35
ޔަޢުޤޫބުގެފާނު ބައިތުއީލްއަށް އެނބުރި ވަޑައިގެންނެވުން
މާތްﷲ ޔަޢުޤޫބުގެފާނަށް ވަޙީކުރެއްވިއެވެ. ”ބައިތުއީލްއަށް ގޮސް އެތަނުގައި ދިރިއުޅެން ފަށާ! އެއީ ތިބާގެ ބޭބެ ޢީސޫއަށް ތިބާއަށް ފިލަން ދުވިހިނދު އެތަނެއްގައި ތިބާގެ ކުރިމައްޗަށް ތިމަންކަލާނގެ ފާޅުވެގެންވިތަންމެ. އަދި ތިމަންކަލާނގެ ކިބަފުޅަށް ޤުރުބާން ކުރުމަށް ޚާއްސަ އައްޓެއް އެތަނުގައި ބިނާކުރޭ.“
އެހެންވެ ޔަޢުޤޫބުގެފާނު އެކަލޭގެފާނު އާއިލާ އަށާއި އަދި އެކަލޭގެފާނާއި އެކުގައި ވީ އެންމެތަކުންނަށް މިފަދައިން އެންގެވިއެވެ. ”ތިޔަބައިމީހުންގެ އަތުގައިވާނަމަ ވާހައި ބުދުގެ ކަލާނގެތައް އެއްތަންކޮށް އެތަކެތި ނެތިކޮށްލާ. އަދި ތިޔަބައިމީހުން ތާހިރުވެ އަންނައުނު ބަދަލު ކުރުމަށް ފަހު މާތްﷲއަށް އަޅުކަން ކުރުމަށް ތައްޔާރުވޭ. މިތަން ދޫކޮށް އަހަރެމެން ބައިތުއީލްއަށް ދިއުމަށް އަވަސްވޭ. އެ އަވަށުގައި މާތްﷲގެ ކިބަފުޅަށް މުޤައްދަސް އައްޓެއް އަހަރެން ޢިމާރާތް ކުރަންޖެހޭ. އެކަލާނގެއީ އަހަރެން މުސީބާތުގައި ވީހިނދު އަހަރެންނަށް އެހީތެރިވެވޮޑިގެންނެވި ކަލާނގެ. އަދި އަހަރެން ކޮންމެތަނަކަށް ދިޔަނަމަވެސް އެތަނެއްގައި އެކަލާނގެ އަހަރެންނާއި އެކުގައި ވޮޑިގެންވޭމެ.“
އެހެންވެ އެ އެންމެތަކުންގެ އަތުގައި ވީ ބުދުގެ ކަލާނގެތަކާއި އެމީހުންގެ ކަންފަތުގައި ލާފައިވާ އެންމެހާ ކަންފަތު މުދިތަކެއް ޔަޢުޤޫބުގެފާނަށް އެރުވިއެވެ. ދެން ޝަކީމްގެ އަވާށާއި ކައިރީގައި ވީ ބޮޑުގަހެއް ކަމުގައިވާ ކަށިބުރޮޅި ގަހުގެ ދަށުގައި އެތަކެތި އެކަލޭގެފާނު ވަޅުލެއްވިއެވެ. އެއަށް ފަހު ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ދަރިންގެ އިތުރުން އެކަލޭގެފާނާއި އެކުގައި ވީ އެންމެތަކުން ބައިތުއީލްއަށް ދިއުމަށް އެރަށުން ފުރިއެވެ. އެބައިމީހުންގެ ދަތުރުގައި މާތްރަސްކަލާނގެ އެބައިމީހުންނަށް ރައްކާތެރިކަން ދެއްވިއެވެ. އެއާއެކު ކައިރީގައި ވީ ކަންޢާނުގެ އަވަށްތަކުގެ މީހުންގެ މައްޗަށް މާތްރަސްކަލާނގެ ބިރުވެރިކަން މެދުވެރިކުރެއްވިއެވެ. އެހެންކަމުން، އެއްވެސް ފަރާތަކުން އެބައިމީހުންނަށް ޙަމަލައެއް ނާދެއެވެ. އެންމެފަހުން ޔަޢުޤޫބުގެފާނާއި އެކަލޭގެފާނާއި އެކުގައި ވީ އެންމެތަކުން ދަތުރުކޮށް ކަންޢާނުގެ ބައިތުއީލްއަށް ވަޑައިގަތެވެ. އެވޭލާ ޒަމާނުގައި މީސްތަކުން މިތަނަށް ކިޔަމުން އައީ ލޫޒްގެ ނަމުންނެވެ. އެތަނުގައި މާތްﷲގެ ކިބަފުޅަށް ޤުރުބާން ހުށަހެޅުއްވުމަށް ޔަޢުޤޫބުގެފާނު މުޤައްދަސް އައްޓެއް ބިނާ ކުރެއްވިއެވެ. އަދި އެ މުޤައްދަސް ބިނާއަށް އީލް ބައިތުއީލްގެ ނަމުން އެކަލޭގެފާނު ނަންދެއްވިއެވެ. މިބަހުގެ މާނައީ ”ބައިތުއީލްގެ މާތްﷲ“ އެވެ. މިފަދައިން އެކަލޭގެފާނު ނަން ދެއްވުމުގެ ސަބަބަކީ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބޭބޭފުޅަށް ފިއްލަވަން ދުވެވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ކުރިފުޅު މައްޗަށް ފުރަތަމަ ފަހަރަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެންނެވި ތަނަކީ އެތަން ކަމުގައި ވުމުންނެވެ.
މިބައިމީހުން ބައިތުއީލްގެ ކައިރީގައި ދިރިއުޅެން ފެށިތާ ގިނަ ދުވަސްތަކެއް ނުވަނީސް ރިފްޤާގެ ދުވަސްވީ ޚާދިމާ ދަބޫރާ އެތަނުގައި ނިޔާވިއެވެ، އަދި ބައިތުއީލްގައި ހުރި ބިޔަ ގަހެއްގެ ދަށުގައި އެ ޚާދިމާ ވަޅުލިއެވެ. އެހެންވެ ކަރުނައިގެ ބޮޑުގަސް ކަމުގައި ބުނެ އެބައިމީހުން އެތަނަށް ނަން ދިނެވެ.* 35‏:8 ޢިބްރާނީ ބަހުން ”އަލޮން ބަކުތު“ މި ބަހުގެ މާނައަކީ ”ކަރުނައިގެ ބޮޑުގަސް“ އެވެ.
ޔަޢުޤޫބުގެފާނުގެ އާ ނަންފުޅު
އެބައިމީހުން މިހިނދު ދިރިއުޅެމުން ދިޔައީ ބައިތުއީލްގައެވެ. އަނެއްފަހަރު މާތްﷲ ޔަޢުޤޫބުގެފާނަށް ފައުޅުވެ ވަޑައިގަންނަވައި އެކަލޭގެފާނަށް ބަރަކާތްލެއްވިއެވެ. 10 މާތްﷲ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”ތިބާގެ ނަމަކީ ޔަޢުޤޫބު ކަމުގައިވިޔަސް މިހިނދުން ފެށިގެން ތިބާގެ ނަމަކީ އިސްރާއީލު.“ މިގޮތުން މާތްރަސްކަލާނގެ އެކަލޭގެފާނަށް އިސްރާއީލުގެ ނަމުން ވަޙީ ކުރެއްވިއެވެ. 11 އަދި މާތްﷲ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ. ތިމަންކަލާނގެ ތިބާގެ ދަރިފަސްކުޅު ގިނަކުރައްވާނަން. އެ ދަރިފަސްކޮޅުން ބޮޑެތި ވެގެންވާ ޤައުމުތަކެއް އުފެދިގެންދާނެ. އަދި ތިބާގެ ދަރިފަސްކޮޅުން ގިނަގުނަ ރަސްކަލުން އުފަންވާނެވެސްމެ. ތިބާއަކީ އެ އެންމެތަކުންގެ ކާބަފައި ކަމުގައި ވެސް ވާނެމެ. 12 ތިބާގެ ކާބަފައިކަލުން އިބްރާހީމްއަށާއި އިސްޙާޤުއަށް ތިމަންކަލާނގެ ދެއްވި ބިން ތިބާއާއި ތިބާގެ ދަރިފަސްކޮޅަށް ތިމަންކަލާނގެ ދެއްވާހުށީމު.“ 13 މާތްﷲ ޔަޢުޤޫބުގެފާނަށް ބަސްވަޙީ ކުރެއްވުމަށް ފަހު އެތަނުން އެކަލާނގެ އެނބުރިވޮޑިގެންފިއެވެ.
14 މާތްﷲ އެކަލޭގެފާނަށް ބަސްވަޙީ ކުރެއްވިތަން ފާހަގަ ކުރެއްވުމުގެ ގޮތުން އެތަނުގައި ހިލައިގެ ތަނބެއް ޔަޢުޤޫބުގެފާނު ޖެއްސެވިއެވެ. އެއަށް ފަހު މާތްﷲގެ ކިބަފުޅަށް ހުށަހެޅުއްވުމުގެ ގޮތުން އެ ހިލަ ތަނބުގެ މައްޗަށް މޭބިސްކަދުރުގެ ދިޔައާއި ޒައިތޫނިތެޔޮ އޮއްސެވިއެވެ. 15 އެއަށް ފަހު ބައިތުއީލްގެ ނަމުން ޔަޢުޤޫބުގެފާނު އެތަނަށް ނަންދެއްވިއެވެ. 35‏:15 މިބަހުގެ މާނައަކީ ”މާތްﷲގެ ގެކޮޅު“ އެވެ. އެއީ އެތަނެއްގައި މާތްﷲ އެކަލޭގެފާނަށް ފައުޅުވެ ވަޑައިގަންނަވައި އަދި އެކަލާނގެ ބަސްވަޙީ ކުރެއްވި ތަން ކަމުގައި ވާތީއެވެ.
16 އޭގެ ދުވަސްކޮޅެއްގެ ފަހުން ޔަޢުޤޫބުގެފާނާއި އެކަލޭގެފާނާއި އެކުގައި ވީ މީސްތަކުން ބައިތުއީލް އިން ފުރައިގެން ދަތުރުކުރެއްވިއެވެ. އަދި އެބައިމީހުން އަފްރާތާ 35‏:16 ”އަފްރާތާ“ މިއީ ބައިތުލްލަހަމްއަށް ކުރިން ކިޔަމުން އައި ނަމެވެ. އާއި ދުރުގައިވަނިކޮށް ރާޙީލްއަށް ވިހެއުމުގެ ވޭންވަރު ދިމާވިއެވެ. 17 ރާޙީލްއަށް ވިހެއުމުގެ ވޭންވަރު ގަދަވެ ނުހަނު އުނދަގުލާއި ކުރިމަތިލާން ޖެހުމަށް ފަހު ރާޙީލް ވިހެއެވެ. އެހިނދު ރާޙީލްގެ ފޫޅުމާމައަށް މިތަންފެނި މިފަދައިން ގޮވާލެވުނެވެ. ”ފިކުރު ނުކުރޭ ރާޙީލް. ތިބާއަށް އިތުރު ފިރިހެން ދަރިއަކު ލިބިއްޖެ!“ 18 ރާޙީލް ވަނީ މަރުގެ ތުންފަތްމަތީގައެވެ. އެހެންވެ އެކަނބުލޭގެ އެ ދަރިފުޅަށް ބަންއޫނީގެ§ 35‏:18 ”ބަންއޫނީ“ މިބަހުގެ މަނައަކީ ޢިބްރާނީ ބަހުން ”އަހަރެންގެ ހިތާމަތަކާއި އެކުގައި ވީ ފިރިހެން ދަރިފުޅު“ މެއެވެ. ނަމުން ނަންދިނެވެ. އެއަށް ފަހު އެކަނބުލޭގެ ނިޔާވިއެވެ. ނަމަވެސް ޔަޢުޤޫބުގެފާނު އެދަރިފުޅަށް ބަންޔާމީންގެ* 35‏:18 ”ބަންޔާމީން“ ޢިބްރާނީ ބަހުން މިބަހުގެ މާނަކީ ”އަހަރެންގެ ރުހުންލިބިގެންވާ ފިރިހެން ދަރިފުޅު“ ނޫނީ ”އަހަރެންގެ ކަނާއަތް ކަމުގައިވާ ފިރިހެން ދަރި“ އެވެ. ނަމުން ނަން ދެއްވިއެވެ. 19 އަދި އެބައިމީހުން އަފްރާތާއަށް ދިޔަ މަގުމަތީގައި ބައިތުލަޙަމުގެ ސަރަހައްދުގައި ރާޙީލް ވަޅުލިއެވެ. 20 އަދި ރާޙީލްއަށް އިޙުތިރާމް ކުރުމުގެ ގޮތުން އެކަނބުލޭގެ މަހާނައިގައި ޔަޢުޤޫބުގެފާނު ހިލައެއް ޖެއްސެވިއެވެ. އެހިލަ މިއަދުވެސް އެތަނުގައި އެބަހުރިމެއެވެ.
21 އެއަށް ފަހު އިސްރާއީލު (ޔަޢުޤޫބުގެފާނު) އެކަލޭގެފާނުގެ ދަތުރުފުޅުގައި ކުރިއަށް ވަޑައިގަންނަވައި ޢިދްރި ބުރުޒު ފަހަނައަޅައި ވަޑައިގެންނެވިއެވެ.
22 މިތަނުގައި އިސްރާއީލުގެފާނު ފޭލިގެ ޖައްސަވައި ދިރިއުޅުއްވަމުން ގެންދެވި ދުވަސްތަކުގައި އެކަލޭގެފާނުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު ރައޫބައިން އެކަލޭގެފާނުގެ ޖާރިޔާއެއް ކަމުގައިވާ ބިލްހާ އާއިއެކުގައި ޖިންސީގުޅުން ހިންގި ޚަބަރު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތެވެ.
ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވި ބާރަ ފިރިހެން ދަރިން
ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވީ ބާރަ ފިރިހެން ދަރިންނެވެ.
23‏-26 ލައިއަތު އާއި ޔަޢުޤޫބުގެފާނަށް ހަ ފިރިހެން ދަރިން ލިބިފައިވިއެވެ. އެ ދަރިންގެ ތެރެއިން އެންމެ ދޮށީ ރައޫބައިންއެވެ. އެއަށް ފަހު ޝިމްޢޫން، ލާވީ، ޔަހޫޛާ، ޔައްސާކަރު އަދި ޒަބޫލޫން އެވެ. އަދި ލައިއަތުގެ ޖާރިޔާ ޒިލްފާ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ޖާދު އާއި އަޝީރު އެވެ.
ރާޙީލްއާއި ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައި ވެއެވެ. އެއީ ޔޫސުފުގެފާނާއި ބަންޔާމީންއެވެ. އަދި ރާޙީލްގެ ޖާރިޔާ ބިލްހާގެ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ދާނު އާއި ނަފްތާލީ އެވެ.
މި ހުރިހާ ދަރިންމެ އުފަންވީ މެސޮޕޮތާމިޔާގައެވެ.
އިސްޙާޤުގެފާނު އަވަހާރަވުން
27 އެންމެފަހުން ޔަޢުޤޫބުގެފާނު، އެކަލޭގެފާނު ބަފައިކަލުން އިސްޙާޤުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެހިނދު އިސްޙާޤުގެފާނު ދިރިއުޅުއްވަމުން ގެންދެވީ ޤަރްޔަތު އަރްބަޢު (މިހާރުގެ ނަމުން ޙަބްރޫނު) ގެ ކައިރީގައިވާ މަމްރާ ގައެވެ. މިތަނަކީ އިސްޙާޤުގެފާނާއި އެކަލޭގެފާނުގެ ބަފައިކަލުން އިބްރާހީމްގެފާނާއި ދެބަފައިކަލުން ބީރައްޓެހިންގެ ގޮތުގައި ދިރިއުޅުއްވި ރަށްވެސް މެއެވެ. 28‏-29 އިސްޙާޤުގެފާނު މުސްކުޅިކަމުގެ ނިހާޔަތުގައި މިދުނިޔޭގައި އުޅުއްވުމަށް ފަހު އެކަލޭގެފާނު އަވަހާރަވީ އުމުރުފުޅުން ސަތޭކަ އަށްޑިހަ އަހަރުގައެވެ. އަދި އިސްޙާޤުގެފާނުގެ ދެދަރިކަލުން ކަމުގައިވާ ޢީސޫއާއި ޔަޢުޤޫބުގެފާނާއި ދެބޭކަލުން އެކަލޭގެފާނު ފަސްދާނު ލެއްވިއެވެ.

*35:8 35‏:8 ޢިބްރާނީ ބަހުން ”އަލޮން ބަކުތު“ މި ބަހުގެ މާނައަކީ ”ކަރުނައިގެ ބޮޑުގަސް“ އެވެ.

35:15 35‏:15 މިބަހުގެ މާނައަކީ ”މާތްﷲގެ ގެކޮޅު“ އެވެ.

35:16 35‏:16 ”އަފްރާތާ“ މިއީ ބައިތުލްލަހަމްއަށް ކުރިން ކިޔަމުން އައި ނަމެވެ.

§35:18 35‏:18 ”ބަންއޫނީ“ މިބަހުގެ މަނައަކީ ޢިބްރާނީ ބަހުން ”އަހަރެންގެ ހިތާމަތަކާއި އެކުގައި ވީ ފިރިހެން ދަރިފުޅު“ މެއެވެ.

*35:18 35‏:18 ”ބަންޔާމީން“ ޢިބްރާނީ ބަހުން މިބަހުގެ މާނަކީ ”އަހަރެންގެ ރުހުންލިބިގެންވާ ފިރިހެން ދަރިފުޅު“ ނޫނީ ”އަހަރެންގެ ކަނާއަތް ކަމުގައިވާ ފިރިހެން ދަރި“ އެވެ.