13
އަބްރާމް އާއި ލޫޠުގެ ވަކިވުން
ދެން އަބްރާމް އާއި ސާރާއީ އެމީހުންނަށް މިލްކުވެގެންވީ ތަކެއްޗާއިގެން ދެކުނުގެ ސަހަރާއަށް ވަޑައިގަތެވެ. އަދި އެމީހުންނާއިއެކު ލޫޠުގެފާނު ވެސް ވަޑައިގަތެވެ. އަބްރާމް އަތުގައި ގެރިބަކަރިއާއި ކަންބަޅިތަކުގެ އިތުރުން ރަނާއި ރިހި ގިނަވެ މިހާރު ވަނީ މުއްސަނދިވެފައެވެ. 3‏-4 އަބްރާމް ދެކުނުގެ ސަހަރާގެ އެއްތަނުން އަނެއްތަނަށް ދަތުރު ކުރައްވާ، އުތުރުގެ ސަރަހައްދުގައިވާ ބައިތުއީލްއާއި ޢާޔަ އަވަށުގެ ދެމެދުގައި ފޭލިގެ ޖެއްސެވިއެވެ. މިތަނަކީ މީގެ ކުރިންވެސް އެތަނެއްގައި އެކަލޭގެފާނު ފޭލިގެ ޖެއްސެވުމަށް ފަހު ޤުރުބާން ކުރުމަށްޓަކައި އަށި ބިނާކުރެއްވި ތަނެވެ. އަދި މިތަނުގައި އެކަލޭގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއްވިއެވެ. ލޫޠުގެފާނު ވެސް އެކަލޭގެފާނުގެ ކަންބަޅިތަކާއި އެހެނިހެން ޖަނަވާރުތަކާއި އަޅުންނާއި އަދި އާއިލާ ގޮވައިގެން އަބްރާމް އާއިއެކު ވަޑައިގަތެވެ. 6‏-7 ނަމަވެސް މިދުވަސްވަރު ކަންޢާނުގެ އަހުލުވެރިންނާއި ފަރިއްޒީނުގެ އަހުލުވެރިން މި ސަރަހައްދުގައި ދިރިއުޅެމުން ދިއުމުގެ ސަބަބުން އަބްރާމް އާއި ލޫޠުގެފާނުގެ ޖަނަވާރުތަކަށް ކާންދޭނޭފަދަ ބޮޑު ވިނަ ބިމެއް އެ ސަރަހައްދަކު ނެތެވެ. މިގޮތަށް ދިމާވުމުން އެމީހުންގެ ޖަނަވާރުތައް ބަލަހައްޓާ މީހުންގެ މެދުގައި ދެބަސްވުން އުފެދި ޒުވާބު ފެށުނެވެ. މިގޮތަށް މިކަން ދިމާވުމުން އަބްރާމް ލޫޠުގެފާނަށް ވިދާޅުވިއެވެ. ”އަހަރެމެންނަކީ އެއް އާއިލާއެއްގެ ދެމީހުން. އަހަރެމެން އެކަކު އަނެކަކުދެކެ ރުޅިއައިސްގެން ނުވާނެ. އަދި އަހަރެމެން ދެމީހުންގެ މަސައްކަތު މީހުންވެސް އެކަކު އަނެކެއްގެ ގަޔަށް އަތްލައި ހަދައިގެން ނުވާނެ. ތިބާ ޚިޔާރު ކުރާ ތަނަކުން ބިން ޚިޔާރު ކުރުމަށް ބިން އެބައޮތް. ދެމީހުން ވަކިން ދިރިއުޅެމާ ހިނގާ. ތިބާ އުތުރުގެ ސަރަހައްދު ޚިޔާރު ކުރާނަމަ އަހަރެން ދެކުނުގެ ސަރަހައްދަށް ހިނގައިދާނަން. ތިބާ ދެކުނުގެ ސަރަހައްދު ޚިޔާރު ކުރާނަމަ އަހަރެން އުތުރުގެ ސަރަހައްދަށް ހިނގައިދާނަން.“
10‏-11 ވަށައިގެންވާ ހުރިހާ ތަނަކަށް ލޫޠުގެފާނު ބެއްލެވުމަށް ފަހު އުރުދުންގެ ވާދީގައިވާ، ފެންލިބެން އޮތްތަނެއް ފެނިވަޑައިގަތެވެ. މާތްރަސްކަލާނގެ، ޢަދަންގައި ހެއްދެއްވި ބަގީޗާއާއި މިޞްރުގައިވާ ފެހިގަސްތައް ފަދައިން އުރުދުން އިން ޞޫޣަރު އާއި ހަމައަށް އޮތް މި ވާދީ ޚިޔާރު ކުރެއްވުމަށް ފަހު އެތަނަށް ވަޑައިގަތުމަށް އެކަލޭގެފާނު ދަތުރު ފެއްޓެވިއެވެ. މި ހިސާބުން އަބްރާމް އާއި ލޫޠުގެފާނު ވަކިވެވަޑައިގަތެވެ. މިކަން މިގޮތަށް ދިމާވީ މާތްރަސްކަލާނގެ ސަދޫމާއި ޢަމޫރަތު ނެތިކުރެއްވުމުގެ ކުރީގައެވެ. 12 އަބްރާމް ކަންޢާނުގައި މަޑުކުރެއްވިއެވެ. ނަމަވެސް ލޫޠުގެފާނު ވާދީގެ ތެރޭގައި ސަދޫމުއާ ވަރަށް ގާތުގައި ވަޒަންވެރިވެ ވަޑައިގަތެވެ. 13 އެރަށުގެ މީހުންނަކީ މާތްރަސްކަލާނގެ މަނާކުރައްވާފައިވާ ނުބައި ނުލަފާ ކަންތަކެއްކުރާ ނުބައި ބަޔެކެވެ.
އަބްރާމް (އިބްރާހީމްގެފާނު) ހަބްރޯންއަށް ވަޑައިގަތުން
14 އަބްރާމްއާއި ލޫޠުގެފާނު ވަކިވީ ފަހުން މާތްރަސްކަލާނގެ އަބްރާމަށް ވަޙީކުރެއްވިއެވެ. ”އުތުރާއި ދެކުނާއި އިރުމައްޗާއި ހުޅަނގަށް ބަލާލަބަލަ. 15 ތިބާއަށް ތިޔަ ފެންނަ ހުރިހާ ސަރަހައްދަކުން ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ތިމަންކަލާނގެ އަބަދަށްޓަކައި ބިންދޭނަން. 16 ތިމަންކަލާނގެ ތިބާގެ ދަރިފަސްކޮޅު ދުނިޔޭގައިވާ ވެއްޔަށްވުރެން އިތުރުކުރައްވައި ގުނާ އަދަދު ނުކުރެވޭ ވަރަށް ގިނަ ކުރައްވާނަން. 17 މިހިސާބުގަނޑުގެ އެއްކޮޅުން އަނެއްކޮޅަށް ފައިމަގުގައި ދަތުރުކުރޭ. އެތަންތަނަކީ އަހަރެން ތިބާއަށް ދޭނެ ބިންތައް.“ 18 އެހިނދު އަބްރާމް އެކަލޭގެފާނުގެ ފޭލިގެ ނަންގަވައިގެން ދަތުރުކުރައްވާ ގޮސް ޙަބްރޫނުގެ ސަރަހައްދުގައިވާ މަމްރާގެ ބޮޑެތި ގަސްތަކުގެ ކައިރީ ފޭލިގެ ޖެއްސެވިއެވެ. މިތަނުގައި އެކަލޭގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއްވުމަށްޓަކައި ޤުރުބާން ކުރުމަށް އައްޓެއް ބިނާކުރެއްވިއެވެ.