24
ދާއޫދުގެފާނު ޝާއުލްގެފާނުގެ ފުރާނަ ސަލާމަތް ކޮށްދެއްވުން
ޝާއުލްގެފާނު ފިލިސްޠީނުން ފައްސާލާފައި އެނބުރި ވަޑައިގެންނެވުމުން މީހުން ދަންނަވައްޕެވެ. ”ދާއޫދު ވީ ޢައިނު ޖަދްޔި ސަހަރާގެ ތެރޭގައި.“ ދެން ޝާއުލްގެފާނު އިސްރާއީލްގެ ތެރޭން ހޮވައިގެން ގެންނެވި ކުޅަދާނަ ތިންހާސް ފަހުލަވާނުންނާ އެކު އެހިސާބުގައި ”އޮންނަ ވަލު ބަކަރިތަކުގެ ގާ“ އޭ ކިޔާ ހިސާބު ހޯއްދަވަން ފައްޓަވައިފިއެވެ.
އިސާހިތަކު މަގުމަތީގައި ކަންބަޅިބަކަރި އައިންތަކެއް ހުރި ހިސާބަކަށް އެކަލޭގެފާނަށް ވަޑައިގެންނެވިއްޖެއެވެ. ދެން އެހިސާބުގައި ހުރި ހޮހަޅައަކާ އަރާ ހަމަވިތަނާ ޝާއުލްގެފާނު ހާޖަތެއް ފުއްދަވަން ޖެހިވަޑައިގެން އެތަނަށް ވެދެވަޑައިގެންފިއެވެ. އެވަގުތު ދާއޫދުއާއި އޭނާގެ މީހުން ތިބީ އެ ހޮހަޅައިގެ ފުނުގައެވެ. މީހަކު އައިސް ދާއޫދުގާތު ބުނެއްޕެވެ. ”މާތްރަސްކަލާނގެ ކަލޭގެފާނަށް އެދުވަހަކާ މެދު ވަޢުދު ކުރެއްވި ދުވަސް މިއޮތީ އައިސްފަ. އެކަލާނގެ އެންގެވިއެއް ނޫންތަ ކަލޭގެ އަދާވާތްތެރިންނަށް ކަލޭ ހަދާނެ ގޮތެއް ހެދުމަށް ކަލެއާ ހަވާލު ކުރައްވާނަމޭ.“ ދެން ދާއޫދު ސިއްރު ސިއްރުން ގޮސް ޝާއުލްގެފާނުގެ ހެދުންކޮޅުގެ ފަސްބައިން ތަންކޮޅެއް ކަނޑައިގެން ގެންގޮސްފިއެވެ.
އިސާހިތަކު ދާއޫދަށް މި ކުރެވުނު ކަންތަކާއިމެދު ދެރަހީވެއްޖެ އެވެ. އެހެނީ އޭނާ އެވަނީ ޝާއުލްގެފާނުގެ ހެދުންކޮޅުން ބައެއް ކަފައިގެންފައެވެ. ދާއޫދުގެ މީހުންނަށް އޭނާ ބުންޏެވެ. ”އަހަރެންގެ ސާހިބާއާ މެދު މިފަދަ ކަމެއް ކުރެވޭނެގޮތް މާތްރަސްކަލާނގެ މެދުވެރި ނުކުރައްވާށި! މާތްރަސްކަލާނގެ އައްޔަން ކުރައްވާފައިވާ ރަސްކަލަކާ ދިމާއަށް އަތް އުފުއްލެވޭނެ ގޮތް މެދުވެރި ނުކުރައްވާށި!“ މިހެން ބުނެ ދާއޫދުގެ މީހުންނަށް ޝާއުލްގެފާނަށް ހަމަލައެއް ނުދިނުމަށް ގަދަ ބަހުން އެންގެވިއެވެ. އޭރު ޝާއުލްގެފާނު އެތަނުން ނުކުމެ ވަޑައިގެން ވަޑައިގަންނަވަނީއެވެ.
ދާއޫދު ހޮހަޅައިން ނުކުމެ އެކަލޭގެފާނުގެ ފަހަތުގައި ހުރެ ގޮވައި ދަންނަވައިފިއެވެ. ”ސާހިބު ރަސްގެފާނު!“ ރަސްގެފާނު އެނބުރިވަޑައިގެން ބެއްލެވި އިރު ދާއޫދު ގުދުވެ ބިންމަތީ މޫނު ޖައްސައި ކުރުނީސް ކޮށްގެން ހުއްޓެވެ. އޭނާ ދެންނެވިއެވެ. ”އަޅުގަނޑު މަނިކުފާނަށް ގެއްލުމެއް ދޭން އުޅެޔޭ ކިޔައިގެން މީހުން އެ ދައްކާ ވާހަކަ އަޑު އައްސަވަނީ ކީއްވެތޯ؟ 10 ކަލޭގެފާނުގެ ލޯފުޅުން ނޫންތޯ ތިޔަ ދެކެވަޑައިގަތީ އަޅުގަނޑުގެ އަތްދަށަށް މާތްރަސްކަލާނގެ ކަލޭގެފާނު ހޮހަޅައިގެ ތެރެއަށް ފޮނުއްވި ކަން. މީހުން އަޅުގަނޑުގެ ގާތު ބުނި ކަލޭގެފާނު އަވަހާރަކޮށްލާށޭ. އެކަމަކު އަޅުގަނޑު ކަލޭގެފާނަށް ރަޙުމުކުރީމެއް ނޫންތޯ؟ އަޅުގަނޑު ބުނިން ކަލޭގެފާނަކީ މާތްރަސްކަލާނގެ އައްޔަން ކުރައްވާފައި ހުރި ރަސްކަލެކޭ. އަޅުގަނޑުގެ ސާހިބާއާ އިދިކޮޅަށް އަތް ނުއުފުލާނަމޭ. 11 ބައްޕާފުޅާ، ނިކަން ބައްލަވަ މިއޮތީ ކަލޭގެފާނުގެ ހެދުންކޮޅުން އަޅުގަނޑު ކަނޑާފައިވާ އެތިކޮޅެއް. އަޅުގަނޑު ކެނޑީ މި އެތިކޮޅު. އެކަމަކު ކަލޭގެފާނަށް ޣައްދާރުވެ އަވަހާރަ ކޮށެއް ނުލަން. މިހާރު ގަބޫލު ކުރެއްވޭނެ ނޫންތޯ މަނިކުފާނު އަޅުގަނޑު އަތުލައިގަނެ މަރާލަން އުޅުއްވި އިރުވެސް އަޅުގަނޑު ކަލޭގެފާނަށް ގެއްލުމެއް ދޭން ނޫޅޭކަން. 12 އަޅުގަނޑުމެން ކުރި ކުށެއް ވިއްޔާ އެކުށަކަށް އިންސާފު ކުރައްވާނީ މާތްރަސްކަލާނގެ. ކަލޭގެފާނު އަޅުގަނޑާއި މެދު ކުރެއްވި ކަމަކަށް އެކަލާނގެ ސަޒާ ދެއްވާނެ. އެކަމަކު އަޅުގަނޑު ކަލޭގެފާނަކަށް ގެއްލުމެއް ނުދޭނަން. 13 މުސްކުޅި ހަރުބަހެއްގައި އޮވޭ ނޫންތޯ ’ނުބައި ކަންތައް ކުރެވޭނީ ނުބައިމީހުންގެ ކިބައިންނޭ‘ އަޅުގަނޑު ކަލޭގެފާނަކަށް ދެރައެއް ނުދޭނަން. 14 އިސްރާއީލްގެ ރަސްގެފާނު ތިޔަ ވަޑައިގަންނަވަނީ ކާކުގެ ފަހަތުން ތޯ؟ ކަލޭގެފާނު ތިޔަ ފައްސަވަނީ މަރުވެފައިވާ ކުއްތާއެއް ތޯ؟ ނުވަތަ ސެއްޅިއެއް ތޯ؟ 15 މާތްރަސްކަލާނގެ އަހަރެމެންގެ ދެމެދުގައި އިންސާފު ކުރައްވާށި. އަދި އަޅުގަނޑު މި ދަންނަވަނީ ތެދެއްކަން އެކަލާނގެ ހެކިވެވޮޑިގަންނަވާށި! މާތްރަސްކަލާނގެ ކަލޭގެފާނުގެ އަތްޕުޅުދަށުން އަޅުގަނޑު ސަލާމަތް ކުރައްވާށި!“
16 ދާއޫދު މިވާހަކަ ދަންނަވާ ނިމުމުން ޝާއުލްގެފާނު ވިދާޅުވިއެވެ. ”ދަރިފުޅާ! ތިއީ ކަލޭގެ އަޑުތަ؟“ ދެން އެކަލޭގެފާނު ގަދަ އަޑުން ކީރިތި ކުރައްވައިގެންފިއެވެ. 17 އެކަލޭގެފާނު ވިދާޅުވިއެވެ. ”ކަލެއަކީ އަހަންނަށް ވުރެން މާ ރަނގަޅު މީހެއް. ކަލޭ އަހަންނާމެދު ކަންތައް ކުރީ ރަނގަޅަށް. އެކަމަކު ކަލެއާ މެދު އަހަރެން ކަންކުރީ އިހާނާތްތެރި ގޮތުގައި. 18 މާތްރަސްކަލާނގެ ކަލޭގެ އަތްދަށަށް އަހަރެން ފޮނުއްވި ހިނދު ކަލޭ އަހަރެން މަރައެއްނުލި. ކަލޭ ތިބުނީ ކަލޭ ކަންތައް ކުރި ރަނގަޅު ގޮތުގެ ވާހަކަ. 19 މީހެއްގެ އަތްދަށަށް އޭނާގެ އަދާވާތްތެރިޔަކު ހިނގައްޖެނަމަ ގެއްލުމެއް ނުދީ ދޫކޮށެއް ނުލާނެ. މިއަދު ކަލޭ އަހަންނާ މެދު ކަންތައް ތިޔަ ކުރި ރަނގަޅު ކަމަށްޓަކައި މާތްރަސްކަލާނގެ ކަލެއަށް އެކަމުގެ ހެޔޮ ޖަޒާ ދެއްވާށި. 20 އަހަންނަށް ވެސް އެނގޭ އިސްރާއީލްގެ ރަސްކަން ލިބޭނީ ކަލެއަށް ކަން. އަދި އިސްރާއީލުގެ ރަސްކަން ގާއިމުވެގެން ދާނީ ކަލޭގެ ވެރިކަމުގައި ކަން. 21 މިހާރު ކަލޭ ހުވާކޮށްފައި ބުނޭ ކަލޭ އަހަރެންގެ ދަރިފަސްކޮޅު މަރައި އަހަރެންގެ ބައްޕަގެ އާއިލާއިން އަހަރެންގެ ނަން ފޮހެ ނުލާނެ ކަމަށް.“
22 ދެން ދާއޫދު އެގޮތުގެ މަތިން ޝާއުލްގެފާނު ކުރިމަތީ ހުވާކޮށްފި އެވެ. ޝާއުލްގެފާނު ރަށަށް އެނބުރިވަޑައިގެންފި އެވެ. ދާއޫދުއާއި އޭނާގެ މީހުން ފިލާތިބި ތަނަށް ހިނގައްޖެއެވެ.