12
ދާއޫދުގެފާނަށް މާތްރަސްކަލާނގެ ނުރުހުންވެ ވޮޑިގެންނެވުން
މާތްރަސްކަލާނގެ ދާއޫދުގެފާނުގެ އަރިހަށް ނަބީ ނާޘާން ފޮނުއްވިއެވެ. ނާޘާން ގޮސް މިހެން ދެންނެވިއެވެ. ”އެއް ރަށެއްގައި ދެމީހަކު ތިބި. އެކަކީ މުއްސަންޖެއް. އަނެކަކީ ފަގީރެއް. މުއްސަނދި މީހާގެ އަތުގައި ވަރަށް ގިނަ ގެރިތަކާއި ކަންބަޅިތައް ހުރި. ފަޤީރު މީހާގެ އަތުގައި އޮތީ އޭނާ ގަނެގެން ގެންގުޅޭ ކުޑަ ޅަ ކަންބަޅިއެއް އެކަނި. ފަޤީރު މީހާގެ އެކަންބަޅި އޭނާ ބޮޑުކުރީ އޭނާގެ ދަރިންނެކޭ އެއްފަދައިން. އޭނާ ކާއެއްޗެއް ކާންދީގެން، އޭނާ ބޯ އެއްޗެއް ބޯންދީގެން. އެސޮރު ނިންދަވަނީ އޭނާގެ އުނގުގައި ބާއްވައިގެން. އެ ކަންބަޅި އޭނާގެ އަންހެން ދަރިއެއް ފަދަ.
އެއްދުވަހަކު އެރަށު މުއްސަނދިމީހާގެ ގެއަށް މެހުމާނަކު ޒިޔާރަތް ކޮށްފި. އޭނާ އެ ދަތުރުވެރިޔާއަށް ކާންދޭން ބޭނުންވި. އެހެންނަމަވެސް އޭނާގެ އަމިއްލަ ގެރިއެއް ބަކަރިއެއް ކަތިލާކަށް ބޭނުމެއް ނުވި. މުއްސަނދިމީހާ ހެދިގޮތަކީ ގޮސް ފަޤީރު މީހާގެ އެ ކުޑަ ކަންބަޅި އަތުލައިގެން އައިސް ކަތިލައި މެހުމާނަށް ކާން ދީފި.“
ދާއޫދުގެފާނު އެ މުއްސަނދިމީހާ ދެކެ ވަރަށް ކޯފާވެއްޖެއެވެ. އެކަލޭގެފާނު ނާޘާންއަށް ވިދާޅުވިއެވެ. ”ދިރި ދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ބުނަން. ތިޔަފަދަ މީހަކަށް މަރު ޙައްޤު ވެއްޖެ. އެ ފަޤީރު މީހާގެ ޅަކަންބަޅީގެ އަގު ހަތަރު ގުނައަށް އަދާ ކުރަން ޖެހޭނެ. ތިޔަ މީހާގެ ކިބައިގައި ކުޑަވެސް ރަޙުމެއް ނެތް.“
ދެން ނާޘާން ދާއޫދުގެފާނަށް ދެންނެވިއެވެ. ”އެ މުއްސަނދި މީހާއަކީ ޚުދު ކަލޭގެފާނު. އިސްރާއީލުގެ ވެރި ކަލާނގެ ވަޙީ ކުރެއްވީ މިހެން: ’ތިމަންކަލާނގެ ކަލޭގެފާނު ރަސްކަމަށް ހޮއްވަވައި ޝާއުލްގެފާނުގެ ކިބައިން ސަލާމަތް ކުރެއްވީމޭ. ކަލޭގެފާނަށް ޝާއުލްގެފާނުގެ ރަސްކަމާއި އެރަސްގެފާނުގެ އަނބިންތައް ވެސް ދެއްވީމޭ. އަދި ކަލޭގެފާނަށް އިސްރާއީލާއި ޔަހޫޛާގެ ރަސްކަން ވެސް ދެއްވީމޭ. ކަލޭގެފާނު އިތުރަށް ބޭނުން ވިނަމަވެސް ތިމަންކަލާނގެ އޭގެ ދެގުނަ ދެއްވީމުހޭ. އެހެން ކަންތައް ހުރި އިރު ކަލޭގެފާނު ތިމަންކަލާނގެ ބަސްތަކާ ޚިލާފުވީ ކީއްވެހޭ؟ ތިމަންކަލާނގެ ނަފްރަތުވާ ފަދަ ކަންތަކެއް ކުރެއްވީ ކީއްވެހޭ؟ ކަލޭގެފާނު އޫރިއްޔާގެ އަނބިމީހާ އަތުލައިގަންނަވައި އަދި ޢައްމޫނީންގެ ކަނޑިދަށުލައި އުރިއްޔާ މަރުއްވާ ލެއްވީއޭ. 10 އެހެންކަމުން ކަލޭގެފާނުގެ ގޭދޮށަކުން ދެން ކަނޑިއެއް ދުރެއް ނުވާނެޔޭ. އެއީ ކަލޭގެފާނު ޙިއްޘީންގެ އުރިއްޔާގެ އަނބިމީހާ ގެންދަވައި ކަލޭގެފާނުގެ އަނތްބަކަށް ހައްދަވައި ތިމަންކަލާނގެއާ މެދު އިހާނާތްތެރި ކޮށް ހިތީމައޭ.‘
11 މިއީ މާތްރަސްކަލާނގެ ވަޙީކުރެއްވި ގޮތް: ’މިހެންވެ ތިމަންކަލާނގެ ކަލޭގެފާނަށް އާފާތްތަކެއް ފޮނުއްވާނަމޭ. އެ މުސީބާތް އަންނާނީ ޚުދު ކަލޭގެފާނުގެ އާއިލާގެ ތެރޭންނޭ. ތިމަންކަލާނގެ ކަލޭގެފާނުގެ ލޯފުޅުމަތީގައި ކަލޭގެފާނުގެ އަނބިންތައް ކަލޭގެފާނުގެ ކިބައިން އަތުލައްވައި ކަލޭގެފާނުގެ ގާތް މީހުންގެ ތެރޭން މީހަކަށް ދެއްވާނަމޭ. އޭނާ ކަލޭގެފާނުގެ އަނބިންނާއެކީ އުޅޭނީ ހާމަކަންމަތީގައޭ. 12 ކަލޭގެފާނު ބަތުޝަބާއާ އެކު އުޅުނީ ސިއްރިއްޔާތުގައި ނޫންހޭ؟ އެކަމަކު ތިމަންކަލާނގެ ކަލޭގެފާނަށް މިސަޒާ ދެއްވާނީ އިސްރާއީލުގެ އެންމެންގެ ކުރިމަތީގައި ރޯމާ ދުވާލުގައޭ.‘ “
13 ދެން ދާއޫދުގެފާނު ނާޘާންއަށް ވިދާޅުވިއެވެ. ”އަހަރެންނަށް މާތްރަސްކަލާނގެ ކިބަފުޅަށް ފާފަ ކުރެވިއްޖެ!“
ދެން ނާޘާން ދާއޫދުގެފާނަށް ދެންނެވިއެވެ. ”އެހެންނަމަވެސް މާތްރަސްކަލާނގެ ކަލޭގެފާނަށް އަފޫ ކުރައްވައިފި. ކަލޭގެފާނުގެ ތިޔަފާފައިގެ ސަބަބުން މަރުނުގެންނެވުމަށް އެކަލާނގެ ހިންމަވައިފި. 14 އެކަމަކު ކަލޭގެފާނު ކުރެއްވި ކަންތަކުގެ ސަބަބުން މާތްރަސްކަލާނގެ އަދާވާތްތެރިންގެ ކުރިމަތީގައި އެކަލާނގެ ނަންފުޅު ކިލަނބު ވެއްޖެ. އެހެންކަމުން ކަލޭގެފާނަށް ތިޔަ ލިބިވަޑައިގެންނެވި ދަރިކަލުންނެއް އެކަލާނގެ ދިރިއެއް ނުބަހައްޓަވާނެ.“
15 ދެން ނަބީ ނާޘާން އެނބުރި ގެޔަށް ހިނގައްޖެވެ. އޭގެ ފަހުން އުރިއްޔާގެ އަނބިމީހާ ވިހޭ ދަރިފުޅަށް މާތްރަސްކަލާނގެ ބަލިމަޑުކަމެއް ޖައްސަވައިފިއެވެ. 16 ދާއޫދުގެފާނު އެކުއްޖާ ފަސޭހަކުރެއްވުން އެދި ﷲގެ ކިބަފުޅަށް ދުޢާ ދެންނެވިއެވެ. އެކަލޭގެފާނު ކާއެއްޗެއް ފަރީއެއް ނުކުޅުއްވައެވެ. ގެޔަށް ވަޑައިގެން މުޅި ރޭގަނޑު ބިންމަތީގައި އޮންނަވަނީއެވެ.
17 ދާއޫދުގެފާނުގެ އަރިސްބޭކަލުން އައިސް އުޅެއުޅެވެސް އެކަލޭގެފާނު ބިންމަތިން ތެދުވެވަޑައިގަންނަވާނެ ގޮތެއް ނުވިއެވެ. އަދި އެއްޗެއް ފަރީއްކުޅުއްވާނެ ގޮތެއްވެސް ނުވިއެވެ.
18 ހަތްވަނައަށް ވީ ދުވަހު ކުއްޖާ މަރުވެއްޖެއެވެ. އެކަމަކު ދާއޫދުގެފާނުގެ އަރިހުބޭކަލުންނަކަށް އެކަލޭގެފާނުގާތު އެވާހަކަ ދަންނަވާކަށް ނުކެރުނެވެ. އެމީހުން ހިތަށް އެރީ މިހެންނެވެ: ”ދަރިފުޅު މަރުނުވެ އޮތް އިރުވެސް އަހަރެމެން ދާއޫދުގެފާނަށް ބަސް ދަންނަވަން އުޅުނިން. އެކަމަކު އެކަލޭގެފާނު އަހަރެމެންގެ ބަހެއް އަޑެއް ނޭއްސެވި. މިހާރު ދަރިފުޅު މަރުވީމާ އެވާހަކަ އަހަރެމެން ދަންނަވައިފިއްޔާ އެކަލޭގެފާނު ކުރައްވާނީ ކޮންފަދަ ކަމެއްކަން ވެސް ނޭނގޭ.“
19 އެކަމަކު ދާއޫދުގެފާނުގެ އަރިހުބޭކަލުން ވައިއަޑުން މިވާހަކަތައް ދައްކާކަން އެނގިވަޑައިގެންފިއެވެ. އެހެންވެ ދަރިފުޅު މަރުވެއްޖެކަން އެކަލޭގެފާނަށް ޔަޤީންވެ ވަޑައިގެންފިއެވެ. އެކަލޭގެފާނު އަރިހުބޭކަލުން ކުރެން އެއްސެވިއެވެ. ”ދަރިފުޅު މަރުވީ ދޯ؟“
އަރިހުބޭކަލުން ދެންނެވިއެވެ. ”އާދެ! ދަރިފުޅު ނިޔާވެއްޖެ!“
20 ދެން ދާއޫދުގެފާނު ބިންމަތިން ތެދުވެވަޑައިގެން ނާނަފުޅުފިއްލަވައި، ގައިކޮޅުގައި ތެޔޮފޮދު ތުރުކުރައްވައި ހެދުންކޮޅު ބަދަލު ކުރައްވައިގެން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއްވުމަށް އަޅުކަމުގެ މަޤާމަށް ވެދެވަޑައިގެންފިއެވެ. އެކަންތަކަށް ފަހު ގެޔަށް އެނބުރި ވަޑައިގެން ފަރިއްކޮޅު ތައްޔާރު ކުރުމަށް ވިދާޅުވުމުން ޚާދިމުން ފަރިއްކޮޅު އަރުވައިފިއެވެ. ދެން އެކަލޭގެފާނު ރަނގަޅަށް ފަރީއްކުޅުއްވައިފިއެވެ.
21 ދާއޫދުގެފާނުގެ އަރިހުބޭކަލުން ދެންނެވިއެވެ. ”ދަރިފުޅު ދިރިއޮތްވާ ކަލޭގެފާނު ފަރީއްކުޅުއްވަން އިންކާރު ކުރައްވައި ކީރިތި ކުރެއްވީ. އެކަމަކު ދަރިފުޅު ނިޔާވީމާ ކަލޭގެފާނު ތެދުވެ ވަޑައިގެން ތިޔަ ފަރީއްކުޅުއްވަނީ ކީއްވެތޯ؟“
22 ދާއޫދުގެފާނު ވިދާޅުވިއެވެ. ”ދަރިފުޅު ދުނިޔޭގައި އޮތް އިރު އަހަރެން ނުކައި އެހާވަރަށް ރޮއިހެދީ މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް ރަޙުމު ކުރައްވައި ދަރިފުޅު ދުނިޔޭގައި ލަހައްޓަވާނެ ކަމަށް. 23 ދަރިފުޅު މަރުވީމާ އަހަރެން ދެން ނުކައި ހުންނަންވީ ކީއްވެ؟ އޭރުން އެ ދަރިފުޅު ދިރޭނެތަ؟ އެހެނެއް އެކަމެއް ނުވާނެ. ކޮންމެވެސް ދުވަހަކުން އަހަރެން އެދަރިފުޅު ގާތަށް ދާނަން. އެކަމަކު މިހާރަކު އޭނާއަކަށް އަހަރެންގެ ގާތަކަށް ނާދެވޭނެ.“
ސުލައިމާނުގެފާނު އުފަންވެވަޑައިގަތުން
24 އޭގެ ފަހުން ދާއޫދުގެފާނު އެކަލޭގެފާނު އަނބިކަނބަލުން ބަތުޝަބާ މަސަލަސް ކުރެއްވިއެވެ. ދެން އެކަލޭގެފާނު އެކަމަނާއާއެކު ރޭކުރައްވައިފިއެވެ.
ބަތުޝަބާ ބަލިވެ އިންނަވައި ދެވަނަ ފިރިހެން ދަރިފުޅާއިގެން ރައްކާވެއްޖެއެވެ. އެދަރިފުޅަށް ދާއޫދުގެފާނު ނަން ދެއްވީ ސުލައިމާން އެވެ.
މާތްރަސްކަލާނގެ ސުލައިމާނު ދެކެ ލޯބިވެވޮޑިގެންނެވިއެވެ.
25 އޭގެ ފަހުން މާތްރަސްކަލާނގެ ނާޘާން ނަބީކަލޭގެފާނު މެދުވެރި ކުރައްވައި ސުލައިމާނަށް ޔަދީދިޔާގެ ނަމުން ނަން ދެއްވިއެވެ.*12‏:25 ޔަދީދިޔާގެ މާނައަކީ މާތްރަސްކަލާނގެ ލޯބިވެވޮޑިގަންނަވައެވެ.
ޢައްމޫނީންގެ ހަނގުރާމަ ނިމުން
26 މިހިނދު ރައްބާ އަކީ އަމޫނީންގެ ވެރި ރަށެވެ. ޔުއާބު ޢައްމޫނީންނާ ހަނގުރާމަކޮށް އެމީހުންގެ ރަސްގެފާނުގެ ކޮއިލު އަތުލައިފިއެވެ. 27 ދެން ޔުއާބު މި ޚަބަރާއިގެން ދާއޫދު ރަސްގެފާނުގެ އަރިހަށް ވަފުދެއް ފޮނުވައިފިއެވެ. ”އަޅުގަނޑު ރައްބާގެ ސަހަރާ ހަނގުރާމަކޮށް އެ ސަހަރަށް ފެން ގެންނަ ސަރަހައްދު މިހާރު މިވަނީ އަޅުގަނޑުގެ ބާރު ދަށުގައި. 28 ދެން ތިބި އެންމެން އެއްކޮށް ގެންނަވައި ރައްބާއަށް އެކީއެކަށްޗަކަށް ހަމަލަދީ އެރަށް ހިފަންވީ ނޫންތޯ؟ އަޅުގަނޑު މި ސަހަރު ހިފައިފިއްޔާ އެކަމުގެ ރީތިނަން ލިބޭނީ އަޅުގަނޑަށް. އެހެންވީމާ މަނިކުފާނު ވަޑައިގެން މި ސަހަރު ހިއްޕަވަންވީ ނޫންތޯ.“
29 އެހެންވެ ދާއޫދުގެފާނު ހުރިހާ ހަނގުރާމަވެރިން އެއްކުރައްވައި ރައްބާއަށް ވަޑައިގެންފިއެވެ. ދެން އެކަލޭގެފާނު ރައްބާއާ ހަމަލާދެއްވައި އެރަށް އަތުލައިގެންފިއެވެ.
30 ދާއޫދުގެފާނު އެތަނުގެ ރަސްގެފާނުގެ ތާޖު ނެންގެވިއެވެ. އެއީ ރަނުން ހަދާފައިވާ ތާޖެކެވެ. އޭގެ ބަރުދަނުގައި ތިރީސް ހަތަރު ކިލޯ ހުރެއެވެ. އަދި އޭގައި ވަރަށް އަގުބޮޑު ޖަވާހިރުތައްވެސް ހުއްޓެވެ. ދެން އެމީހުން އެ ތާޖު ދާއޫދުގެފާނުގެ އިސްތަށިފުޅުގައި ތުރުކުރުވިއެވެ. މީގެ އިތުރުން ދާއޫދުގެފާނު އެރަށުން އަގުބޮޑެތި ޣަނީމާތައް ނެންގެވިއެވެ.
31 ދެން ދާއޫދުގެފާނު އެރަށުގެ މީހުން މަސައްކަތަށް ނެރުއްވިއެވެ. އެމީހުންގެ އަތަށް ކީސްތަކާއި ފާންތިލަތަކާއި މުޅޯތައް ހަވާލު ކުރައްވައި އެމީހުންލައްވާ ރާނާ ގާ އެޅުއްވިއެވެ. އެގޮތުގެ މަތިން ޢައްމޫނީންގެ އެހެން ސަހަރުތަކުގެ މީހުންނާ މެދުވެސް ކަންތައް ކުރެއްވިއެވެ. ދެން ދާއޫދުގެފާނު އެކަލޭގެފާނާއި އެކުގައި އައި ފައުޖާއެކު އެނބުރި ޖެރޫސަލަމަށް ވަޑައިގެންފިއެވެ.

*12:25 12‏:25 ޔަދީދިޔާގެ މާނައަކީ މާތްރަސްކަލާނގެ ލޯބިވެވޮޑިގަންނަވައެވެ.