17
އީސާގެފާނުގެ މަތިވެރިކަން ފައުޅުވެވަޑައިގަތުން
1 އޭގެ ހަ ދުވަސް ފަހުން އީސާގެފާނު ޕަތަރަސް އާއި ޔާމިޒު އާއި ޔާމިޒުގެ ކޮއްކޮ ޔޫޙަންނާ ގޮވައިގެން ވަރަށް އުސް ފަރުބަދައެއްގެ މައްޗަށް ވަޑައިގެންނެވިއެވެ. އެތަނުގައި ތިއްބެވީ އެބޭކަލުން އެކަންޏެވެ.
2 ދެން އެ ހިނދު އަސްޙާބީންގެ ކުރިފުޅުމަތީގައި އީސާގެފާނުގެ ސިފަފުޅު ބަދަލުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ މޫނުފުޅު އިރުފަދައިން އުޖާލާކަމާއިއެކު ބަބުޅަމުން ދިޔައެވެ. އަދި އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅު ނޫރެއްފަދައިން އަލިވެގެންދިޔައެވެ.
3 ކުއްލިއަކަށް މޫސާގެފާނާއި އިލްޔާސްގެފާނު އެބައިމީހުންގެ ކުރިމައްޗަށް ފައުޅުވެވަޑައިގެން އީސާގެފާނާއި ވާހަކަފުޅު ދައްކަވަމުން ގެންދެވިއެވެ.
4 އެ ހިނދު ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ، އަޅުގަނޑުމެންނަށް މިވަގުތު މިތަނުގައި ތިބެވުނުކަން ވަރަށް ރަނގަޅު! ކަލޭގެފާނު އެދިވަޑައިގަންނަވަނީނަމަ، ތިން ހިޔާ އަޅުގަނޑު ހަދައިދީފާނަން. އެއީ ކަލޭގެފާނަށް ހިޔަލެއް، މޫސާގެފާނަށް ހިޔަލެއް އަދި އިލްޔާސްގެފާނަށް ހިޔަލެއް.“
5 ޕަތަރަސް ވާހަކަ ދައްކަމުން ގެންދިޔަ ހިނދު ކުއްލިއަކަށް އަލިކަންގަދަ ވިލާގަނޑަކުން އެ ބޭކަލުން ފަރުދާ ކުރެއްވިގެން ދިޔައެވެ. އަދި އެ ވިލާގަނޑުގެ ތެރެއިން މިފަދައިން އަޑެއް އިވުނެވެ. ”މިއީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ އަދި ތިމަންކަލާނގެ ރުހިވޮޑިގަންނަވާ ދަރިކަލުން. އެކަލޭގެފާނުގެ އަޑު އައްސަވާ!“
6 އީސާގެފާނުގެ އަސްޙާބީންނަށް މި އަޑު އިވުނު ހިނދު އެބޭކަލުން ބިރުގަނެގެން ބަންޑުން ބިންމައްޗަށް ވެއްޓުނެވެ.
7 ނަމަވެސް އީސާގެފާނު އެބޭކަލުންގެ ކައިރިއަށް ވަޑައިގެން އެބޭކަލުންގެ ހަށިގަނޑުގައި އަތްޕުޅު ބީއްސަވާލައްވާފައި ވިދާޅުވިއެވެ. ”ތެދުވޭ. ބިރުނުގަނޭ.“
8 އެބޭކަލުން ލޯ ހުޅުވައި ބަލައިލި ހިނދު އެތަނުގައި ވަނީ އީސާގެފާނު އެކަންޏެވެ.
9 އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ފަރުބަދަ މަތިން ތިރިއަށް ފައިބަވަޑައިގެންނެވި ހިނދު އީސާގެފާނު އެބޭކަލުންނަށް އަމުރު ކުރައްވައި ވިދާޅުވިއެވެ. ”އިންސާނާގެ ދަރިކަލުން މަރުވުމަށް ފަހު އަލުން ދިރިގެން ތެދުވަންދެން ތިޔަބައިމީހުންނަށް ފެނިދިޔަ ކަންތައްތަކުގެ ވާހަކަ އެއްވެސް މީހަކަށް އަންގައިގެން ނުވާނެ.“
10 އެ އަސްޙާބީން އެކަލޭގެފާނަށް ދެންނެވިއެވެ. ”ދީނުގެ ދަންނަބޭކަލުން އިލްޔާސްގެފާނު ފުރަތަމަ ވަޑައިގަންނަވާނެކަމަށް އެ ވިދާޅުވަނީ ކީއްވެތޯ؟“
11 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އިލްޔާސްގެފާނު ވަޑައިގަންނަވާނޭ ކަމުގައި އެބައިމީހުން އެބުނަނީ ރަނގަޅަށް. އެހެނީ އެކަލޭގެފާނު ވަޑައިގެން އެންމެހާ ކަންތައްތައް އަނބުރާ ހަމައަކަށް އަޅުއްވާނެތެވެ.
12 އަހަރެން ބުނަންތަ؟ އިލްޔާސްގެފާނު ވަޑައިގަންނަވައިފި. އެކަމަކު އެކަލޭގެފާނަކީ ކާކުކަމެއް އެމީހުންނަކަށް ނޭނގުނު. އެމީހުން އެކަލޭގެފާނާއި މެދު އަމަލުކުރީ އެމީހުން ހިތަށްއެރި ގޮތަކަށް. އިންސާނާގެ ދަރިކަލުންނާއި މެދު ވެސް ކަންތައްތައް ކުރެވިގެންދާނީ ހަމަ އެފަދައިން. ހަމަ އެމީހުން އިންސާނާގެ ދަރިކަލުންނަށް އުނދަގޫތަކާއި ވޭން ތަހައްމަލު ކުރަން ޖައްސާނެ.“
13 ދެން އެކަލޭގެފާނު އެވިދާޅުވީ ޔަޙުޔާގެފާނުގެ ވާހަކަފުޅު ކަން އެކަލޭގެފާނުގެ އަސްޙާބީންނަށް އެނގުނެވެ.
އީސާގެފާނު ޖިންނި އަވަލާފައިވާ ކުއްޖަކު ފަސޭހަކުރެއްވުން
14-15 އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން އެއްވެފައި ތިބި މީސްތަކުންގެ ތެރެއަށް ވަޑައިގެންނެވި ހިނދު ފިރިހެނަކު އައިސް އީސާގެފާނުގެ ކުރިފުޅުމަތީ ކަކޫމައްޗަށް ތިރިވެ އެކަލޭގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ، އަޅުގަނޑުގެ ފިރިހެން ދަރިފުޅުގެ މައްޗަށް ރަޙުމް ކުރައްވާ! އެ ދަރިފުޅަށް ވަނީ ވެއްޓޭބަލި ޖެހިފަ. އޭނާގެ ހާލު ވަރަށްވެސް ދެރަ. އަދި ވަރަށް ގިނަ ފަހަރު މަތިން އޭނާ އަލިފާނާއި އަދި ފެނުގެ ތެރެއަށް ވެސް ވެއްޓޭ.
16 އަޅުގަނޑު ކަލޭގެފާނުގެ އަސްޙާބީންނަށް ވެސް އޭނާ ދައްކައިފިން. ނަމަވެސް އެބޭކަލުންނަށް އޭނާގެ ބަލި ރަނގަޅުކޮށެއް ނުދެވުނު.“
17 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އޭ އީމާންތެރިކަމެއްނެތް މީސްތަކުންނޭ! ކަލޭމެން ދިރިއުޅެމުން ގެންދަނީ ނުހަނު ނުބައި ގޮތަށް. ކަލޭމެންގެ ކައިރީގައި ކެތްކޮށްގެން އަހަރެން ހުންނާނީ ކިހާ ދުވަހެއް ވަންދެން؟ އެ ފިރިހެން ކުއްޖާ މިތަނަށް ގެނޭ.“
18 ދެން އީސާގެފާނު އެ ފިރިހެން ކުއްޖާގެ ހަށިގަނޑުގެ ތެރޭގައިވާ ޖިންނިއަށް އަމުރު ކުރެއްވިއެވެ. އެ ހިނދު އެ ޖިންނި އެ ކުއްޖާގެ ހަށިގަނޑުގެ ތެރެއިން ބޭރަށް ނުކުތެވެ. އަދި އެ ފިރިހެން ކުއްޖާ އެވަގުތުން ފެށިގެން ރަނގަޅުވިއެވެ.
19 މިއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން އެކަނިވީ ވަގުތު އަސްޙާބީން އެކަލޭގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑުމެން އަމުރުކުރުމުން އެ ކުއްޖާގެ ހަށިގަނޑުން ޖިންނި ބޭރުކޮށްނުލެވުނީ ކީއްވެގެންތޯ؟“
20-21 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އެއީ ތިޔަބައިމީހުންގެ އީމާންތެރިކަމުގެ ކުޑަކަމުން. އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުންގެ އީމާންތެރިކަން ރެވި އޮށެއްހާ ބޮޑު ކަމުގައި ވިނަމަވެސް މި ފަރުބަދައަށް ’ތިޔަ ހުރި ތަނުން ލުހިގެން ދާށޭ‘ ތިޔަބައިމީހުން ބުނިކަމުގައިވާނަމަ، އެ ފަރުބަދަ އެ ހުރިތަނުން ލުހިގެން ދާނެމެ. އަދި ހަމަ އެހެންމެ ތިޔަބައިމީހުންނަށް ނުކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ.“
އީސާގެފާނު އެކަލޭގެފާނުގެ އަވަހާރަވުމާ ބެހޭ ގޮތުން ވާހަކަ ދެއްކެވުން
22 އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ގަލީލީގައި ވީހިނދު އެކަލޭގެފާނު އަސްޙާބީންނަށް އެއްދުވަހަކު ވިދާޅުވިއެވެ. ”އިންސާނާގެ ދަރިކަލުން މީސްތަކުންގެ އަތްމައްޗަށް ދޫކޮށްލެވޭނެ.
23 އެމީހުން އޭނާ މަރާލާނެ. އަދި އޭގެ ތިންވަނަ ދުވަހު އޭނާ އަލުން ދިރިގެން ތެދުވާނެ.“ މިބަސްފުޅުގެ އަޑުއަހާ އެކަލޭގެފާނުގެ އަސްޙާބީންގެ ހިތްތައް ވަނީ ހިތާމައިން ފުރިފައެވެ.
ބައިތުލް މަޤްދިސްއަށްޓަކައި ޓެކްސް ނެގުން
24 އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ކަޕަރުނައުމްއަށް ވަޑައިގެންނެވި ހިނދު ބައިތުލް މަޤްދިސްއަށް ދައްކާ ފައިސާ ބަލަހައްޓާ މީހުން ޕަތަރަސްގެ ކައިރިއަށް އައިސް ސުވާލު ކުރިއެވެ. ”ތިޔަބައިމީހުންގެ އެދުރުކަލޭގެފާނު ބައިތުލް މަޤްދިސްއަށް ޓެކްސް ނުދައްކަވާނެތަ؟“
25 ޕަތަރަސް ޖަވާބުގައި ބުންޏެވެ. ”ކީއްވެ ނުދައްކަވަންވީ؟“ ޕަތަރަސް ގެއަށް ވަދެގެން ދިޔަ ހިނދު ފުރަތަމަ އީސާގެފާނު އޭނާއަށް ބުންޏެވެ. ”ޝަމްއޫނު ޕަތަރަސް، ތިބާއަށް ފެންނަ ގޮތަކީ ކޮބާ؟ ދުނިޔަވީ ރަސްރަސްކަލުން ޓެކްސް ނަގާނީ ކޮންބައެއްގެ އަތުން ތަ؟ ރަސްގެފާނުގެ ދަރިންގެ އަތުންތަ ނޫނީ އެހެނިހެން މީހުންގެ އަތުންތަ؟“
26 ޕަތަރަސް ޖަވާބު ދިނެވެ. ”ޓެކްސް ނަގާނީ އެހެނިހެން މީހުންގެ އަތުން.“ އީސާގެފާނު ޕަތަރަސްއަށް ވިދާޅުވިއެވެ. ”އެހެންވީއިރު، ރަސްރަސްކަލުންގެ ދަރިން ޓެކްސް ދައްކާކަށް ނުޖެހޭނެ.
27 ނަމަވެސް ޓެކްސް ނަގާ މީހުންނަށް އަހަރެމެން އުނދަގޫ ކޮށްގެންނުވާނެ. ވީމާ ތިބާ ދޮއްޓެއް ހިފައިގެން ގޮސް މޫދަށް އެއްލާ. ފުރަތަމަ ހިފޭ މަހުގެ އަނގަ ހުޅުވާއިރު އޭގައި ބޮޑު ރިހިފައިސާ ފޮއްޗެއް އޮންނާނެ. އަދި އެ ފޮތި ނަގައިގެން ޓެކްސް ނަގާ މީހާއަށް އަހަރެންނާއި ތިބާގެ ނަމުގައި ދީ.“