4
މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދަ ޙަޔާތް
އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން ތިޔަބައިމީހުންނަށް އުނގަންނައިދިނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދަ ޙަޔާތެއް ވޭތު ކުރާނޭ ގޮތަކާ މެދުގައެވެ. އަދި ތިޔަބައިމީހުން ޙަޔާތް ވޭތުކުރަމުން ތިޔަ ގެންދަނީ އެފަދައިން ވެސްމެއެވެ. މިހާރު އަހަރެމެން ތިޔަބައިމީހުންގެ ގާތު އާދޭހާއެކު މިއެދެނީ މާތްސާހިބާ އީސާގެފާނުގެ ކިބައިން ހިތްވަރު ލިބި ތިޔަގޮތުގައި އިތުރަށް ކުރިއަށް ދިއުމަށެވެ. މާތްސާހިބާ އީސާ އަލްމަސީޙުގެ އަމުރުވެރިކަމާއެކު އެކަލޭގެފާނުގެ މަންދޫބެއްގެ ގޮތުން ތިޔަބައިމީހުން ކުރުމަށް އަހަރެން ބުނެދިނީ ކޮން ކަންތައްތަކެއްކަން ތިޔަބައިމީހުން ދަންނާނެއެވެ.
މާތްރަސްކަލާނގެ އެދިވޮޑިގަންނަވަނީ ތިޔަބައިމީހުން މާތް ބައެއްގެ ގޮތުގައި ވުމަށެވެ. އަދި ޖިންސީ ފާފަތަކުން ދުރުވެގެން ވުމަށެވެ. އެކަލާނގެ އެދިވޮޑިގަންނަވަނީ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް އޮބަހައްޓާނީ ކިހިނަކުންކަން ދަސްކުރުމަށެވެ. މާތްވެގެންވާ ގޮތުގެ މަތިން އެ ނަފްސުތަކަށް ޤަދަރު ކުރުމަށެވެ. މާތްރަސްކަލާނގެއީ ކޮންފަރާތެއްކަން އެނގިގެންނުވާ މީސްތަކުން ފަދައިން ތިޔަބައިމީހުންގެ ނަފްސުތައް ޝަހުވަތްތެރި ކަމުގެ ތެރެއަށް ވައްޓާނުލުމަށެވެ. ހަމައެހެންމެ، މަސީޙީ އަޚަކު އޭނާގެ އަނެއް އަޚާގެ ޙައްޤަކަށް އެއްވެސް ޙާލަތެއްގައި ޖިންސީގޮތުން އަރައިގަނެގެން ނުވާނެއެވެ. މިފަދައިން އަމަލުކުރި ފަރާތަކަށް މާތްސާހިބާ ޢުޤޫބާތް ދެއްވާނެ ކަމުގައި އަހަރެމެން ވާނީ ތިޔަބައިމީހުންނަށް ބުނެދީ އަދި އިންޒާރު ދީފައެވެ. އަހަރެމެންނަށް މާތްކަލާނގެ ގޮވާލައްވަނީ ސާފުތާހިރު ނޫން ގޮތުގައި ދިރިއުޅޭ ބަޔަކަށް ވުމަކަށް ނޫނެވެ. އަދި އޭގެބަދަލުގައި އެކަލާނގެ އަހަރެމެންނަށް ގޮވާލައްވަނީ މާތް ގޮތުގައި ދިރިއުޅުމަށެވެ. އެހެންވީމާ، މި އުނގަންނައިދިނުން ތަކާއިމެދު ދެކޮޅުހަދާ މީހަކީ މާތްރަސްކަލާނގެ ކިބަފުޅަށް އުރެދިގެންވާ މީހެކެވެ. އެހެނީ މި އުނގަންނައި ދިނުމަކީ އާދައިގެ އިންސާނީ އުނގަންނައި ދިނުމެއް ނޫނެވެ. އެމީހަކު އެދެކޮޅުވެރި ވެގަންނަނީ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި މާތްރަސްކަލާނގެއާ އެވެ. ތިޔަބައިމީހުންގެ މެދުގައިވާ މަސީޙީ އާއިލާގެ އެކަކު އަނެކަކާއިމެދު ލޮބުވެތި ކަމުގައި ވުމަށް އެދި ތިޔަބައިމީހުންނަށް ލިޔާކަށް ވެސް ނުޖެހެއެވެ. ސަބަބަކީ ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކަށް ލޮބުވެތި ވުމަށް މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް އުނގަންނަވައި ދެއްވާފައިވާތީއެވެ. 10 އަދި މެސެޑޯނިޔާގެ ސަރަހައްދުގައިވާ އެންމެހާ މަސީޙީންދެކެ ތިޔަބައިމީހުން ތެދުވެރި ގޮތުގައި ލޯބިވެއެވެ. އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނަށް އަހަރެން މި ހިނދު ހިތްވަރު މިދެނީ އެބައިމީހުންދެކެ އިތުރަށް ލޯބިވުމަށެވެ. 11 ތިޔަބައިމީހުންގެ ލަނޑުދަނޑިއަކީ ހަމަހިމޭން ދިރިއުޅުމެއް އުޅުމެވެ. ތިޔަބައިމީހުންނާއި ނުބެހޭ ކަންތައްތަކާއި މެދުގައި ނުބެހި ތިބޭށެވެ. މީގެ ކުރީގައި ބުނިފަދައިން ތިޔަބައިމީހުންގެ މަސައްކަތުން ދިރިއުޅުމަށް ބޭނުންވާ ތަކެތި ހޯދާށެވެ. 12 މިފަދައިން ތިޔަބައިމީހުންގެ އަމަލުތައް ބެހެއްޓެމުން އީމާންތެރިކަމުގައިނުވާ ފަރާތްތައް ވެސް ތިޔަބައިމީހުންނާއިމެދު ޤަދަރު ކުރާނެއެވެ. އަދި ތިޔަބައިމީހުންގެ ބޭނުން ތަކާއިމެދު އަނެކުންނަށް ބަރޯސާ ކުރާކަށް ނުޖެހޭނެއެވެ.
މާތްސާހިބާ ވަޑައިގެންނެވުން
13 އަޚުންނާއި އުޚުތުންނޭވެ! މި ހިނދު އަހަރެން ބޭނުންވަނީ މަސީޙީންގެ ތެރެއިން ނިޔާވި ފަރާތްތަކާއިމެދު ހިނގާނޭ ޙާދިސާ ތިޔަބައިމީހުންނަށް އެނގުމަށެވެ. އެއީ އުންމީދެއް ނެތިފައިވާ މީސްތަކުން ނިޔާވާ މީހުންނާމެދު ހިތާމައިގައިވާ ފަދައިން ތިޔަބައިމީހުން ހިތާމައިގައި ނުވުމަށެވެ. 14 އަހަރެމެން އީމާންވާ ގޮތުގައި އީސާގެފާނު އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު، އަލުން ދިރި ވަޑައިގެންނެވިއެވެ. ވީމާ އަހަރެމެން އީމާންވަނީ ނިޔާވެ ދިޔަ އެންމެހާ މަސީޙީން ވެސް އީސާގެފާނާއި އެކުގައި މާތްރަސްކަލާނގެ ގެންނަވާނެ ކަމަށެވެ.
15 ތިޔަބައިމީހުންނަށް އަހަރެން މި ބުނެދެނީ މާތްސާހިބާ އެކަލޭގެފާނުގެ އަމިއްލަ ޒާތުފުޅުގައި ވިދާޅުވި ޚަބަރުފުޅު ތަކެވެ. މާތްސާހިބާ އެނބުރި ވަޑައިގަންނަވާހިނދު، އަހަރެމެން ފަދައިން ދިރި ދުނިޔޭގައި ތިބި މަސީޙީންނަށް ކުރިން ނިޔާވެފައި ތިބި މަސީޙީންނަށް ވުރެ ކުރިން ގޮސް އެކަލޭގެފާނާއި ބައްދަލެއް ނުކުރެވޭނެއެވެ. 16 ހަރުއަޑުފުޅުން އަމުރު ކުރައްވަމުން މާތްސާހިބާ އުޑުން އެނބުރި ވަޑައިގަންނަވާނެއެވެ. އެކަލޭގެފާނާއި އެކުގައި މަލާއިކަތުންގެ އިސްވެރިޔާގެ އަޑުފުޅު އިވިވަޑައިގެން ދާނެއެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އެކަލާނގެ ތާޅަފިލީގެ އަޑު އިއްވަވާނެއެވެ. އަދި އެންމެ ފުރަތަމަ އަލުން ދިރުއްވާނެ ބަޔަކީ އަލްމަސީޙު އަށް އީމާންތެރިކަމުގައިވެ ނިޔާވި ފަރާތްތަކެވެ. 17 އެއަށް ފަހު، އަހަރެމެން ފަދައިން ދުނިޔޭގައި ތިބި މަސީޙީން އޭގެ ކުރީގައި ނިޔާވި މަސީޙީންނާއި އެއްތަން ކުރައްވާނެއެވެ. އަހަރެމެން އުޑަށް އުފުލި ވިލާގަނޑުތަކުގައި މާތްސާހިބާ އާއި ބައްދަލު ކުރަން ގެންދެވޭނެއެވެ. އަދި އަހަރެމެން އަބަދުގެ އަބަދަށް މާތްސާހިބާ އާއި އެކުގައި ވާނެއެވެ. 18 އެހެންވީމާ، މިބަސްތަކުން އެކަކު އަނެކަކަށް ހިތްވަރު ދޭށެވެ.