ތިސަލޯނިކާގެ މަސީޙީންނަށް ފޮނުވުނު ދެވަނަ ސިޓީ
ތަޢާރަފް
މި ސިޓީއަކީ ޕައުލް، ސިލާހު އަދި ތިމޮތީގެ ފަރާތުން ތިސަލޯނިކާގައި ވީ މަސީޙީ ޖަމާޢަތަށް ލިޔެ ފޮނުވާފައިވާ ސިޓީއެކެވެ. މި ސިޓީ ފަށާފައި ވަނީ އެންމެހާ ވަގުތުތަކުގައި އެބައިމީހުންގެ ކިބައިގައިވީ އީމާންތެރިކަމާއި ލޯބި ބޮޑުވެގެން ދާކަމަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދެންނެވުމާއި އެކުގައެވެ. ތަފާތު ގިނަގުނަ މުސީބާތްތަކާއި އެބައިމީހުން ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ޕައުލް ބުނަމުން ގެންދިޔައީ މިއީ މާތްރަސްކަލާނގެ އެބައިމީހުންގެ އީމާންތެރިކަން އިމްތިޙާނު ކުރައްވަނީ ކަމުގައެވެ. ވީމާ އެއީ އެބައިމީހުންނަށް ޢުޤޫބާތް ދެއްވުމެއް ނޫންކަމަށެވެ.
ތިސަލޯނިކާގެ މަސީޙީ ޖަމާޢަތުގައި ހިމެނޭ މީހަކު ދޮގުހަދައި، ޕައުލްގެ ފަރާތުން އޭނާއަށް ސިޓީއެއް ލިބިފައިވާ ކަމަށާއި، އެ ސިޓީގައި މާތްސާހިބާ އެނބުރި ވަޑައިގަންނަވައިފި ކަމުގައި ވާކަމަށް ބުނެ ދޮގުތަކެއް ހެދިއެވެ. ނަމަވެސް މޮޔަ ނުވުމަށް މަސީޙީ ޖަމާޢަތަށް ޕައުލް އަންގާފައި ވެއެވެ. ”މާތްކަލާނގެ ބޮޑު ދުޝްމަން“ (ދައްޖާލު) ފައުޅު ވުމަށް ދާންދެން މާތްސާހިބާ އެނބުރި ވަޑައިނުގަންނަވާނޭ ކަމުގައި ބަޔާން ކުރައްވާފައި ވެއެވެ.
ބައެއް މަސީޙީންގެ ކަންނެތްކަމާއި މެދުގައި ވެސް ޕައުލް މި ސިޓީގައި އިންޒާރު ދީފައި ވެއެވެ.
މި ސިޓީގައި އެކުލެވިގެން ވަނީ:
ތަހުނިޔާ (1:1-2)
މާތްސާޙިބާގެ އެނބުރި ވަޑައިގަތުމުން އިންސާފު ގެނެސް ދެއްވާނެކަމަށް ވެއެވެ. (1:3-12)
މާތްސާހިބާ އަދި އެނބުރި ވަޑައި ނުގަންނަވާ ކަމަށްވެއެވެ. (2:1-12)
އީމާންތެރިކަމުގައި ހިފަހައްޓައި ގާއިމުވެ ތިބޭން އެދިފައިވެއެވެ. (2:13-17)
ދުޢާ ކުރުމަށް އެދުނެވެ. އަދި ގަދައަޅައި މަސައްކަތް ވެސް ކުރާން އެދުނެވެ. (3:1-15)
އެންމެ ފަހުގެ ދުޢާ (3:16-18)
1
ތަހުނިޔާ
1 މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު އަދި މާތްސާހިބާ އީސާ އަލްމަސީޙަށް އީމާންވެގެންވީ ތިސަލޯނިކާގެ މަސީޙީ ޖަމާޢަތަށް ޕައުލް، ސިލާހު އަދި ތިމޮތީގެ ފަރާތުން ސިޓީ ލިޔެ ފޮނުވަމެވެ.
2 މާތްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު، އަދި މާތްސާހިބާ އީސާ އަލްމަސީޙު ތިޔަބައިމީހުންނަށް ނިޢުމަތާއި އަދި ސުލްޙަވެރިކަން ދެއްވާށިއެވެ!
އަލްމަސީޙު ވަޑައިގެން އިންސާފު ކުރެއްވުން
3 އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނާއިމެދު އަބަދުވެސް އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާން ޖެހެއެވެ. އެފަދައިން އަހަރެމެން އަމަލު ކުރުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. އެއީ ތިޔަބައިމީހުން އީމާންތެރިކަމުގައި ހެދިބޮޑުވެދާ ދިއުމާއި އަދި އެކަކު އަނެކަކަށް ދެމުން ދާ ލޯބި ތިޔަބައިމީހުންގެ ތެރޭގައި އިތުރުވެ ދިއުމުގެ ސަބަބުންނެވެ.
4 މާތްރަސްކަލާނގެ ޖަމާޢަތްތަކުގެ މީހުން ގާތުގައި ތިޔަބައިމީހުންނާއި ބެހޭގޮތުން އަހަރެމެން ތަޢުރީފް ކުރަމެވެ. އެއީ ތިޔަބައިމީހުންނަށް ލިބެމުންދާ ހުރިހާ އަނިޔާތަކާއި، ޖެހޭ ދަތި ނިކަމެތި ޙާލަތުތަކުގައި ވެސް ކެތްތެރިކަމާއެކު އެކަންތައް ތަޖުރިބާކޮށް އީމާންތެރިކަމުގައި ދެމިތިބޭތީއެވެ.
5 މިހުރިހާ ކަމަކުން ދައްކައިދެނީ މާތްރަސްކަލާނގެ ފައިސަލާ ކުރައްވާނީ އިންސާފުވަންތަކަމާއި އެކުގައި ކަމެވެ. އަދި ތިޔަބައިމީހުން މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައި ތަޙައްމަލު ކުރަމުން ގެންދާ ވޭނުގެ ސަބަބުން ތިޔަބައިމީހުންނަކީ އެކަލާނގެ ރަސްކަންފުޅުގެ ތެރެއަށް ވަނުމަށް އެކަށީގެންވާ ބައެއްކަމުގައި އެކަލާނގެ ލެއްވިއެވެ.
6 އެހެނީ ތިޔަބައިމީހުންނަށް ވޭންދެނިވި ކޮންމެ ބަޔަކަށްމެ މާތްރަސްކަލާނގެ އިންސާފުވަންތަ ކަމާއެކު ޢުޤޫބާތް ދެއްވާނެއެވެ.
7 ނަމަވެސް ތިޔަބައިމީހުންނަށް ކުރިމަތިވި ވޭނީ ތުރާތަކަށް އެކަލާނގެ ލުއިކޮށް ދެއްވާނެއެވެ. އަހަރެމެންނާއި މެދުގައި ވެސް އެކަލާނގެ އެފަދައިން އަމަލު ކުރައްވާނެއެވެ. އެކަލާނގެ މިކަންތައް ކުރައްވާނީ މާތްސާހިބާ އީސާގެފާނު އެކަލޭގެފާނުގެ ބާރުގަދަ މަލާއިކަތުންނާއިގެން އުޑުން ފާޅުވެ ވަޑައިގަންނަވާ ހިނދުގައެވެ.
8 އެދުވަހު މާތްރަސްކަލާނގެއާއި ގުޅުން ބޭއްވުމަށް ދެކޮޅުވެރިވީ ކޮންމެ ފަރާތަކަށްމެ، އަހަރެމެންގެ މާތްސާހިބާ އީސާގެފާނު އަނދަމުން ދާ ގަދަފަދަ އަލިފާނުން ޢުޤޫބާތް ދެއްވާނެއެވެ. އަދި އެކަލޭގެފާނު ދެއްވި ހެޔޮޚަބަރުފުޅަށް ކިޔަމަންތެރިކަން އަދާނުކުރާ ފަރާތްތަކަށް ވެސްމެއެވެ.
9 އެބައިމީހުންނަށް ދެއްވާނޭ ޢުޤޫބާތަކީ ނިމުމެއްނެތް ހަލާކެވެ. އަދި އެބައިމީހުން ވާނީ މާތް ސާހިބާއާއި އެކަލޭގެފާނުގެ ޖަލާލަތުކަމުގެ ބާރުފުޅުން އެއްކިބާ ކުރެވިގެންނެވެ.
10 މިކަންތައް ހިނގައިދާނީ މާތްސާހިބާ އެކަލޭގެފާނަށް އީމާންވެގެންތިބި ހުރިހާ މީހުން ކަމަށްވާ އެކަލާނގެ މީހުންގެ ފަރާތުން އެކަލޭގެފާނަށް ޤަދަރާއި ޖަލާލަތާއި ޙަމްދު ސަނާ ލިބިގަތުމަށް ވަޑައިގަންނަވާ ދުވަހުއެވެ. އެބައިމީހުންގެ ތެރޭގައި ތިޔަބައި މީހުންވެސް ހިމެނިގެން ވާނެއެވެ. އެއީ އެކަލޭގެފާނާއި ބެހޭގޮތުން އަހަރެމެން ދިން ރިސާލަތު ތިޔަބައިމީހުން ގަބޫލުކުރި ކަމުންނެވެ.
11 އެހެންވީމާ މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ފަރާތްތަކުގެ ތެރޭގައި ތިޔަބައިމީހުންނީ އެކަށީގެންވާ ބައެއްގެ ގޮތުގައި ލެއްވުމަށް އެދި އަހަރެމެން އެކަލާނގެ ކިބަފުޅަށް ދުޢާ ކުރުމުގައި ވަމެވެ. ތިޔަބައިމީހުން ކުރުމަށް އެދޭ އެންމެހާ ހެޔޮ އަމަލުތަކެއް ކުރުމަށް މާތްރަސްކަލާނގެ އެކަލާނގެ ބާރުފުޅުގެ އެހީތެރިކަން ދެއްވާށިއެވެ. އަދި ތިޔަބައިމީހުންގެ އީމާންތެރިކަމާއި އެއްގޮތްވާ ގޮތުގެ މަތިން ކުރާ އަމަލުތަކެއް ފުރިހަމަ ކުރުމުގައި އެހީތެރި ވުމަށް ވެސް އެދި ދުޢާކުރަމެވެ.
12 އޭރުން ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ދާ ގޮތުގެ ސަބަބުން މާތްސާހިބާ އީސާ އަލްމަސީޙުގެ ނަންފުޅަށް މަތިވެރި ޝަރަފު ލިބިދެއްވާނެއެވެ. އަދި އެކަލޭގެފާނާއި އެކުގައި ތިޔަބައިމީހުން ވުމުން ތިޔަބައިމީހުން ވެސް ޝަރަފްވެރި ވާނެއެވެ. މި ހުރިހާ ކަމެއް ޙާސިލުވުމުގެ ސަބަބަކީ އަހަރެމެންގެ ރަސްކަލާނގެއާއި އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ ނިޢުމަތްފުޅުން ވެސް މެއެވެ.