15
ދީނީ ދަންނަބޭކަލުންގެ ނުބައި ގޮތް
1 އެއަށް ފަހު ބައެއް ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ޖެރޫސަލަމުން އީސާގެފާނުގެ އަރިހަށް އައިސް އެއްސެވިއެވެ.
2 ”ކަލޭގެފާނުގެ އަސްޙާބީން އަޅުގަނޑުމެންގެ ކާބަފައިންގެ އުނގަންނައިދިނުންތަކަށް ތަބާ ނުވެ، ކެއުމުގެ ކުރިން އެމީހުންގެ އަތް ނުދޮންނަނީ ކީއްވެ؟“
3 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”ކަލޭމެން މާތްރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންނުވެ ކަލޭމެން އަމިއްލައަށް އުފައްދާ ގަވާއިދުތަކަށް ތަބާވަނީ ކީއްވެ؟
4 މާތްރަސްކަލާނގެ ވަޙީކުރެއްވީ. ’ތިޔަބައިމީހުންގެ ބައްޕައާއި މަންމައަށް އިޙްތިރާމު ކުރޭ. އަދި އެކަކު ވެސް ބައްޕައާއި މަންމައާއި މެދު ބަދުދުޢާ ކޮށްފިނަމަ އެމީހަކު މަރާލަން ވާނޭ.‘
5 ނަމަވެސް ކަލޭމެން ބުނާގޮތުގައި މީހުންނަށް އެބައިމީހުންގެ މައިންބަފައިން ގާތުގައި ބުނެވިދާނެ. ’އަހަރެންގެ އަތުގައި މައިންބަފައިންނަށް ދޭން ހުރި ތަކެތި މާތްރަސްކަލާނގެއަށް ވެދުން ކޮށްފީމޭ.‘
6 ކަލޭމެން މީސްތަކުންނަށް އުނގަންނައިދެނީ އެބައިމީހުންގެ މައިންބަފައިންނަށް ގަދަރު ނުކުރުމަށް. ކަލޭމެންގެ އަމިއްލަ އުސޫލުތަކުގެ ޙައްޤުގައި ކަލޭމެން މާތްރަސްކަލާނގެ ވަޙީބަސްފުޅު ބާތިލު ކޮށްލީމު.
7 މުނާފިޤުންނޭ! ކަލޭމެންނާއި މެދު ނަބީ ޔަޝަޔާޙުގެފާނު އަންގަވައިދެއްވި އިލާހީ އަންގަވައިދެއްވުން ކިހާ ތެދު! މާތްރަސްކަލާނގެ ވަޙީ ބަސްފުޅު އެކަލޭގެފާނަށް ބާވައިލެއްވުމުން މިފަދައިން ބަޔާންކުރައްވާ ލިޔުއްވާފައިވޭ:
8 ’މިފަދަ މީހުން އެބައިމީހުންގެ ބަސްތަކުން ތިމަންކަލާނގެއަށް ޤަދަރުކުރާކަން ދައްކައޭ.
އެކަމަކު އެބައިމީހުންގެ ހިތްތައްވަނީ ތިމަންކަލާނގެ އާއި ވަރަށް ދުރުގައޭ.
9 އެބައިމީހުން ތިމަންކަލާނގެ ކިބަފުޅަށް ކުރާ އަޅުކަމުގައި އެއްވެސް އަގެއްނެތޭ.
އެބައިމީހުން އުނގަންނައިދޭ ތަކެއްޗަކީ އެއްވެސް ތާކުންތާކު ޖެހޭ އެއްޗެއް ނޫނޭ.
އެއީ ހަމަ އެކަނި އިންސާނީ ގަވާޢިދުތަކެކޭ.‘“
10 އީސާގެފާނު އެތަނުގައި ވީ މީސްތަކުންނަށް އެއްވުމަށް އެންގެވިއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ”އަހަރެން ބުނާ ބަސްތައް އަޑުއަހައި ދޭހަވޭތޯ ބަލާ!
11 ތިޔަބައިމީހުންގެ އަނގަޔަށްލާ ކާނާ އަކީ ތިޔަބައިމީހުން ނުތާހިރު ކުރުވާނޭ އެއްޗެއް ނޫން. ތިޔަބައިމީހުން ނުތާހިރު ކުރުވަނީ ތިޔަބައިމީހުންގެ އަނގައިން ނުކުންނަ ނުބައިވެގެންވާ ބަސްތައް.“
12 އެއަށް ފަހު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން އެއްސެވިއެވެ. ”ކަލޭގެފާނު ތިޔަ ވިދާޅުވި އެއްޗެއްގެ ސަބަބުން ފަރީސީން ކަލޭގެފާނު ދެކެ ރުޅިއައިކަން ދެނަހުރިންތޯ؟“
13 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު އިންދަވާފައި ނުވާ ކޮންމެ ގަހެއް އެކަލާނގެ މުލުން ލުހެލައްވާނެ.
14 ފަރީސީންނާއި ދުރުގައި ވޭ! އެބައިމީހުންނީ ލޯކަނު މަގުދައްކާދޭ މީހުން. އަދި ކަނަކު އަނެއް ކަނަކަށް މަގު ދައްކަން ވެއްޖެ ނަމަ އެ ދެމީހުން އެކުގައި ވަޅުގަނޑަކަށް ވެއްޓިދާނެ.“
15 ޕަތަރަސް ދެންނެވިއެވެ. ”ތިޔަ ވިދާޅުވި މިސާލުބަސްފުޅު އަޅުގަނޑުމެންނަށް އޮޅުންފިލުވައި ދެއްވާ.“
16 އީސާގެފާނު ވިދާޅުވިއެވެ. ”އަދިވެސް ތިޔަބައިމީހުންނަށް އެނގިގެންނުވޭތަ؟
17 އަނގައިގެ ތެރެއަށް އެތެރެކުރެވޭ ކޮންމެ ކާނާއެއް ދާނީ ބަނޑުގެ ތެރެއަށް ކަން ތިޔަބައިމީހުން ދަންނާނެކަން ޔަޤީން. އެއަށް ފަހު އެ ކާނާ ހަށިގަނޑުން ބޭރުވެދޭ.
18 މީސްތަކުންގެ އަނގައިން ނުކުންނަނީ އެބައިމީހުންގެ ހިތުގައިވާ ކަންތައްތައް. މީސްތަކުން ނުތާހިރު ކުރުވާ ކަންތައްތަކަކީ އެފަދަ ކަންތައްތައް.
19 އެއީ ތިމާގެ ވިސްނުމުގައިވާ ނުބައި ޚިޔާލުތަކާއި، މީހުން މެރުމާއި، ޒިނޭ ކުރުމާއި، ޖިންސީ ފާފަވެރިކަމާއި، ވައްކަންކުރުމާއި، ދޮގު ހެދުމާއި، އަދި ބަދުނާމުކުރުން.
20 މިފަދަ ކަންތައްތަކަކީ އިންސާނާ ނުތާހިރު ކުރުވާ ކަންތައްތައް. އަތް ނުދޮވެ ކެއުމަކީ އެއްވެސް ގޮތަކުން މީހުން ނުތާހިރު ކުރުވާނެ ކަމެއް ނޫން.“
ބަނީއިސްރާއީލު ދަރިކޮޅު ނޫން އެހެން ދަރިކޮޅެއްގެ އަންހެނެއްގެ އީމާންތެރިކަން
21 އީސާގެފާނު އެ ސަރައްޙައްދު ދޫކުރައްވާ ޞޫރު އާއި ޞައިދޫންގެ ސަރަހައްދަށް ވަޑައިގެންނެވިއެވެ.
22 އެ ސަރަހައްދުގައި ދިރިއުޅެމުން ދާ ކަންޢާނީންގެ އަންހެނަކު ހަރުއަޑުން އާދޭސް ދަންނަވަމުން އީސާގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. ”އޭ މާތްސާހިބާ! ދާއޫދުގެފާނުގެ ދަރިކަލުންނޭ! އަޅުގަނޑުގެ މައްޗަށް ރަޙުމް ކުރައްވާ! ޖިންނިއެއް އަޅުގަނޑުގެ އަންހެން ދަރިފުޅާ އަވަލައިފި. އެކަމުގައި އޭނާ ނުހަނު ވޭން އުފުލަމުން ގެންދޭ.“
23 ނަމަވެސް އެ އަންހެނާއަށް އީސާގެފާނު އެއްވެސް ޖަވާބެއް ނުދެއްވާ ހަމަހިމޭނުން ހުންނެވިއެވެ. ވީމާ އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް އާދޭސް ދެންނެވިއެވެ. ”އެ އަންހެނާއަށް މިތަނުން ދިއުމަށް ވިދާޅުވޭ. އެ އަންހެނާ އެއަންނަނީ އަޅުގަނޑުމެންގެ ފަސްފަހަތުން ނުނެއްޓި ހަޅޭއްލަވަމުން.“
24 ދެން އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”އަހަރެން ފޮނުއްވުނީ ހަމައެކަނި އިސްރާއީލުގެ މީހުންގެ ގާތަށް. އެމީހުން ތިބީ ހުއިހައްޕާނެ މީހަކު ނެތި ތިބި ކަންބަޅިތަކެއް ފަދައިން.“
25 ނަމަވެސް އެ އަންހެނާ އީސާގެފާނުގެ އަރިހަށް ގޮސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ ދެންނެވިއެވެ. ”މާތްސާހިބާ. އަޅުގަނޑަށް އެހީތެރިވެ ދެއްވާ!“
26 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”ދަރިންނަށް ހުރި ކާނާ ގެންގޮސް ކުއްތާތަކަށް ކާންދިނުމަކީ ރަނގަޅު ކަމެއް ނޫން.“
27 އެ އަންހެނާ ދެންނެވިއެވެ. ”އާދެ. މާތްސާހިބާ. ނަމަވެސް ކުއްތާތައް އެތަކެތީގެ ސާހިބުގެ ކާމޭޒުމަތީން ވެއްޓިގެންދާ ތަކެތި ކައިހަދާ.“
28 އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ދައްތާ. ދައްތަގެ އީމާންތެރިކަން ވަރަށް ވެސް މަތިވެރި. ދައްތަ އެދިގެންވާ ކަމެއް އަހަރެން ދައްތައަށް ކޮށްދޭނަން.“ އަދި ހަމަ އެ ހިނދު އެ އަންހެނާގެ ދަރިފުޅު ބަލިން ފަސޭހަވެ ރަނގަޅުވިއެވެ.
އީސާގެފާނު އެތައްބައެއްގެ ބަލިހެޔޮ ކޮށްދެއްވުން
29 އެތަން ދޫކުރެއްވުމަށް ފަހު އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރިފަށަށް ވަޑައިގެންނެވިއެވެ. އެތަނަށް ވަޑައިގެން ފަރުބަދައިގެ މައްޗަށް އަރާވަޑައިގެން އެކަލޭގެފާނު އިށީނދެވަޑައިގެންފިއެވެ.
30 ގިނަ ޢަދަދެއްގެ ބަޔަކު އެބައިމީހުންގެ ތެރޭގައިވާ ކޮރުމީހުންނާއި ވާބަލީގެ މީހުންނާއި ލޯފަން މީހުންނާއި މަންމަނުންނާއި އަދި މިނޫން ވެސް އެހެނިހެން ބަލިތައް ޖެހިފައިވާ މީހުން އީސާގެފާނުގެ ފައިންޕުޅު ދޮށަށް ގެނައެވެ. އަދި އެކަލޭގެފާނު އެ ހުރިހާ އެންމެންގެ ބަލި ހެޔޮކޮށްދެއްވިއެވެ.
31 އެތަނުގައި އެއްވެތިބި މީސްތަކުންނަށް މިތަންފެނުނު ހިނދު އެބައިމީހުން ޙައިރާންވިއެވެ. މަންމަނުންނަށް މިހާރު ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިގެންވިއެވެ. ކޮރު މީހުންނަށާއި އަދި ވާގިބަލީގައި ވީ މީސްތަކުންނަށް ހިނގެންފެށިއެވެ. ލޯފަން މީހުންނަށް ފެނިގެންވިއެވެ. އަދި މިކަންތައްތަކާއި މެދު އެ ހުރިހާ އެންމެން ބަނީއިސްރާއީލުންގެ ރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރިއެވެ.
ހަތަރުހާހަށް ވުރެން ގިނަ ޢަދަދެއްގެ ބަޔަކަށް ކާންދެއްވުން
32 އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ގެންނަވައި ވިދާޅުވިއެވެ. ”އަހަރެން މިބައިމީހުންނާއި މެދު ހަމްދަރުދީވަން. މިބައިމީހުން އަހަރެންނާއި އެކުގައި މިހާރު ތިން ދުވަސް ހޭދަ ކޮށްފި. މިމީހުންގެ އަތުގައި މިހާރު ކާނޭ އެއްޗެއް ވެސް ނެތް. އެހެންވެ އެމީހުން ބަނޑުހައި ވެފާއިވާ ޙާލުގައި ފޮނުވާލުމަކަށް އަހަރެން ނޭދެމު. އެމީހުން ގެއަށް ދާ މަގުމަތީ ފަހަރެއްގައި ހޭނެތިދާނެ.“
33 އަސްޙާބީން އެކަލޭގެފާނުގެ އަރިހުން އެއްސެވިއެވެ. ”މިއެންމެންނަށް ކާންދޭނޭ ބޯރޮށި އަޅުގަނޑުމެން ހޯދާނީ ކޮންތާނކުންތޯ؟ އަޅުގަނޑުމެން މިތިބީ މީހުން ނޫޅޭ އެކަހެރި ހިސާބުގަނޑެއްގައި.“
34 އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަބައިމީހުންގެ އަތުގައި އޮތީ ކިތައް ބޯރޮށި ތަ؟“ އެބޭކަލުން ޖަވާބުގައި ދެންނެވިއެވެ. ”ހަތް ބޯ ރޮއްޓާއި، ދެތިން ކުޑަ މަހެއް.“
35 މީސްތަކުންނަށް ބިންމަތީގައި އިށީނުމަށް އީސާގެފާނު އެންގެވިއެވެ.
36 އަދި ހަތް ބޯރޮއްޓާއި، މަސްކޮޅު ނެންގެވުމަށް ފަހު އެކަލޭގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދެންނެވިއެވެ. ދެން އެ ކާނާ ބައިބައި ކުރައްވާ އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވިއެވެ. އަދި އަސްޙާބީން މީސްތަކުންނަށް އެތަކެތި ދެއްވިއެވެ.
37 އެހުރިހާ އެންމެން ބަނޑުފުރެންދެން އެ ތަކެތި ކެއެވެ. އެމީހުން ކައި ނިމުމުން ބާކީހުރި ތަކެތިން ހަތް ވަށިގަނޑުގެ ކާނާ އަސްޙާބީން އެއްކުރިއެވެ.
38 އަންހެނުންނާއި ކުޑަކުދިން ނުގުނާ ގާތްގަނޑަކަށް ހަތަރުހާސް ފިރިހެނުން އެތަނުގައި ކެއެވެ.
39 ދެން އީސާގެފާނު އެ މީސްތަކުން ގެއަށް ފޮނުވާލެއްވިއެވެ. އަދި އެކަލޭގެފާނު ދޯންޏަށް އަރާވަޑައިގެން މަގަދާނުގެ ސަރަހައްދަށް ވަޑައިގެންނެވިއެވެ.