15
މާތްރަސްކަލާނގެ އަބްރާމްއާއެކު ކުރެއްވި ޢަހުދުނާމާ
އޭގެފަހުގައި މާތްރަސްކަލާނގެ އަބްރާމްއަށް ނިދާ އިއްވެވިއެވެ. ”އަބްރާމް. ބިރު ނުގަނޭ. ތިބާ ރައްކާތެރިކުރާނެ އައްޑަނައަކީ ތިމަން ރަސްކަލާނގެ. ތިމަންކަލާނގެ ތިބާއަށް މަތިވެރި ވެގެންވާ އިނާމެއް ދެއްވާނަން.“ އެކަމަކު އަބްރާމްގެފާނު ދެންނެވިއެވެ. ”މަތިވެރި މާތްރަސްކަލާނކޮ! މިއަޅާއަށް ތިޔަ ބަރަކާތްލެއްވުމުގެ އޮތީ ކޮން މޮޅެއްތޯ؟ މިއަޅާއަކަށް އެންމެ ކުޑަމިނުން ދަރިޔަކުވެސް ލިބިފައެއް ނުވޭ. އިނބަރަސްކަލާނގެ މިއަޅާއަށް ދަރިޔަކު ދެއްވާފައި ނުވާ ހިނދު މިއަޅާގެ ހުރިހާ ތަނަވަސްކަމެއް ދާނީ ދިމިޝްޤުގެ އަލީޢާޒަރަށް. އިނބަރަސްކަލާނގެ މިއަޅާއަށް ދަރިއަކު ނުދެއްވާ. މިއަޅާގެ ހުރިހާ މިލްކިއްޔާތެއް ދާނީ މިއަޅާގެ ކޮންމެވެސް ޚާދިމެއްގެ އަތްމައްޗަށް.“
އެހިނދު މާތްރަސްކަލާނގެ ވަޙީބަސްފުޅު އަބްރާމްއަށް އިވިގެންދިޔައެވެ. ”ތިބާގެ އަޅު އަލީޢާޒަރަށް އެތަކެއްޗެއް މިލްކެއް ނުވާނެ. އެހެނީ ތިބާއަށް އުފަން ދަރިއަކު ލިބޭނެ.“ އެއަށް ފަހު މާތްރަސްކަލާނގެ އަބްރާމް ބޭރަށް ނެރުއްވާ ވަޙީކުރެއްވިއެވެ. ”އުޑަށް ބަލާލަބަލަ. އުޑުގައިވާ ތަރިތައް ތިބާއަށް އަދަދު ކުރެވޭނެތަ؟ ތިބާގެ ދަރިފަސްކޮޅު ވެސް ތިމަންކަލާނގެ އެފަދައިން ގިނަކުރައްވާނަން.“ އަބްރާމް މާތްރަސްކަލާނގެ ބަސްފުޅު ގަބޫލުކުރެއްވިއެވެ. އަދި އެކަލާނގެ އަބްރާމްގެ އީމާންތެރިކަމުގެ ސަބަބުން އެކަލޭގެފާނު ޞާލިޙުންގެ ތެރޭގައި ލެއްވިއެވެ.
7‏-8 އަދިވެސް މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީ ކުރެއްވިއެވެ. ”ތިމަންކަލާނގެއީ ކަލްދާނީންގެ ސަރަހައްދުގެ އޫރު އިން ތިބާއަށް މިރަށް ދެއްވުމަށްޓަކާ ގެންނެވި ކަލާނގެ.“ އެހިނދު އަބްރާމް ދެންނެވިއެވެ. ”މަތިވެރި ރަސްކަލާކޮ. މިރަށް އިނބަރަސްކަލާނގެ އަޅާއަށް މިލްކު ކޮށްދެއްވާނެކަން އަޅާއަށް ޔަގީންވާނެ ގޮތަކީ ކޮބައިތޯ؟“ އެހިނދު މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”ތިން އަހަރުގެ ގެރި އަކާއި، ތިން އަހަރުގެ އަންހެން ބަކަރިއަކާއި، ތިން އަހަރުގެ ފިރިހެން ކަންބަޅިއަކާއި، ބޮޑު ކޮތަރަކާއި ކުޑަ ކޮތަރެއް ތިމަންކަލާނގެ ކިބަފުޅަށް ގެނޭ.“
10‏-11 އެކަލޭގެފާނު ކިޔަމަންތެރި ކަމާއިއެކު އެކަން އެގޮތަށް ކުރެއްވިއެވެ. އަދި އެއިން ކޮންމެ ޖަނަވާރެއް ދެފަޅި ކުރެއްވުމަށް ފަހު އެދެފަޅި އެއްފަޅި އަނެއް ފަޅިއާ ދިމާވާގޮތަށް ކައިރިކައިރީގައި ދެފަރާތުގައި އަތުރާލެއްވިއެވެ. ނަމަވެސް ކުޑަ ކޮތަރާއި ބޮޑު ކޮތަރު އަބްރާމް ފަޅިއެއް ނުކުރައްވައެވެ. ދެން އެޖަނަވާރުތައް ކެއުމަށް އަންނަ ބާޒުތައް އަބްރާމް ފައްސަވަމުން ގެންދެވިއެވެ.
12 އިރު އޮއްސެމުން ދިޔަ ހިނދު އަބްރާމްއަށް ވަރަށް ފުން ނިންޖަކުން ނިދިކުރެއްވުނެވެ. އަދި ވަރަށް ބޮޑު ބިރުވެރިކަމެއް އެކަލޭގެފާނުގެ މައްޗަށް ވެރިވިއެވެ. އަދި ހުރިހާ ދިމާއަކަށް އަނދިރިކަން ފެތުރުނެވެ. 13‏-15 އެހިނދު މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”އަބްރާމް. ތިބާގެ އުމުރު ދިގުވެގެންވާނެ. ތިބާ މި ދުނިޔެ ދޫކޮށް ދާނީ އަމާން ކަމާއެކު. ތިބާއަށް ތިމަންކަލާނގެ ވަރަށް މަތިވެރި ވަޢުދެއް ކުރައްވަމު. ތިބާގެ ދަރިފަސްކޮޅު އެމީހުންގެ އަމިއްލަ ޤައުމެއް ކަމުގައިނުވާ ޤައުމެއްގައި ބިދޭސީންގެ ގޮތުގައި އުޅެން ޖެހޭނެ. އެ އަޅުވެތިކަމުގެ ދަށުގައި ހަތަރުސަތޭކަ އަހަރު ވަންދެން އެމީހުން އެގޮތުގައި ތިބޭނެ. އެމީހުން އަޅުވެތިކަމުގެ ދަށުގައި ގެންގުޅުނު ޤައުމަކަށް ތިމަންކަލާނގެ ގަދަވެގެންވާ ޢަޒާބެއް ފޮނުއްވާނަން. ފަހުން އެމީހުން އެ ޤައުމުން އެނބުރި ދާނީ ގިނަ ޢަދަދެއްގެ މުދަލާއި މުއްސަނދިކަން ހިފައިގެން. 16 އޭގެ ހަތަރު ދަރިފަސްކޮޅަށް ފަހު، ތިބާގެ އާއިލާގެ މީހުން މިރަށަށް އެނބުރި އަންނާނެ. އޭރަކު މި ރަށުގައި އުޅޭ އަމޫރީންގެ މީހުން ކޮށްފައިވާ ފާފަތަކުގެ ސަޒާ އެ މީހުންނަކަށް ތިމަންކަލާނގެ ނުދެއްވަން.“
17 އެދުވަހުގެ އިރުއޮއްސި އަނދިރިކަން ފެތުރިފައިވީ ވަގުތު، ދެފަޅި ކުރެވިފައިވާ ޖަނަވާރުތަކުގެ ދެމެދުން އަނގުރު އަލިފާން ތަވަޔަކުން ދުންއެޅެމުން ދާތަނާއި އަދި އަނދަމުން ދިޔަ ހުޅުގަނޑެއް އެ ދެމެދުން ދާތަން އަބްރާމްއަށް ފެނިވަޑައިގަތެވެ.
18‏-21 މާތްރަސްކަލާނގެ އެދުވަހު އަބްރާމް އާއިއެކު ޢަހުދުނާމާއެއް ކުރައްވާ މިފަދައިން ވަޙީކުރެއްވިއެވެ. ”މިޞްރުގެ ސަރަހައްދު ކައިރީގައި އޮންނަ ކޯރުން ފެށިގެން ފުރާތު ކޯރާއި ހަމަޔަށް ކަލޭގެފާނުގެ ދަރިފަސްކޮޅު އާބާދުވާނެ. އެއީ ޤައިނީންގެ ރަށާއި، ޤަނިއްޒީންގެ ރަށާއި، ޤަދްމޫނީންގެ ރަށާއި، ޙިއްޘީންގެ ރަށާއި، ފަރިއްޒީނުގެ ރަށާއި، ރަފާއީމުގެ މީހުންގެ ރަށާއި، އަމޫރީންގެ ރަށާއި، ކަންޢާނުގެ މީހުންގެ ރަށާއި، ޖިރްޖާޝީންގެ ރަށާއި، އަދި ޔަބޫސީންގެ ރަށާއި ހަމައަށް ތިބާގެ ދަރިފަސްކޮޅު ދެމިގެން ދާނެ.“