5
މާތްސާހިބާ ވަޑައިގަންނަވާއިރަށް ތައްޔާރުވާށެވެ.
އަޚުންނާއި އުޚުތުންނޭވެ! ވަގުތާއި ތާރީޚާއި މެދު ލިޔާކަށް އަހަރެންނަކަށް ނުޖެހެއެވެ. އެއީ މާތްސާހިބާ އެނބުރި ވަޑައިގަންނަވާނޭ ދުވަހަކީ ޙައިރާންކަން ލިބެނިވި ދުވަހެއްކަން ތިޔަބައިމީހުންނަށް ރަނގަޅަށް އެނގޭނޭތީއެވެ. އެހެނީ އެކަލޭގެފާނު ވަޑައިގަންނަވާނީ ވަގަކު ރޭގަނޑުގައި ވައްކަންކުރަން އަންނަ ފަދައިންނެވެ. އެ ހިނދު ދުނިޔޭގެ މީސްތަކުން މިފަދައިން ބުނާނެއެވެ. ”⁠އަހަރެމެން ސުލްޙައިގައި ވަމެވެ. އަދި އަހަރެމެން ސަލާމަތުން ވަމެވެ.⁠“ އެހެނަސް އެބައިމީހުންގެ މައްޗަށް ހަލާކު ކުރިމަތި ވެދެއެވެ. މިފަދައިން ކަންތައްތައް ވާނީ ނުހަނު އަވަހަށެވެ. އެއީ މާބަނޑު އަންހެނަކު ދަރިއަކު ވިހެއުމުގައި އަޅާ ވޭންވަރު ފަދައިން ހިނގާނެ ކަމެކެވެ. އެބައިމީހުންނަށް ސަލާމަތެއް ނެތެވެ. ނަމަވެސް އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުން ތިބީ އަނދިރީގައިމެ ނޫނެވެ. އެހެންވީމާ، ވަގަކު ވަންނަ ފަދައިން މާތްސާހިބާ އެނބުރިވަޑައިގެންނެވިޔަސް އެދުވަހަކުން ތިޔަބައިމީހުން ޙައިރާނެއް ނުވާނެއެވެ. އެހެނީ ތިޔަބައިމީހުންނީ އަލިކަން މިލްކުވެގެންވާ އަދި ދުވާލުގައި ޙަޔާތުވޭތުކުރަމުން ގެންދާ ބައެކެވެ. އަހަރެމެން އެންމެންނަކީ ރޭގަނޑާއި އަދި އަނދިރިކަމުގެ އަހުލުވެރި ބައެއް ނޫނެވެ. އެހެންވީމާ، އަހަރެމެންނަކީ، އަނެކުން ފަދައިން ނިދީގައި ތިބި ބައެއްކަމުގައި ވެގެން ނުވާނެއެވެ! އެކަމަކު އަހަރެމެން ވާން ޖެހޭނީ ހޭލައި ތިބި އަމިއްލަ ނަފްސުގެ ހިފެހެއްޓުން ތެރި ބަޔަކަށެވެ. މީސްތަކުންގެ ތެރެއިން ނިދާ މީހުން ނިދަނީ ރޭގަނޑުގައެވެ. މަސްތުވުމުގައިވާ މީހުން މަސްތުވަނީ ވެސް ރޭގަނޑުގައެވެ. ނަމަވެސް އަހަރެމެން މިލްކުވެގެންވަނީ ދުވާލަށެވެ. އެހެންވީމާ، އަހަރެމެންގެ އަމިއްލަ ނަފްސު ހިފެހެއްޓެން އަހަރެމެންނަށް ޖެހޭނެއެވެ. އަހަރެމެން އަޅަންޖެހޭނީ އީމާންތެރިކަމާއި ލޯބިން މޭމަތި ހިމާޔަތްކޮށްދޭ ފަދަ އެއްޗެކެވެ. އަދި އަހަރެމެންގެ ބޮލުގައިވާ ހެލްމެޓް ވާންޖެހޭނީ ދިންނެވުމުގެ އުންމީދު ކަމުގައެވެ. މާތްރަސްކަލާނގެ އަހަރެމެން ޚިޔާރު ކުރެއްވީ އެކަލާނގެ ކޯފާގެ ވޭން އަހަރެމެން ތަޙައްމަލު ކުރުމަކަށްމެ ނޫނެވެ. ނަމަވެސް މާތްސާހިބާ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އަހަރެމެންނަށް ދިންނެވުން ދެއްވުމަށެވެ. 10 އީސާގެފާނު އަވަހާރަވެ ވަޑައިގެންނެވީ އަހަރެމެންނަށްޓަކައެވެ. އެއީ އަހަރެމެންނަށް އެކަލޭގެފާނާއި އެކުގައި ޙަޔާތް ވޭތުކުރެވުމަށެވެ. އެކަލޭގެފާނު ވަޑައިގަންނަވާއިރު އަހަރެމެން ދިރިތިބި ކަމުގައި ވިޔަސް ނޫނީ އަހަރެމެން މަރުވެފައި ވީކަމުގައި ވިޔަސްމެއެވެ. 11 އެހެންވީމާ، އެކަކު އަނެކަކަށް ހިތްވަރު ދޭށެވެ. އަދި އެކަކު އަނެކަކަށް ވަރުގަދަ އީމާންތެރިކަމެއްގައި ހެދި ބޮޑުވެދާށެވެ. އެއީ މިހާރު ވެސް ތިޔަބައިމީހުން އަމަލު ކުރަމުން ގެންދާ ފަދައިން ވެސް މެއެވެ.
އެންމެފަހުގެ އިރުޝާދާއި ހެޔޮ އެދުން
12 އަޚުންނާއި އުޚުތުންނޭވެ. މާތްސާހިބާއަށްޓަކައި ތިޔަބައިމީހުންގެ ޙަޔާތު ވޭތުކުރުމަށް އުނގަންނައިދީ އަދި ތިޔަބައިމީހުންގެ މެދުގައި ގަދައަޅައި މަސައްކަތްކުރި ވެރިންނަށް ގަދަރު ކުރުމަށް އިލްތިމާސް ކުރަމެވެ. އެމީހުން ތިޔަބައިމީހުންނަށް ރޫހާނީ މަގުދައްކައި ދިނުމަށް މަސައްކަތް ކުރިއެވެ. 13 އެބައިމީހުން ކުރި މަސައްކަތާއި މެދު ލޯތްބަކާއިއެކު އެބައިމީހުންނަށް ޚާއްސަގޮތެއްގައި ޤަދަރު ކުރާށެވެ. ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކަށް ސުލްޙައިގައިވާށެވެ.
14 އަޚުންނާއި އުޚުތުންނޭވެ! ކަންނެތް ކަމުގައި ތިބި މީސްތަކުންނަށް އިންޒާރު ދިނުމަށް ތިޔަބައިމީހުންނަށް އާދޭސްކޮށް އަހަރެން ބުނަމެވެ. ބިރުވެތި ކަމުގައި ތިބި ފަރާތްތަކަށް ހިތްވަރު ދޭށެވެ. ބަލިކަށި ފަރާތްތަކާއިމެދު އަޅާލުން ބަހައްޓައި އެހީތެރިވެ ދޭށެވެ. ހުރިހާ އެންމެންނާއި މެދު ކެތްތެރިވާށެވެ. 15 އެއްވެސް މީހަކު ނުބައި ކަމެއްގެ ބަދަލު ނުބައި ކަމެއް ކުރިޔަ ނުދިނުމަށް ޔަޤީންކުރާށެވެ. ނަމަވެސް އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމަށް އަބަދުމެ ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި ހަމައެހެންމެ ހުރިހާ އެންމެންނާއި މެދުގައި ވެސް މެއެވެ.
16 އަބަދުވެސް އުފާކުރާށެވެ. 17 އަބަދުމެ ދުޢާ ކުރުމުގައި ވާށެވެ. 18 ކޮންމެ ޙާލަތަކާއިމެދު މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާށެވެ. މިއީ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި ތިޔަބައިމީހުން ކުރުމަށް މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތެވެ.
19 މާތްރަސްކަލާނގެ މާތްރޫޙުފުޅު ނިވުނަ ނުދޭށެވެ. 20 ޣައިބުގެ ބަސްތަކުން އެނގޭ ކަންކަމަކީ މުހިންމު ކަމެއް ނޫން ކަމުގައި ނުދެކޭށެވެ. 21 ނަމަވެސް ކޮންމެ ކަމަކާއިމެދު ފަރުވާތެރިވެ އިމްތިޙާނު ކުރާށެވެ. ހެޔޮކަންކަމުގައި ގަދައަޅައި ހިފަހައްޓާށެވެ. 22 އަދި ކޮންމެ ހިތްނުބައި ކަމަކުން ދުރުހެލިވެ ތިބޭށެވެ.
23 މާތްރަސްކަލާނގެއީ އަހަރެމެންގެ ފުރާނައިގެ ހިތްހަމަޖެހުމުގެ ވަސީލަތް ކަމަށްވާ ކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުން ފުރިހަމައަށް ތާހިރުކޮށް ދެއްވާށިއެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙު އެނބުރި ވަޑައިގެންނެވުމަށް ދާންދެން ތިޔަބައިމީހުން މުޅި ރޫޙާއި ފުރާނަ އަދި ޖިސްމު ފުރިހަމައަށް ރައްކާތެރި ކުރެވި ބަދުނާމުތަކުން އެއްކިބާ ކުރައްވާށިއެވެ. 24 ތިޔަބައިމީހުން ޚިޔާރު ކުރެއްވި ފަރާތުން މިކަންތައްތައް ތިޔަބައިމީހުންނަށް ކޮށްދެއްވާނެއެވެ. އެކަލާނގެއީ އަމާނާތްތެރިވެ ވޮޑިގެންވާ ކަލާނގެއެވެ.
25 އަޚުންނާއި އުޚުތުންނޭވެ. އަހަރެމެންނަށްޓަކައި ދުޢާ ކުރާށެވެ.
26 އެކަކު އަނެކަކާއި ބައްދަލުވާ ހިނދު ސަލާމުގެ ބޮސް ދިނުމަކާއެކު މަރުޙަބާ ކިޔާށެވެ. 27 އީމާންތެރިކަމުގައިވާ ހުރިހާ އެންމެންނަށް މި ސިޓީ ކިޔައިދިނުމަށް މާތްސާހިބާ ދެއްވި އަމުރުވެރިކަމުގައި އަހަރެން ތިޔަބައިމީހުންނަށް ބުނަމެވެ.
28 މާތްސާހިބާ އީސާ އަލްމަސީޙު ތިޔަ ހުރިހާ އެންމެންނަށް ނިޢުމަތް ދެއްވާށިއެވެ. އާމީން.