14
އަބްރާމް ލޫޠު ސަލާމަތްކުރެއްވުން
1‏-2 ހަތަރު ރަސްކަލުން ކަމުގައިވާ، ޝިންޢާރުގެ ރަސްގެފާނު އަމްރާފަލް އާއި، އަލްއާސާރުގެ ރަސްގެފާނު އަރްޔޫކް އާއި، ޢީލާމުގެ ރަސްގެފާނު ކަދަރްލަޢައުމަރު އާއި ޖޫއީމުގެ ރަސްގެފާނު ތަދްޢާލު އާއި އެކުވެ ސަދޫމުގެ ރަސްގެފާނު ބާރަޢު އާއި، ޢަމޫރަތުގެ ރަސްގެފާނު ބިރްޝާޢު އާއި، އަދްމަތުގެ ރަސްގެފާނު ޝިންއާބާއި، ޞަބޫއީމުގެ ރަސްގެފާނު ޝިމްއީބަރު އާއި، ބާލަޢު ނުވަތަ ޞޫޣަރުގެ ރަސްގެފާނާއި، މި ފަސް ރަސްކަލުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ދިޔައެވެ. 3‏-4 މި ފަސް ރަސްކަލުން ބާރަ އަހަރު ދުވަހު ކަދަރްލަޢައުމަރުގެ ބާރުގެ ދަށުގައި އޮތުމަށް ފަހު ތޭރަ ވަނަ އަހަރު ބަޣާވާތެއް ކުރިއެވެ. މި ފަސް ރަސްކަލުން ވަނީ ސިއްދީމުގެ ވާދީގައި، މިހާރުގެ ބަޙްރުލް މައިތު ކައިރީގައި، އެއްބަޔަކު އަނެއް ބަޔަކާ ބައިއަތުހިފާފައެވެ.
5‏-6 އަދި ސާދަ ވަނަ އަހަރުގައި ކަދަރްލަޢައުމަރު އާއި އޭނާއާއި އެއްކޮޅުވާ ރަސްރަސްކަލުންނާއި އެކު ގޮސް ޢަޝްތާރޫތު ޤަރްނާއިމުގެ ސަރަހައްދުގައި ރަފާއީމުގެ މީހުން ފަތަޙަ ހޯދިއެވެ. އަދި ހާމްގެ ސަރަހައްދުގައި ޒޫޒީންގެ މީހުންގެ މައްޗަށް ފަތަޙަ ހޯދާ އަދި ޝަވާ ޤިރިޔަތާއިމްގެ ސަހަރުގައި އީމީންގެ މީހުން ފަތަޙަކޮށް، ޙޫރީންގެ މީހުން ސަޢީރު ފަރުބަދަމަތީގެ ސަރަހައްދުގައި ފަތަޙަކޮށް އަދި ސަހަރާގެ ތެރޭގައިވާ އަލްފާރާން ހިސާބާއި ހަމައަށް މިބައިމީހުން ފަތަޙަ ހޯދިއެވެ.
އޭގެ ފަހުން ކަދަރްލަޢައުމަރް އާއި އޭނާއާއި އެއްކޮޅުވާ ރަސްރަސްކަލުން ޤާދަޝްއަށް ނުވަތަ ޢައިނިމިޝްފާޠު ސަހަރަށް އެނބުރި ގޮސް ޢަމާލިޤީންނަށް ލިބިގެންވީ ހުރިހާ ބިމެއް ހިފުމަށް ފަހު، ޙައްޞޫންތާމަރުގައި ދިރިއުޅޭ އަމޫރީންގެ މައްޗަށް ފަތަޙަ ހޯދިއެވެ.
8‏-9 އެއަށް ފަހު ސަދޫމުގެ ރަސްގެފާނާއި ޢަމޫރަތުގެ ރަސްގެފާނާއި އަދްމަތުގެ ރަސްގެފާނާއި ޞަބޫއީމުގެ ރަސްގެފާނާއި އަދި ބާލަޢުގެ ރަސްގެފާނު އެކުވެގެން ސިއްދީމުގެ ވާދީގައި، ކަދަރްލަޢައުމަރް އާއި އޭނާއާއި އެއްކޮޅުވާ ރަސްރަސްކަލުންނާއި އިދިކޮޅަށް ހަނގުރާމަ ކުރަންފެށިއެވެ. ދެން ފަސްރަސްކަލުންނާއި ދެކޮޅަށް ހަތަރު ރަސްކަލުން ހަނގުރާމަކުރިއެވެ. 10 މިވާދީ ވަނީ ތާރު ވަޅުތަކުން ފުރިފައެވެ. އަދި ސަދޫމު އާއި ޢަމޫރަތު ދެރަސްކަލުން ހަނގުރާމައިގެ މައިދާން ދޫކޮށް ފިލަން ދުވި ހިނދު އެ ދެރަސްކަލުންގެ ލަޝްކަރުގެ ބައެއް މީހުން ފިލަން އުޅެނިކޮށް އެ ވާދީގައި ވީ ތާރު ވަޅުތަކުގެ ތެރެއަށް ވެއްޓުނެވެ. ދެން އެތަނުގައި ވީ އެހެން ލަޝްކަރުތަކުގެ މީހުން ފަރުބަދަތަކުގެ ތެރެއަށް ގޮސް ފިލިއެވެ. 11‏-12 މި ހަނގުރާމަ ފަތަޙަކުރި ހަތަރު ރަސްކަލުން އެނބުރި ދިޔައީ ސަދޫމު އާއި ޢަމޫރަތުގައި ވީ ހުރިހާ ތަކެއްޗެއް ގެ އިތުރަށް އެ ދެރަށުގައި ވީ ހުރިހާ ކާޑުގެ ބާވަތްތަކެއް ވެސް ހިފައިގެންނެވެ. އަދި ސަދޫމުގައި ދިރިއުޅެމުންގެންދާ އަބްރާމްގެ ބޭބެގެ ފިރިހެން ދަރިފުޅު ލޫޠުގެފާނާއި އޭނާގެ މިލްކުގައި ވީ ހުރިހާ ތަކެއްޗެއްމެ ހިފައިގެން އެނބުރި އެމީހުންގެ ރަށްރަށަށް ދިޔައެވެ.
13 މި ހަނގުރާމައިން ސަލާމަތްވި މީހަކު ހިނގާދިޔަ ކަންތަކުގެ ވާހަކަ އަބްރާމްއަށް ކިޔައިދިނެވެ. އޭރު ޢިބްރާނީ ދަރިކޮޅުގެ އަބްރާމް ދިރިއުޅެމުން ގެންދަވަނީ އަމޫރީންގެ ގަބީލާގެ މަމްރާއަށް މިލްކުވެގެންވާ ބޮޑު ބިޔަ ގަސްތަކުގެ ތެރޭގައެވެ. މަމްރާ އާއި އޭނާގެ ދެ ކޮއްކޮ އަޝްކޫލް އާއި ޢާނިރު އަކީ އަބްރާމްގެ ބައިވެރިންނެވެ. 14 އަބްރާމްއަށް އެކަލޭގެފާނުގެ ބޭބެގެ ފިރިހެންދަރިފުޅު ހިނގާދިޔަ ހަނގުރާމައިގައި ހައްޔަރުވި ޚަބަރު ލިބުމުން އެކަލޭގެފާނުގެ ހަތިޔާރުއެޅި ލަޝްކަރީންނަށް ތައްޔާރު ވުމަށް އެންގެވިއެވެ. ތިންސަތޭކަ އަށާރަ ފަހުލަވާނުން ހިމެނޭ މި ލަޝްކަރު އެ ހަތަރު ރަސްކަލުން ހޯދުމަށް ގޮސް އެމީހުން ފެނުނީ ދާނުއޭ ކިޔާ ރަށުންނެވެ.
15‏-16 އަބްރާމް އެކަލޭގެފާނުގެ ލަޝްކަރު ބައިކުރެއްވުމަށް ފަހު ރޭގަނޑުގައި ދުޝްމަނުންނަށް ޙަމަލާދެއްވާ ކާމިޔާބު ހޯއްދެވިއެވެ. އަދި ދިމިޝްޤުގެ އުތުރު ސަރަހައްދެއް ކަމުގައިވާ ޙޫބާއާއި ހަމައަށް ހަނގުރާމަ ކުރައްވަމުން އެމީހުންގެ ފަހަތުން ވަޑައިގަތެވެ. ދެން އެއަށް ފަހު ލޫޠުގެފާނާއި އެކަލޭގެފާނުގެ އަތުން އަތުލެވިފައިވީ މުދާ ތަކާއި އަންހެނުންނާއި ހައްޔަރު ކުރެވުނު އެހެނިހެން މީހުން މިނިވަން ކޮށްދެއްވިއެވެ.
މަލްކީޞާދިޤު އަބްރާމްއަށް ކުރި ހެޔޮ ދުޢާ
17 ކަދަރްލަޢައުމަރް ރަސްގެފާނާއި އޭނާގެ ބައިވެރިންގެ ފަރާތުން ފަތަޙަ ލިބިވަޑައިގެން އަބްރާމް އެނބުރި ވަޑައިގަތުމުން، ޝަވާ ވާދީގައި (ރަދުންގެ ވާދީ) އަބްރާމް އާއި ބައްދަލު ކުރުމަށް ސަދޫމުގެ ރަސްގެފާނު ދިޔައެވެ.
18 ސާލެމުގެ ރަސްގެފާނު މަލްކީޞާދިޤު އަކީ އެންމެ މަތިވެރި ރަސްކަލާނގެ ކިބަފުޅަށް އީމާންވާ މުހިންމު އިމާމެކެވެ.* 14‏:18 އެދުވަސްވަރު އިމާމުންގެ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު ދެކަމަކީ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަމުގެ ގޮތުން ކުރެވޭ ޤުރުބާންތައް އަންދާ އަދި މީހުންނަށްޓަކާ ދުޢާކުރުމެވެ. އެރަސްގެފާނު އަބްރާމްއަށް ހެޔޮ ދުޢާކޮށް، ޕާނާއި މޭބިސްކަދުރުގެ ދިޔަ އަބްރާމްއަށް ހަދިޔާ ކުރުމަށް ފަހު ބުންޏެވެ.
19‏-20 ”އުޑުތަކާއި ބިން ހެއްދެވި އެންމެ މަތިވެރި ރަސްކަލާނގެ ޙަޟުރަތުން ތިބާއަށް ނިޢުމަތް ލެއްވުމަށް އަހަރެން އެދެން. ހުރިހާ ތަޢުރީފެއް ޙައްޤުވެގެންވަނީ ދުޝްމަނުންގެ މައްޗަށް ތިބާއަށް ފަތަޙަ ދެއްވި އެންމެ މަތިވެރި ރަސްކަލާނގެއަށް.“
އެއަށް ފަހު އަބްރާމްގެ ޣަނީމާ މުދަލުގެ ދިހަބައިކުޅަ އެއްބައި މަލްކީޞާދިޤުއަށް ވެދުން ކުރެއްވިއެވެ.
21 ސަދޫމުގެ ރަސްގެފާނު އަބްރާމަށް ބުންޏެވެ. ”ހުރިހާ މުދާތައް ބަހައްޓާފަ، އަހަރެންގެ މީހުން އަހަރެންނަށްދީ.“ 22‏-23 ޖަވާބުގައި އަބްރާމް ވިދާޅުވިއެވެ. ”އުޑާއި ބިން ހެއްދެވި އެންމެ މަތިވެރި ރަސްކަލާނގެ ގަންދީ ހުވާ ކޮށްފައި ބުނަން. ތިބާގެ ތަކެތީގެ ތެރެއިން ފައިވާނުގެ ވަދެއް ނުވަތަ ރޮދިފަށެއްހާ މިންވަރުވެސް އަހަރެން ބޭނުމެއް ނޫން. އޭރުން ތިބާއަކަށް ނުބުނެވޭނެ އަހަރެން މުއްސަނދި ކުރުވީ ތިބާއެކޭ. 24 އަހަރެންގެ އަމިއްލަ ބޭނުމަށް އެއްވެސް ބައެއް އަހަރެން ބޭނުމެއް ނޫން. އަހަރެންގެ މީހުން ކެއުމަށް ބޭނުންކުރި ބައި އެއީ އަހަރެންގެ ބައިކަމުގައި ބަލާ، ނަމަވެސް އަހަރެންގެ ބައިވެރިން ކަމުގައިވާ ޢާނިރު އާއި އަޝްކޫލް އަދި މަމްރާއަށް ލިބެންޖެހޭ ހިއްސާ އެމީހުންނަށް ލިބެން ޖެހޭނެ.“

*14:18 14‏:18 އެދުވަސްވަރު އިމާމުންގެ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު ދެކަމަކީ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަމުގެ ގޮތުން ކުރެވޭ ޤުރުބާންތައް އަންދާ އަދި މީހުންނަށްޓަކާ ދުޢާކުރުމެވެ.