްގެފާނު ދާއޫދަށް ވިދާޅުވިއެވެ. ”⁠މިހިރީ އަހަރެންގެ ދޮށީ ދަރިފުޅު މައިރަބު. ކަލޭ ކައިވެނި ކުރުމަށް އޭނާ ދޭން މިއުޅެނީ. އަހަރެން ކަލޭގެ ކިބައިން ބޭނުން ވާހާ ވެސް ކަމަކީ މާތްކަލާގެއަށް ޓަކައި ކުރަންޖެހޭ ހަނގުރާމަތައް ހިތްވަރާއެކު ކަލޭ ކޮށްދިނުން.⁠“ މިއީ ޝާއުލްގެފާނުގެ ރޭއްވެވުމެކެވެ. އެކަލޭގެފާނު ހިތްޕުޅުގައި އޮތީ މިހެންނެވެ. ”⁠އަހަރެންގެ އަތުން މީނާ މަރައެއް ނުލާނަން. އެކަންތައް ކުރުވާނީ ފިލިސްޠީނުން ލައްވާ.⁠“
18 ދާއޫދު ދަންނަވައްޕެވެ. ”⁠އަޅުގަނޑު މީ އެހާ މޮޅު އާއިލާއަކުން އައިސްފައި ހުރި މީހެއް ނޫން. އަދި އެއްވެސް ފެންވަރެއް ވެސް ހުރި މީހެއް ނޫން. އަޅުގަނޑަކީ ރަސްދަރިކަނބަލަކާ ކައިވެނި ކުރަން އެކަށީގެންވާ މީހެއް ނޫން.⁠“ 19 އެކަމަކު ދާއޫދުއާ މައިރަބުގެ ކައިވެނި ހަމަޖެހުނު އިރު އެކަމަނާ ވަނީ މަހޫލްގެ އަދުރިއީލްއާ ކައިވެނި ކުރަން ދެވިފައެވެ.
20 އޭރު ޝާއުލްގެފާނުގެ އަނެއް ދަރިކަނބަލުން މީކާލް ވަނީ ދާއޫދުއާ ހިތާވެފައެވެ. ޝާއުލްގެފާނަށް މި ޚަބަރު ލިބިވަޑައިގަތުމުން އެކަމާ ވަރަށް އުފާފުޅު ވެއްޖެއެވެ. 21 ”⁠އަހަރެން އޭނާއާ އެ ދަރިކަނބަލުން ދެވާނަން.⁠“ ޝާއުލްގެފާނު ހިތްޕުޅާ ހިތްޕުޅުން ވިދާޅުވިއެވެ. ”⁠އޭރުން އެކުއްޖާ ލައްވާ ދާއޫދުގެ ބޮލަށް އެރުވައިގެން ފިލިސްޠީނުން ލައްވާ އޭނާ މަރާލެވިދާނެ.⁠“ އެހެންވެ އަނެއް ފަހަރު ޝާއުލްގެފާނު ދާއޫދަށް ވިދާޅުވިއެވެ. ”⁠މިއަދު އަނެއްކާވެސް ކަލެއަށް އަހަރެންގެ ދަނބިދަރިއަކަށް ވުމުގެ ފުރުސަތު ލިބިއްޖެ.⁠“
22 ދެން ޝާއުލްގެފާނުގެ އަރިހުބޭކަލުންނަށް އެންގެވިއެވެ. ”⁠ދާއޫދު އެކަނި ބަހައްޓައިގެން އޭނާ ގާތު މިވާހަކަ ކަލޭމެން ދައްކާ ބަލަ. ބުނޭ، ’⁠ރަސްގެފާނު ހުންނެވީ ކަލެއާ މެދު ވަރަށް ރުހި ވަޑައިގެންނޭ. އަދި އެކަލޭގެފާނުގެ އަރިހުބޭކަލުން ވެސް ކަލެއާ އެހާ ގަބޫލޭ. މިއީ އެ ރަސްގެފާނުގެ ދަރިކަނބަލަކާ ކަލޭ ކައިވެނި ކުރަން ރަނގަޅު ދަނޑިވަޅެކޭ.⁠‘⁠“ 23 މިވާހަކަ ދާއޫދުގެ ގާތުގައި އެމީހުން ބުނުމުން އޭނާ ބުންޏެވެ. ”⁠ރަސްގެފާނުގެ ދަރިކަނބަލަކާ ކައިވެނި ކުރެވުމަކީ ވަރަށް ބޮޑު ޝަރަފެއް. އެކަމަކު ތިއީ އަހަރެން ކަހަލަ ފަގީރު ނިކަމެތި މީހަކާ އެކަށީގެންވާ ވަރުގެ ކަމެއް ނޫން.⁠“
24 ރަސްގެފާނުގެ އަރިހުބޭކަލުން ދާއޫދު ބުނި ބަސް ދެންނެވުމުން ރަސްގެފާނު ވިދާޅުވިއެވެ. 25 ރަސްގެފާނު އެމީހުންނަށް އަމުރު ކުރެއްވިއެވެ. ”⁠ގޮސް ބުނޭ ކައިވެނީގެ ރަނަކަށް ރަސްގެފާނު ބޭނުންފުޅުހާ ވެސް އެއްޗަކީ ސަތޭކަ ފިލިސްޠީނުން މަރައި އެމީހުންގެ ޚިތާނު ކުރެވުނު ކަމުގެ ނިޝާނޭ.* އެއީ އަދާވާތްތެރިންގެ ކިބައިން ބަދަލު ހިފުމަށޭ.⁠“ ޝާއުލްގެފާނުގެ ރޭއްވެވުމަކީ ދާއޫދު ފިލިސްޠީނުންގެ އަތްދަށު ކޮށް މަރާލުމެވެ.
26 ރަސްގެފާނުގެ އަރިހުބޭކަލުން މިވާހަކަ ބުނުމުން މި ހުށަހެޅުން ދާއޫދު ގަބޫލު ކޮށްފިއެވެ. އޭނާ ހުރީ ރަސްގެފާނުގެ ދަނބިދަރިޔަކަށް ވުމަށް ބޭނުން ވެފައި ވެސް މެއެވެ. އެހެންކަމުން ވަގުތު ހަމަވުމުގެ ކުރީގައި، 27 ދާއޫދުއާއި އޭނާގެ ބައިވެރިން ގޮސް ދުއިސައްތަ ފިލިސްޠީނުން މަރައި އެވިދާޅުވި ފަދައިން ކަންތައް ކޮށްފިއެވެ. ރަސްގެފާނު މި ކަން ކަށަވަރު ކުރެއްވުމަށް ފަހު މީކާލްއާއި ދާއޫދު ކައިވެނި ކުރުވައި ދެއްވައިފިއެވެ. 28 ޝާއުލްގެފާނަށް ދާއޫދާއެކު މާތްރަސްކަލާނގެ ވޮޑިގެންވާކަން އެނގިވަޑައި ގަންނަވައެވެ. އަދި އެކަލޭގެފާނުގެ ދަރިކަނބަލުން ވެސް އޭނާ ދެކެ ލޯބިވާކަން ވެސް އެނގިވަޑައި ގަންނަވައެވެ. 29 އެހެން ކަމުން އެކަލޭގެފާނު ދާއޫދު ދެކެ އަދި ވަކިން ބޮޑަށް ބިރުގަންނަން ފަށައިފިއެވެ. އެކަލޭގެފާނު ދުނިޔޭގައި ހުންނެވިހާތައް ދުވަހު ޝާއުލްގެފާނު ހުންނެވީ ދާއޫދުގެ އަދުއްވެއްގެ ގޮތުގައެވެ.
30 ފިލިސްޠީނުން އައިސް ހަނގުރާމަކޮށް ހަދައެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކު ވެސް ދާއޫދު އެ ހަނގުރާމައެއް ފަތަޙަ ކުރެއެވެ. އަދި ރަސްގެފާނުގެ އެހެން ހުރިހާ ހަނގުރާމަވެރި އޮފިސަރުންނަށް ވުރެން ކުރިހޯދައެވެ. ނަތީޖާއަކަށް ވީ ދާއޫދު އިތުރަށް ނަން މަޝްހޫރު ވެގެން ދިއުމެވެ.
* 18:25 އެއީ އެމީހުން ޚިތާނު ކުރެވުނު ހަންކޮޅެވެ.