34
ދީނާއަށް ލިބުނު އަނިޔާ
އެއްދުވަހަކު ދީނާ އެ ސަރަހައްދުގައި ފުރާވަރުގެ އަންހެން ކުދިންގެ ގާތަށް ދިޔައެވެ. މި ދީނާ އަކީ ލައިއަތު އާއި ޔަޢުޤޫބުގެފާނުގެ ދަރިއެކެވެ. މި ސަރަހައްދުގެ މީސްތަކުންގެ މެދުގައި ކަމުވޮށިވެގެންވާ ޙިއްވީންގެ ދަރިކޮޅުގެ މީހެއް ކަމުގައިވާ ޙަމޫރުގެ ފިރިހެންދަރިފުޅު، ޝަކީމްއަށް ދީނާ ފެނުނެވެ. އެހިނދު މި ޝަކީމް ދީނާގެ މައްޗަށް ބާރުހިންގައި ގަދަކަމުން ޖިންސީ ގުޅުން ހިންގިއެވެ. މިއަށް ފަހު ޝަކީމް ދީނާގެ ޖަޒުބާތުގައި ޖެހި އެކަނބުލޭގެ ދެކެ ނުހަނު ލޯބިވިއެވެ. އަދި ވަރަށް އޯގާތެރިކަމާއެކު އެކަނބުލޭގެއާއި ވާހަކަ ދެއްކިއެވެ. އެންމެފަހުން މި ޝަކީމް ދީނާއަށް ބޭނުންވެފައިވާ ވަރުން އޭނާގެ ބައްޕަ، ޙަމޫރަށް މިވާހަކަ މިފަދައިން ހުށަހެޅިއެވެ. ”އަހަރެންނަށް މިކަނބުލޭގެއާއި ކައިވެނި ކުރެވޭނޭ ގޮތެއް ހަމަޖައްސައި ދިނުމަށް ބައްޕައަށް އަހަރެން އެދެން.“
ޝަކީމް ދީނާގެ ޢިއްފަތްތެރިކަން ފޭރިގަނެ އަދި އެއްވެސް އިޙުތިރާމެއްނެތް ފަދަ ގޮތަކަށް އަމަލު ކުރިކަމުގެ ޚަބަރު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންފިއެވެ. އެހެނަސް ޖަނަވާރުތައް ގޮވައިގެން އެންމެހާ ފިރިހެން ދަރިން މައިދާނަށް ހުއިހައްޕަން ގޮސްވުމުގެ ސަބަބުން އެކަލޭގެފާނު ހަނުހިމޭނުން ހުންނެވީއެވެ.
އަދި، ޝަކީމްގެ ބައްޕަ ޙަމޫރު، ޔަޢުޤޫބުގެފާނުގެ އަރިހަށް ވާހަކަ ދެއްކުމަށް އައެވެ. އެވަގުތަކީ ޔަޢުޤޫބުގެފާނުގެ ހުރިހާ ފިރިހެން ދަރިން ވެސް މައިދާނުން އެނބުރި ގެއަށް އައި ވަގުތު ވެސްމެއެވެ. އަދި އެކުދިންގެ އަންހެންކޮއްކޮގެ ޢިއްފަތްތެރިކަން ފޭރިގަތުގެ ޚަބަރު ލިބުނު ހިނދު އެމީހުން ދިޔައީ ރުޅިއައިސް ރަންކަނިބުރައި ގެންނެވެ. އެއީ ޢިއްފަތްތެރިކަން ފޭރިގަތުމަށް ވުރެން ވަކިން ބޮޑު ބަދުނާމެއް ލިބޭނޭ އެހެން ކަމެއް ނެތީމައެވެ. އަދި ޝަކީމްގެ މި ޢަމަލަކީ އިސްރާއީލުންގެ ތެރޭގައި ކުރެވި ދިޔަ އެންމެ ނުބައި އެއް އަމަލުވެސް މެއެވެ.
ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ އެންމެހާ ދަރިންގެ ފަރާތުން ޙަމޫރު މިފަދައިން އެދުނެވެ. ”އަހަރެންގެ ފިރިހެން ދަރިފުޅު ޝަކީމް ތިބާގެ އަންހެން ދަރިފުޅުގެ މައްޗަށް ނުހަނު ލޯބި ބޮޑުވެއްޖެ. އަހަރެންގެ ދަރިފުޅުގެ އަނތްބަކަށް އެކަނބުލޭގެ ދިނުމަށް އަހަރެން ވަރަށް ބޮޑަށް އެދެމު. އަދި އަހަރެމެންގެ ތެރޭގައި މިގޮތަށް ކައިވެނީގެ އެއްބަސްވުމެއް ހަމަޖައްސަމާހިނގާ. ތިޔަބައިމީހުންގެ އަންހެން ދަރިން އަހަރެމެންގެ ފިރިހެން ދަރިންނާ ކައިވެނި ކުރުމަށް ތިޔަބައިމީހުން ދޭނީ. އަދި އަހަރެމެންގެ އަންހެންދަރިން ތިޔަބައިމީހުންގެ ފިރިހެންދަރިންނާ ކައިވެނިކުރުމަށް އަހަރެމެން ދޭނީ. 10 އަހަރެމެންނާއި އެކުގައި ތިޔަބައިމީހުން މިރަށުގައި ދިރިއުޅޭނީ. ތިޔަބައިމީހުން އެދޭ ތަނަކުން ބިން ގަނެ އަދި ވިޔާފާރިވެސް ކުރަންވީ.“
11 ޝަކީމްގެ އޭނާގެ ބައްޕަ ޙަމޫރުގެ ވަހާކައަށް އިތުރުކޮށްލުމުގެ ގޮތުން ދީނާގެ ބަފައިކަލުން ޔަޢުޤޫބުގެފާނާއި އެކަނބުލޭގެ ބޭބެމެންނަށް މިހެން ބުނިމެއެވެ. ”އަހަރެންނަށް އޯގާތެރިވެދީ. އަދި އެކަނބުލޭގެ އަހަރެންގެ އަނތްބަކަށް ވުމަށް އަހަރެން ނުހަނު އެދެން. ތިޔަބައިމީހުން ކޮންމެ އެއްޗަކަށް އެދުނު ނަމަވެސް އެ އެއްޗެއް އަހަރެމެން ތިޔަބައިމީހުންނަށް ދޭނަން. 12 މަޙުރުގެ ފައިސާ އާއި އެނޫންވެސް ހަދިޔާބަދިޔާއަށް ތިޔަބައިމީހުން މިންވަރެއް ކަނޑައަޅާ. ކޮންމެ މިންވަރަކަށް ތިޔަބައިމީހުން އެދެނު ކަމުގައި ވިޔަސް އެ މިންވަރެއް އަހަރެމެން ތިޔަބައިމީހުންނަށް އަދާ ކުރާނަން. ހަމައެކަނި އަހަރެން ބޭނުންވަނީ އެކަނބުލޭގެ އަހަރެންގެ އަނތްބަކަށް ހެދުން.“
13 ވީމާ، އެބައިމީހުންގެ ކޮއްކޮ ދީނާގެ ޢިއްފަތްތެރިކަން ޝަކީމް ފޭރިގަތުމުގެ ސަބަބުން ޔަޢުޤޫބުގެފާނުގެ އެންމެހާ ފިރިހެންދަރިން ޝަކީމް އާއި އޭނާގެ ބައްޕަ ޙަމޫރުއަށް މަކަރުހަދައި ލަނޑުދިނުމަށް ނިންމައި މިފަދައިން ޖަވާބު ދިނެވެ. 14 އެގޮތުން ޔަޢުޤޫބުގެފާނުގެ ދަރިން ޝަކީމް އާއި އޭނާގެ ބައްޕައަށް މިފަދައިން ބުންޏެވެ. ”ތިޔަފަދަ ކަމެއް އަހަރެމެންނަކަށް ކުރެވޭކަށް ނޯންނާނެ. ޚިތާނު ކުރެވިގެންނުވާ ފިރިހެނަކާއި އަހަރެމެންގެ އަންހެން ކޮއްކޮ ކައިވެނި ކުރުމަށް އަހަރެމެންނަކަށް ނުދެވޭނެ. ޅަނދޮޅު އަންހެން ކުއްޖަކު ޚިތާނު ނުކޮށް ހުރި ތިޔަފަދަ ފިރިހެނަކާއި ދެވުމަކީ އަހަރެމެންނަށް ހުރި ލަދުވެތިކަމެއް. 15 އެހެނަސް ތިބާއަށް އެކަނބުލޭގެ އާއި ކައިވެނި ކުރެވިދާނެ ޝަރުތެއް އެބައޮތް. އެއީ ތިބާ އާއި ތިބާގެ އިތުރުން މުޅި މިވަންހައިގެ އެންމެހާ ފިރިހެނުން އަހަރެމެން ފަދައިން ޚިތާނު ކުރުން. 16 މިފަދައިން ތިޔަބައިމީހުން އަމަލު ކުރުމަށް ފަހުގައި ތިޔަބައިމީހުންގެ އަނބިންނަށް ހެދުމަށް އަހަރެމެންގެ އަންހެން ދަރިން ތިޔަބައިމީހުން ގެންދޭ. އަދި އަހަރެމެން ވެސް ތިޔަބައިމީހުންގެ އަންހެން ދަރިންނާއި ކައިވެނި ކުރާނީ. އޭރުން އަހަރެމެންނަށް ތިޔަބައިމީހުންނާއި އެކުގައި ދިރިއުޅެވިދާނެ. އަދި އަހަރެމެން ދެބައިމީހުން އެއްބައެއްގެ ގޮތުގައިވެސް ވާނެ. 17 ނަމަވެސް ޚިތާނު ކުރުމަށް ތިބާ އިންކާރު ކޮށްފިނަމަ އަހަރެމެން ދީނާ ގޮވައިގެން މި ރަށް ދޫކޮށް ދާނީ.“
18 ޔަޢުޤޫބުގެފާނުގެ ދަރިންގެ މިހުށަހެޅުމަށް ޙަމޫރު އާއި އޭނާގެ ދަރިފުޅު ޝަކީމް އުފަލާއެކު އެއްބަސް ވިއެވެ. 19 ސަބަބަކީ އޭނާ ޔަޢޫޤޫބުގެފާނުގެ އަންހެންދަރިފުޅު ދީނާ ދެކެ އެހާ ލޯބިވާތީއެވެ. ޝަކީމްއަކީ އެ އާއިލާގެ އެންމެ ޤަދަރު ލިބިގެންވާ މީހާއެވެ. އެހެންވެ، ވަގުތު ނަގާނުލައި ޔަޢުޤޫބުގެފާނުގެ ދަރިންގެ ހުށަހެޅުން ފުރިހަމަކުރުމަށް އޭނާ ނިންމިއެވެ. 20 އެގޮތުން ޙަމޫރު އާއި އޭނާގެ ދަރިފުޅު ޝަކީމް ރަށުގެ ބޮޑުދޮރޯށި ހުރި މައިދާނަށް ގޮސް އެ ރަށުގެ އެންމެހާ ފިރިހެނުންނާއި ބައްދަލުކޮށް މިހުށަހެޅުން މިފަދައިން ހާމަކޮށްދިނެވެ. 21 ”ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ މީސްތަކުންނީ އަހަރެމެންގެ އެކުވެރިން. އެހެންވީމާ، މިރަށުގައި އެބައިމީހުން ދިރިއުޅެ އަދި ވިޔާފާރި ކުރުމަށް އަހަރެމެން ދަޢުވަތުދެން. އަހަރެމެން އެންމެތަކުންނަށް މިރަށުގައި އެދެވޭ މިންވަރަށް ހުސްބިން އެބައޮތް. އަހަރެމެން އެމީހުންގެ މީހުންނާއި ކައިވެނިކޮށް އެމީހުން އަހަރެމެންގެ މީހުންނާއި ކައިވެނިކުރާނީ. 22 ނަމަވެސް އެބައިމީހުންގެ މި ޝަރުތަށް އަހަރެމެން އެއްބަސްވާން ޖެހޭ. އެއީ އެބައިމީހުންގެ ފިރިހެނުން ފަދައިން އަހަރެމެންގެ ފިރިހެނުން ޚިތާނު ކުރަންޖެހޭ. އޭރުން އެބައިމީހުން އަހަރެމެންގެ މިސަހަރުގައި ދިރިއުޅުމަށް އެއްބަސްވޭ. އަދި އަހަރެމެން ދެބައިމީހުން އެއްބައެއްގެ ގޮތުގައި ވާނެވެސްމެ. 23 އެބައިމީހުންގެ މި އެދުމާއި އެއްގޮތަށް އަހަރެމެން އަމަލު ކޮށްފިނަމަ އެބައިމީހުންގެ މިލްކުގައިވާ އެންމެހާ ނަޢަމްސޫތްޕާއި ޖަނަވާރުތަކެއް އަހަރެމެންގެ ތަކެތި ކަމުގައި ވާނެވެސްމެ. އެބައިމީހުންގެ އެދުމާއި އެއްގޮތަށް އަހަރެމެން އަމަލުކުރަމާ ހިނގާ. އޭރުން އެބައިމީހުން މިރަށުގައި ދިރިއުޅޭނެ.“
24 އެގޮތުން ޝަކީމް އާއި ޙަމޫރުގެ ވާހަކަ ރަށުގެ ބޮޑު ދޮރޯށި ހުންނަ މައިދާނުގައި ތިބި އެންމެތަކުން އަޑުއަހައި އަދި އެންމެހާ ފިރިހެންތަކުން ޚިތާނު ކުރުމަށް އެއްބަސްވިއެވެ.
25 އެއަށް ފަހު އެރަށުގެ އެންމެހާ ފިރިހެނުން ޚިތާނު ކުރެވި، އޭގެ ތިންވަނައަށްވީ ދުވަހު އެކަމުގެ ތަދު އިޙުސާސް ކުރަމުން ދިޔަހިނދު ދީނާގެ ދެބެއިން ކަމުގައިވާ ޝިމްޢޫން އާއި ލާވީ އެމީހުންގެ ކަނޑިތައް ހިފައިގެން ސިއްރިޔާތުގައި ރަށު ތެރެއަށް ވަދެ އެރަށުގެ އެންމެހާ ފިރިހެނުންނަށް ޙަމަލާދީ ގަތުލުކޮށްފިއެވެ. 26 އެމީހުން ގަތުލުކުރި މީހުންގެ ތެރޭގައި ޙަމޫރު އާއި ޝަކީމްވެސް ހިމެނެއެވެ. ދެން ޝަކީމްގެ ގެއިން ދީނާ އެމީހުންގެ ފޭލިގެއަށް ގެންދިޔައެވެ. 27 މި އެންމެން ގަތުލުކުރުމަށް ފަހު ޔަޢުޤޫބުގެފާނު ހުރިހާ ދަރިން ރަށު ތެރެއަށް އަރައި މުޅި ރަށް ލޫޓުވާލިއެވެ. އެމީހުން މިގޮތަށް ބަދަލުހިފުމުގެ ސަބަބަކީ އެމީހުންގެ އަންހެން ކޮއްކޮގެ ޢިއްފަތްތެރިކަން އެރަށުގައި ޝަކީމް ފޭރިގަތީމެވެ. 28 އެރަށުގައި ވާނަމަ ވާހައި ކަންބަޅިބަކަރިތަކާއި، ހިމާރުތަކުގެ އިތުރުން ސަހަރުގެ މައިދާންތަކުގައި ވާނަމަ ވާހައި ތަކެއްޗެއްގެ އިތުރުން އެމީހުންގެ އަތުގައި ޖެހުނުހާ އެއްޗެއް އަތުލައިގަތެވެ. 29 އަދި އެރަށުގެ އެންމެހާ ގޮވަތި ގެދޮރެއްގައި ވާނަމަ ވާހައި މުދަލެއް އަތުލައި އެންމެހާ ކުޑަކުދިންނާއި އަންހެނުން ވެސް އަސީރުކުރިއެވެ.
30 އެއަށް ފަހު ޔަޢުޤޫބުގެފާނު ޝިމްޢޫން އާއި ލާވީއަށް މިފަދައިން ވިދާޅުވިއެވެ. ”ތިޔަ ދެބެއިން ކުރި އަމަލުތަކުގެ ސަބަބުން އަހަރެން މުސީބާތުގެ ތެރެއަށް ވެއްޓިއްޖެ! މިރަށުގައި ދިރިއުޅެމުން ގެންދާ މީހުން ކަމުގައިވާ ކަންޢާނުންނާއި ފަރިއްޒީނުގެ ދަރިކޮޅުގެ އަހުލުވެރިން އަހަރެންދެކެ ނަފުރަތުކުރާނެ. އަހަރެމެންގެ މީސްތަކުންގެ އަދަދު އެމީހުންނަށް ވުރެން މާމަދު. އެދެބައިމީހުން ގުޅިގެން އައިސް އަހަރެމެންނަށް ޙަމަލާދީ އަހަރެންގެ އާއިލާގެ އެންމެތަކުން ނެތިކޮށްލާފާނެ.“
31 ނަމަވެސް ޝިމްޢޫން އާއި ލާވީ ރުޅިވެރިކަމާއެކު މިފަދައިން ޖަވާބު ދިނެވެ. ”އަހަރެމެންގެ އަންހެން ކޮއްކޮ އާއިމެދު ކަސްބީ އަންހެނަކަށް ހިތާފަދައިން ހިތުމަށް އަހަރެމެން ނޭދޭނަމު.“