14
ޔަޙުޔާގެފާނު އަވަހާރަ ކޮށްލި ގޮތް
1 އެދުވަސްވަރު ގަލީލީގެ ވެރިޔާ ހެރޮދުއަށް އީސާގެފާނުގެ މަޝްހޫރުކަމާއި ބެހޭ ގޮތުން ޚަބަރު ލިބުނެވެ.
2 އޭނާގެ ޚާދިމުންނަށް އޭނާ ބުންޏެވެ. ”އީސާގެފާނަކީ ޔަޙުޔާގެފާނު. އޭނާ މަރުވުމަށް ފަހު އަލުން ދިރިގެން އައީ. އެފަދަ މުޢުޖިޒާތްތައް އޭނާއަށް އެ ދެއްކެނީ އެހެން ވެގެން.“
3-4 މީގެ ދުވަސްތަކެއް ކުރީގައި ހެރޮދު ވަނީ ޔަޙުޔާގެފާނު ހައްޔަރުކޮށް ގެންގޮސް ޖަލަށްލާފައެވެ. މިފަދައިން ހެރޮދު ކަންތައް ކުރި ސަބަބަކީ ހެރޮދުގެ އަންހެނުން ހެރޯދިޔާސް އަކީ ހެރޮދުގެ ކޮއްކޮ ފިލިޕުގެ ކުރީގެ އަންހެނުން ކަމަށް ވާތީ އެކަމާ ދެކޮޅަށް ޔަޙުޔާގެފާނު ހެރޮދު އާއި ދިމާލަށް މިފަދައިން ވިދާޅުވެފައިވާތީއެވެ. ”ތިބާގެ ކޮއްކޮގެ އަނބިމީހާ އާއި ތިބާ ކައިވެނި ކުރުމަކީ ޤާނޫނާއި ޚިލާފް ކަމެއް.“
5 ހެރޮދު ބޭނުންވީ ޔަޙުޔާގެފާނު އަވަހާރަ ކޮށްލައްވާށެވެ. ނަމަވެސް އޭނާ މީސްތަކުން ދެކެ ބިރުން އެކަން އެ ގޮތަށް ކުރުމަށް ޖެހިލުން ވިއެވެ. އެއީ ޔަޙުޔާގެފާނަކީ ނަބީބޭކަލެއް ކަމުގައި މީސްތަކުން ގަބޫލު ކުރާތީއެވެ.
6 ހެރޮދުގެ އުފަންދުވަހު ހެރޯދިޔާސްގެ އަންހެންދަރިފުޅު ހެރޮދަށް ޓަކައި އެންމެންގެ ކުރިމަތީގައި ނަށައި ދިނެވެ. މިކަމާއި ހެރޮދު ނުހަނު ހިތްހަމަޖެހި އުފާ ވިއެވެ.
7 މި ގޮތަށް އެކުއްޖާ ކަންތައް ކުރުމުން އޭނާ ބޭނުން ކޮންމެ އެއްޗެއް ދިނުމަށް ހެރޮދު ވަޢުދު ވިއެވެ.
8 އެކުއްޖާ އޭނާގެ މަންމަ ބުނުމުން ހެރޮދު ކައިރީން އެދުނެވެ. ”އަހަރެން އެދެނީ ޔަޙުޔާގެ ބޯ ތަބަކަކަށް ލައިގެން މިތަނަށް ގެނެސް ދިނުން.“
9 މިކަމާއި ހެރޮދު ރަސްގެފާނު ދެރަވިއެވެ. އެކަމަކު އޭނާ އެންމެހާ މެހުމާނުންގެ ކުރިމަތީގައި ކުރި ހުވައެއް ފުއްދަން ޖެހޭތީ އެ އަންހެންކުއްޖާ އެދުނުފަދައިން ކަންތައް ކޮށްދިނުމަށް އޭނާ އަމުރު ކުރިއެވެ.
10 އަދި އޭނާގެ ސިފައިން ޖަލަށް ފޮނުވައި ޔަޙުޔާގެފާނުގެ ބޯ ކަނޑުއްވައިލެއްވިއެވެ.
11 އަދި ތަބަކަށް ލައިގެން ގެނެސް އެ އަންހެންކުއްޖާއަށް ދިނެވެ. އަދި އެ އަންހެންކުއްޖާ އެ ތަބައް ހިފައިގެން ގޮސް އޭނާގެ މަންމައަށް ދިނެވެ.
12 ދެން ޔަޙުޔާގެފާނުގެ އަސްޙާބީން ގޮސް އެކަލޭގެފާނުގެ ހަށިކޮޅު ގެންގޮސް ފަސްދާނު ލެއްވިއެވެ. އަދި އެބައިމީހުން އީސާގެފާނުގެ އަރިހަށް ގޮސް އެ ކަމުގެ ޚަބަރު ދިނެވެ.
ފަސްހާސް މީހުންނަށް ވުރެން ގިނަ މީހުންނަށް ކާންދެއްވުން
13 ޔަޙުޔާގެފާނާއިމެދު ކަންތައްތައް ހިނގައިދިޔަ ގޮތުގެ ޚަބަރުފުޅު އީސާގެފާނަށް ލިބިވަޑައިގެންނެވުމުން ދޯންޏެއްގައި ފުރާ ވަޑައިގެން އެކަލޭގެފާނު ގިނިކަންޏާ އެކަހެރި ތަނަކަށް ވަޑައިގަތެވެ. ނަމަވެސް މީސްތަކުންނަށް އެކަލޭގެފާނު ވަޑައިގަންނަވާ ޚަބަރުފުޅު ލިބުމުން އެކިއެކި އަވަށްތަކުން ހިނގާފައި އެކަލޭގެފާނާއި ބައްދަލު ކުރެއްވުމަށް ޓަކައި އައެވެ.
14 އީސާގެފާނު އެއްގަމަށް ފައިބައިވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ އިންތިޒާރުގައި މީސްތަކުން ތިބިތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. މިކަމާއި އެކަލޭގެފާނު ނުހަނު ހަމްދަރުދީވެ ވަޑައިގެން އެމީހުންގެ ބަލިތަކަށް ޝިފާދެއްވިއެވެ.
15 އިރު އޮއްސުމަކާއި ކައިރިވެފައި ވަނިކޮށް އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”މިއީ މީހުން އުޅޭ ސަރަހައްދެއް ވެސް ނޫން. އަދި ވަރަށް ލަސްވެއްޖެ. މި މީސްތަކުން ފޮނުވާލައްވަން ވީނޫންތޯ؟ އޭރުން އެމީހުން ކައިރީގައިވާ އަވަށްތަކަށް ގޮސް ކާއެއްޗެއް ހޯދާފާނެ.“
16 ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”އެމީހުން ދިއުމުގެ ބޭނުމެއް ނެތް. ތިޔަބައިމީހުން އެމީހުންނަށް ކޮންމެސް ކާ އެއްޗެއް ދީ!“
17 އެމީހުން އީސާގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑުމެންގެ އަތުގައި އޮތީ ހަމައެކަނި ބޯރޮށީގެ ފަސް ރޮއްޓާއި ދެ މަސް.“
18 އީސާގެފާނު ވިދާޅުވިއެވެ. ”ބޯރޮއްޓާއި މަސް އަހަރެންގެ ކައިރިއަށް ގެނެސްދީ.“
19 ދެން މީސްތަކުންނަށް ވިނަގަނޑު މަތީގައި އިށީނުމަށް އެކަލޭގެފާނު އެންގެވިއެވެ. އަދި ފަސް ބޯރޮއްޓާއި ދެ މަސް ނެންގެވުމަށް ފަހު، އުޑާއި ދިމާލަށް ބައްލަވައި މާތްރަސްކަލާނގެއަށް ޝުކުރު ކުރެއްވިއެވެ. އެއަށް ފަހު ބޯރޮށި ފަޅި ކުރައްވައި އެތަކެތި އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވައި އެތަނުގައި ތިބި މީސްތަކުންނަށް ބެއްސެވިއެވެ.
20 ހުރިހާ އެންމެން ހިތްހަމަޖެހޭ މިންވަރަށް ކެއުމަށް ފަހު، ނުކެވި ބާކީ ހުރި ތަކެތިން ބާރަ ވަށިގަނޑުގެ ކާތަކެތި އެއްކުރިއެވެ.
21 އަންހެނުންނާއި ކުޑަކުދިން ނުގުނާ ގާތްގަނޑަކަށް ފަސްހާސް ފިރިހެނުން އެތަނުގައި ކެއެވެ.
އީސާގެފާނު ފެންމަތީގައި ހިންގަވާފައި ވަޑައިގަތުން
22 ހަމަ އެހިނދު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ދޯންޏަށް އަރައިގެން ކަނޑުގެ އަނެއްފަރާތަށް ދިއުމަށް އަމުރުކުރެއްވި އެވެ. މީސްތަކުން ފޮނުވާލުމަށް ޓަކައި އެކަލޭގެފާނު އެތަނުގައި މަޑުކުރެއްވިއެވެ.
23 އެންމެހައި މީސްތަކުން އެތަނުން ދިއުމުން އެކަލޭގެފާނު ދުޢާކުރެއްވުމަށް ޓަކައި ފަރުބަދަ މައްޗަށް ވަޑައިގަތެވެ. އޭރު އިރުއޮއްސި އަނދިރިވެއްޖެއެވެ. އަދި އެތަނުގައި އީސާގެފާނު ހުންނެވީ އެކަންޏެވެ.
24 އެ ހިނދު އަސްޙާބީން ދިޔަ ދޯނި ވަނީ އެއްގަމާއި ވަރަށް ދުރުގައެވެ. އަދި ދޯނި ރާޅާތަޅުވަމުން ވަޔާދެކޮޅަށް ދުއްވަމުން ދިޔައެވެ.
25 ފަތިސް ވާން ކައިރިވެފައި ވަނިކޮށް އީސާގެފާނު ފެންމަތީގައި ހިންގަވާފައި އެކަލޭގެފާނުގެ އަސްޙާބީންގެ ކައިރިއަށް ވަޑައިގަތެވެ.
26 އަސްޙާބީންނަށް އެކަލޭގެފާނު ފެންމަތީ ހިންގަވާފައި ވަޑައިގެންނެވިތަން ފެނުނު ހިނދު އެބޭކަލުން ނުހަނު ބިރުގަތެވެ. އަދި އެބޭކަލުން ބިރުން ތިބެ ގޮވިއެވެ. ”އެހެރީ ފުރޭތައެއް!“
27 ކުއްލިއަކަށް އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”ބިރު ނުގަނެ ހިތްވަރު ބަހައްޓާ! މިއީ އަހަރެން!“
28 އެ ހިނދު ޕަތަރަސް ބުންޏެވެ. ”މާތްސާހިބާ! ޙަޤީޤަތުގައި ތިޔައީ ސާހިބާ ކަމުގައި ވާނަމަ ސާހިބާގެ އަރިހަށް ފެންމަތީގައި ހިނގާފައި އަޅުގަނޑު ދިއުމަށް އަމުރު ކުރައްވާ!“
29 އީސާގެފާނު ޕަތަރަސް އަށް ވިދާޅުވިއެވެ. ”އާދޭ!“ އެވަގުތު ޕަތަރަސް ދޯނިން ފައިބައި ފެންމަތީގައި ހިނގާފައި އީސާގެފާނުގެ އަރިހަށް ދިއުމަށް ހިނގައިގަތެވެ.
30 ނަމަވެސް ނަގާފައި ހުރި ގަދަ ކޮޅިގަނޑާއި އަދި ކަނޑުގައިވާ ބިޔަ ރާޅުތައް ޕަތަރަސްއަށް ފެނުނު ހިނދު އޭނާ ބިރުގަތެވެ. އަދި އޭނާ ގެނބެން ފަށައިފިއެވެ. އެ ހިނދު އޭނާ މިހެން ގޮވާ ހަޅޭލެވިއެވެ. ”މާތްސާހިބާ، އަޅުގަނޑު ސަލާމަތް ކޮށްދެއްވާ!“
31 ކުއްލިއަކަށް އީސާގެފާނު ޕަތަރަސްގެ އަތުގައި ހިއްޕަވާ ނެންގެވުމަށް ފަހު ވިދާޅުވިއެވެ. ”ތިބާގެ އީމާންތެރިކަމުގެ ކުޑަކަމާއޭ! ތިބާ ޝައްކު ކުރީ ކީއްވެ؟“
32 އީސާގެފާނާއި ޕަތަރަސް ދޯންޏަށް އަރާވަޑައިގަތުމަށް ފަހު، ވައި ހިނދި ކަނޑު މަޑުވިއެވެ.
33 އެ ހިނދު ދޯނީގައި ތިބި އެންމެން އީސާގެފާނަށް އަޅުކަން ކުރިއެވެ. އަދި އެބައިމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. ”ކަލޭގެފާނީ ޙަޤީޤަތުގައި ވެސް މާތްރަސްކަލާނގެ ދަރިކަލުން.“
34 އެބޭކަލުން ކަނޑު ހުރަސް ކުރައްވައި ޖެނެސަރަތު އަވަށުގެ ގޮނޑުދޮށަށް ދޯނި ކައިރި ކުރެއްވިއެވެ.
35 އެ ހިނދު މީސްތަކުންނަށް އީސާގެފާނު ހުންނެވިކަން އެނގުމުން މުޅި އެ ހިސާބުގައި ތިބި އެންމެހައި މީސްތަކުންނަށް އީސާގެފާނު ވަޑައިގެން ހުންނެވި ޚަބަރު ދިނެވެ. އަދި އެބައިމީހުންގެ އެންމެހައި ބަލިމީހުން އެކަލޭގެފާނުގެ އަރިހަށް ގެނައެވެ.
36 އީސާގެފާނު ތުރުކުރައްވައިގެން ހުންނެވި ރިދާކޮޅުގެ ކައިރިފަށުގައި އަތްލުމަށް އެދި އާދޭސް އެބައިމީހުން ދެންނެވިއެވެ. އަދި އެކަލޭގެފާނުގެ ރިދާ ކޮޅުގައި އަތްލި ކޮންމެ މީހެއްގެ ބަލި ފަސޭހަވެ ދިޔައެވެ.