17
މާތްރަސްކަލާނގެ ވަޢުދުފުޅު، އަދި ޚިތާނު ކުރަން އެންގެވުން
އަބްރާމްގެ އުމުރުފުޅުން ނުވަދިހަ ނުވަވަނަ އަހަރުގައި މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ފާޅުވެ ވޮޑިގަތެވެ. އަދި ވަޙީ ކުރެއްވިއެވެ. ”ތިމަން ކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ! ތިމަންކަލާނގެއަށް ބޯލަނބައި ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުރޭ. ތިމަންކަލާނގެ އާއި ތިބާއާ ދެމެދު މަތިވެރި ޢަހުދުނާމެއް ގާއިމު ކުރައްވާނަމު. ތިބާއަށް އަދަދު ނުކުރެވޭހާ ގިނަ ދަރިފަސްކޮޅެއް ތިމަންކަލާނގެ ދެއްވާނަމު.“ އަބްރާމް ބިމުގައި މޫނުޖައްސަވައި މާތްރަސްކަލާނގެއަށް ސަޖިދަ ކުރެއްވިއެވެ. އެހިނދު މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ.
4‏-5 ”ތިމަންކަލާނގެއާ ތިބާއާ ދެމެދު ކުރެވޭ ޢަހުދުނާމާއަކީ މިއީ: ތިބާއަކީ އެތައް ޤައުމު ތަކެއްގެ ކާބަފައިކަލުން ކަމުގައި ލައްވާނެ ކަމުގެ ވަޢުދު ކުރައްވަމު. އެ ސަބަބަށްޓަކައި އަބްރާމްގެ ބަދަލުގައި ތިބާގެ ނަމަކަށް މީގެފަހުން ވާނީ އިބްރާހީމް.*17‏:4‏-5 ޢިބްރާނީ ބަހުން ”އިބްރާހީމް“ މި ބަހުގެ މާނައަކީ ”އެތައް ޤައުމެއްގެ ބަފައިކަލުން“ ނެވެ. އެއީ ތިބާއަކީ އެތައް ޤައުމު ތަކެއްގެ ކާބަފައިކަލުން ކަމުގައި ވާނެތީ. ތިމަންކަލާނގެ ތިބާއަށް ގިނަވެގެންވާ ދަރިފަސްކޮޅެއް ދެއްވާނަން. އަދި މުސްތަޤުބަލުގައި އެބައިމީހުން ރަސްރަސްކަލުންނަށްވެ އެތައް ޤައުމެއް ބިނާ ކުރާނެ.
އަދި ތިބާގެ ދަރިފަސްކޮޅުގެ އަންނަން އޮތް ޖީލުތަކާއި ހަމައަށް މި ޢަހުދުނާމާ ނިމުމެއް ނުވާނެ ފަދައިން ދެމިގެންދާނެ. ތިމަންކަލާނގެ ވާހުށީ ތިބާއާއި ތިބާގެ ދަރިކޮޅުގެ ކަލާނގެ ކަމުގައި. ތިބާ ބިދޭސީއެއްގެ ގޮތުގައި މިހާރު ވޭތުކުރަމުން ތިޔަ ގެންދާ ކަންޢާނު ސަހަރުގެ މުޅި ބިން ތިބާގެ ދަރިފަސްކޮޅަށް އަބަދުގެ އަބަދަށް ލިބިގެންވާނެ. އެއީ ތިމަންކަލާނގެއީ އެބައިމީހުންގެވެސް ކަލާނގެ ކަމުގައިވާތީ.“
މާތްރަސްކަލާނގެ އިބްރާހީމްއަށް ވަޙީ ކުރެއްވިއެވެ. ”ތިބާއާއި ތިބާގެ ދަރިފަސްކޮޅުގެ އަންނަން އޮތް ހުރިހާ ޖީލުތަކެއްގެ މީހުން ތިމަންކަލާނގެ އާއިއެކު ވެވިފައިވާ ޢަހުދުނާމާއަށް އިޙުތިރާމް ކުރަންޖެހޭނެ. 10 ތިބާއާއި ތިބާގެ ދަރިފަސްކޮޅުގެ އެންމެހާ ފިރިހެނުން ޚިތާނުގެ ލެއްވުމަށް ގަބޫލުވާން ޖެހޭނެ. އަދި އެކަމަށް ފުރިހަމައަށް އަމަލު ކުރަން ޖެހޭނެ. 11‏-12 މިއަދުން ފެށިގެން އުމުރުން އަށްދުވަސް ހަމަވެފައިވާ ކޮންމެ ފިރިހެން ކުއްޖަކު ޚިތާނުގެ ލައްވަން ޖެހޭނެ. ހަމައެހެންމެ އަޅުންގެ ގޮތުގައިގެންގުޅޭ ދޭސީ ފިރިހެން ކުދިންނާއި އަޅުންގެ ގޮތުގައި ބިދޭސީ ޤައުމުތަކުން ގަނެގެން ގެންގުޅޭ ފިރިހެން ކުދިންވެސް ޚިތާނުގެ ލެވެން ޖެހޭނެ. މިކަމުން ރަމްޒުކޮށް ދެނީ ތިބާއާއި ތިމަންކަލާނގެ އާއި ދެމެދު ވެވުނު ޢަހުދުނާމާއަށް ފުރިހަމައަށް އެއްބަސްވާކަން. 13 ކޮންމެ ފިރިހެނަކު ވެސް ޚިތާނު ކުރަން ޖެހޭނެ. އަދި މި ކަމަކީ ދުނިޔަވީ ގޮތުން ތިމަންކަލާނގެ އާއި ތިބާއާއި ދެމެދު ވެވިފައިވާ ޢަހުދުނާމާގެ ފުރިހަމަ ނިޝާން. 14 ޚިތާނުގެ ލެވިފައިނުވާ ކޮންމެ ފިރިހެނަކު ތިމަންކަލާނގެ މީހުންގެ ތެރެއިން މުޅިން ވަކިކޮށްލެވެން ޖެހޭނެ. އެމީހަކީ ތިމަންކަލާނގެ ޢަހުދުނާމާއާ ޚިލާފުވެ އެއަށް ޙުރުމަތެއް ނުބެހެއްޓި މީހެއް.“
15‏-16 އަދިވެސް މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”މީގެ ފަހުން ތިބާގެ އަންހެނުންނަށް ސާރާއީ ގެ ނަމުން މުޚާތަބު ކުރައްވައިގެން ނުވާނެ. މިހިނދުން ފެށިގެން އެ ކަނބުލޭގެ ނަމަކަށް ވާންޖެހޭނީ ސާރާ. ތިމަންކަލާނގެ ނިޢުމަތްފުޅު އެކަނބުލޭގެއަށް ލިބިގެންވޭ. ތިމަންކަލާނގެ އެކަނބުލޭގެއަށް ދަރިއަކު ދެއްވާނަން. ތިމަންކަލާނގެ ހެޔޮ ރަޙުމަތާއި ނިޢުމަތުން އެކަނބުލޭގެ ޤައުމު ތަކެއްގެ މައިކަނބަލެއް ކަމުގައި ލައްވާނަން. ގިނަގުނަ ރަސްކަލުން އެކަނބުލޭގެ ދަރިފަސްކޮޅުން އުފަން ކުރައްވާނަން.“
17‏-18 އިބްރާހީމުގެފާނު ބިންމަތީ މޫނުފުޅު ޖައްސަވައި މާތްރަސްކަލާނގެ ކިބަފުޅަށް ސަޖިދަ ކުރެއްވިއެވެ. އެހިނދު އެކަލާނގެ ވަޙީބަސްފުޅު އެކަލޭގެފާނަށް ދޭހަވެ ރަނގަޅަށް އޮޅުންފިލާ ވަޑައިގަތުމުން ހިނިފުޅުވެޑުވުނެވެ. އެވަގުތު އެކަލޭގެފާނުގެ ހިތްޕުޅަށް އަރާވަޑައިގަތެވެ. ”ގަރުނަކަށް ވުރެ ގިނަދުވަސް ވެފައިވާ ފިރިހެނަކަށް ދަރިކަލަކު ލިބިދާނެތަ؟ ސާރާގެ އުމުރުން ނުވަދިހަ އަހަރުގައި އެކަމަނާއަށް ދަރިކަލަކު ލިބިދާނެތަ؟“ ދެން އެކަލޭގެފާނު މާތްﷲއަށް ދެންނެވިއެވެ. ”އިނބަރަސްކަލާނގެ ވަޢުދުފުޅާއި އެއްގޮތަށް އިސްމާޢީލްއަކީ އަޅުގެ ހުރިހާ ތަކެއްޗެއް މިލްކުވެރިއަކަށް ހެއްދަވަންވީ ނޫންތޯ؟“
19 އެއާއިއެކު މާތްރަސްކަލާނގެ ވަޙީބަސްފުޅު އެކަލޭގެފާނަށް އިވިވަޑައިގަތެވެ. ”ނޫން! ތިބާގެ އަންހެނުން، ސާރާއަށް ފިރިހެން ދަރިއަކު ލިބޭނެ. އެ ދަރިއަށް އިސްޙާޤުގެ ނަމުން ނަންދީ. ތިމަންކަލާނގެ މި ޢަހުދުނާމާ އެ ދަރިއާއި އެ ދަރީގެ ދަރިފަސްކޮޅާ އެކުގައި އަބަދަށް ދެމިގެންވާނެ. މި ޢަހުދުނާމާކީ އަބަދަށް ދެމިގެންދާނެ އެއްބަސްވުމެއް. 20 އިސްމާޢީލްއާ މެދު ތިބާ ބުނިބަސްތައް ތިމަންކަލާނގެ އަޑު އެއްސެވީމު. ތިމަންކަލާނގެ ރަޙުމަތް އޭނާއާ އެކުގައި ވާނެ. އަދި ގިނަ ދަރިންތަކެއް އޭނާއަށް ދެއްވައި ގިނަ ދަރިފަސްކޮޅެއް ދެއްވާނަން. ބާރަ ރަސްދަރިކަލުންގެ ބަފައެއް ކަމުގައި އޭނާ ލައްވާނަން. އަދި އޭނާގެ ދަރިފަސްކޮޅުން ފުރިހަމަ ވެގެންވާ ޤައުމެއް ގާއިމުވާނެ. 21 ތިމަންކަލާނގެއާ ތިބާއާ ދެމެދު ކުރެވޭ ޢަހުދުނާމާ ދަމަހައްޓާނީ މި އަންނަ އަހަރުގެ މިހާތަނުގައި ތިބާގެ އަންހެނުން، ސާރާއަށް ލިބޭ ދަރި އިސްޙާޤު.“ 22 މާތްރަސްކަލާނގެ ވަޙީބަސްފުޅު ނިންމަވާ ލެއްވުމަށް ފަހު، އިބްރާހީމްގެފާނާއި ވަކިވެވޮޑިގެންފިއެވެ.
23 ޖެހިގެން އައިދުވަހު މަތިވެރި ރަސްކަލާނގެ ވަޙީބަސްފުޅަށް ޙުރުމަތްތެރިކޮށް ހިއްތަވައި ކިޔަމަންތެރިކަން އަދާ ކުރައްވައި، އިބްރާހީމުގެފާނު އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް ޚިތާނު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ހިޔާވަހިކަމުގެ ދަށުގައި ތިބިހާ ފިރިހެނުންނާއި އަޅުންގެ ގޮތުގައިތިބި ދޭސީ އަދި ބިދޭސީ އެންމެހާ ފިރިހެނުން ވެސް ޚިތާނު ކުރެއްވިއެވެ. 24‏-27 އިބްރާހީމްގެފާނުގެ އުމުރުފުޅުން ނުވަދިހަނުވަ އަހަރުގައި އެކަލޭގެފާނު ޚިތާނު ކުރެވުނެވެ. އަދި އިސްމާޢީލްގެފާނުގެ އުމުރުފުޅުން ތޭރަ އަހަރުގައި އެކަލޭގެފާނު ޚިތާނު ކުރެވުނެވެ. ދެބަފައިކަލުން ޚިތާނުގެލެއްވުނީ އެއްދުވަހެއްގައެވެ. އެކަލޭގެފާނުގެ އެންމެހާ އަޅުންނާ ވެސް އެކުއެކީގައެވެ.

*17:4‏-5 17‏:4‏-5 ޢިބްރާނީ ބަހުން ”އިބްރާހީމް“ މި ބަހުގެ މާނައަކީ ”އެތައް ޤައުމެއްގެ ބަފައިކަލުން“ ނެވެ.