18
އެންމެ މަތިވެރި މީހަކީ ކާކު؟
1 އެ ހިނދު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”މާތްރަސްކަލާނގެ ރަސްކަންފުޅުގައި އެންމެ މަތިވެރިވެގެން ވަނީ ކާކުތޯ؟“
2 އީސާގެފާނު ކުޑަ ކުއްޖަކަށް ގޮވާގެންނެވުމަށް ފަހު، އެކުއްޖާ އެމީހުންގެ ތެރޭގައި ބެހެއްޓިއެވެ.
3 އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ”އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުން ބަދަލުވެ މިފަދައިން ކުޑަ ކުއްޖަކަށްވޭ. އެހެން ނޫނީ ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅަކަށް ނުވަދެވޭނެ.
4 މާތްރަސްކަލާނގެ ރަސްކަންފުޅުގައި އެންމެ މަތިވެރި މީހަކީ ކުޑަކުދިން ފަދައިން އެމީހާގެ އަމިއްލަ ނަފްސާއި މެދު ބާރެއް ނެތް މީހަކު ކަމުގައި ދެކޭ މީހާ.
5 އަދި އަހަރެންގެ ނަމުގައި މިފަދަ ކުޑަކުދިން ބަލައިގެންފި ކޮންމެ މީހަކީ އަހަރެން ވެސް ބަލައިގަތް މީހެއްކަމުގައި ވާނެ.
6 އެކަމަކު އެއްވެސް މީހަކު އަހަރެންނަށް އީމާންވާ މިފަދަ ކުއްޖަކު ލައްވާ ފާފަކުރުވައިފިނަމަ އެމީހެއްގެ ކަރުގައި އުޑިއެއް ބަނދެގެން ފުންކަނޑަށް ގަންބާލުންވެސް އެމީހަކަށް މާރަނގަޅުވާނެ.
7 ފާފައިގެ ވަސްވާސްތަކުގެ ސަބަބުން ދުނިޔޭގެ މައްޗަށް ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! ފާފައާ ދިމާއަށް މީހުން ދާނެކަމީ ޝައްކެއް ވެސް ހުރި ކަމެއް ނޫން. އެކަމަކު މީހަކު ލައްވާ ފާފަ ކުރުވާ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއޭ!
8 ތިބާގެ އަތް ނުވަތަ ފައި ފާފަކުރުވާ ކަމުގައިވާނަމަ އެ ގުނަވަނެއް ކަނޑައި އެއްލާލާ. އެއީ ތިބާގެ ދެ އަތާއި ދެ ފައި ހުރެ އަބަދަށް ޓަކައިވާ އަލިފާނުގެ ތެރެއަށް އެއްލާލެވުމަށް ވުރެން ތިބާގެ ޖިސްމުން ބައެއް އުނިވެގެންވާ ޙާލުގައި އަބަދަށް ޓަކައި ދިރިހުރުން މާއެދެވޭ.
9 ތިބާގެ ލޯ ފާފަކުރުވާ ކަމުގައިވާނަމަ، އެ ލޮލެއް ނަގައި އެއްލައިލާ. އެއީ ދެ ލޮލާއި އެކުގައި ތިބާ ނަރަކައިގެ އަލިފާނުގެ ތެރެއަށް ދިއުމަށް ވުރެން އެއް ލޮލާއިގެން އަބަދަށް ޓަކައި ދިރިހުރުން މާއެދެވޭތީ.“
ގެއްލުނު ކަންބަޅި
10-11 ”ސަމާލުވެ އަޑުއަހާ! މިއިން ކުޑަކުއްޖަކަށް ނިކަމެތިކޮށް ނުހިތާތި. މިކުދިންގެ މަލާއިކަތުން އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ހުރިހާ އިރެއްގައިވެސް ތިބޭނެ.
12 މީހެއްގެ އަތުގައި ސަތޭކަ ކަންބަޅި ވި. އަދި އޭގެ ތެރެއިން އެއް ކަންބަޅި ގެއްލުނު. އޭނާގެ އަނެއް ނުވަދިހަ ނުވަ ކަންބަޅި ފަރުބަދައިގެ ކައިރީގައި ބައިތިއްބުމަށް ފަހު އޭނާ ގެއްލުނު ކަންބަޅި ހޯދަން ދާނެ.
13 އަހަރެން މިބުނަނީ ތެދެއް. ގެއްލިފައިނުވާ ނުވަދިހަ ނުވަ ކަންބަޅިއަށް ވުރެ ގެއްލިފައިވާ ކަންބަޅި ފެނުމުން އޭނާ ވާ އުފާ މާ ބޮޑު ވާނެ.
14 މިގޮތުގެ މަތީން އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު ވެސް މީހުންގެ ތެރެއިން އެންމެ ކުއްޖަކު ވެސް ގެއްލިގެން ދިއުމަކަށް އެދިވޮޑިއެއް ނުގަންނަވާނެ.“
ތިމާއާއި މެދު އަނެކާ ފާފަވެރި ވެއްޖެނަމަ
15 ”ތިބާގެ އަޚާ ތިބާއާއި ދެކޮޅަށް ކުށެއް ކޮށްފިނަމަ، އޭނާ އެކަހެރިކޮށް އޭނާއަށް އެކަން ވިސްނައިދީ. އޭނާ ތިބާގެ ބަސް އަޑު އަހައިފިނަމަ، ތިބާ އޭނާއަށް އެ އެހީތެރިވެދިނީ ޙަޤީޤީ އަޚުވަންތަކަމާއި އަދި އުޚުއްވަތްތެރިކަމާއި އެކުގައި.
16 ނަމަވެސް އޭނާ ތިބާގެ ބަސް އަޑު އެހުމަށް އިންކާރު ކޮށްފިނަމަ، ތިބާ އެހެން ދެ މީހުން ނުވަތަ ތިން މީހުންނާއި އެކުގައި އޭނާގެ ކައިރިއަށް ދޭ. ’ކޮންމެ މައްސަލައެއްގައި ވެސް ދެ މީހުން ނޫނީ ތިން މީހުންގެ ހެކިވުން ހޯދާ.‘
17 އޭނާ އެބައިމީހުންގެ ވާހަކަ އަޑު އެހުމަށް ދެކޮޅު ހަދައިފިނަމަ، އެ މައްސަލަ އަހަރެންގެ ޖަމާޢަތުގެ ކުރިމައްޗަށް ހުށަހަޅާ. އަދި އެ ޖަމާޢަތުގެ އަޑު އެހުމަށް އޭނާ އިންކާރު ކޮށްފިނަމަ، މާތްރަސްކަލާނގެ ގަބޫލު ނުކުރާ މީހުންނާއި، އަދި ޓެކްސް ނަގާ މީހުންނާއި މެދު އަމަލު ކުރާ ފަދައިން އޭނާ އާއި މެދު ވެސް އަމަލުކުރޭ.
18 އަހަރެން މިބުނަނީ ތެދެއް. ދުނިޔޭގެ މި ބިމުގައި ތިޔަބައިމީހުން ހުއްދަ ކުރި ކަމެއް މާތްރަސްކަލާނގެ ވެސް ހުއްދަ ކުރައްވާނެ. އަދި ދުނިޔޭގެ މި ބިމުގައި ތިޔަބައިމީހުން ހުއްދައެއް ނުކުރި ކަމެއް މާތްރަސްކަލާނގެ ވެސް ހުއްދައެއް ނުކުރައްވާނެމެ.
19 ހަމައެހެންމެ މިދުނިޔޭގެ ބިމުގައި ކަމަކަށް އެދި ތިޔަބައިމީހުންގެ ތެރެއިން ދެމީހަކު އެކުގައި ތިބެ ދުޢާ ދަންނަވައިފިނަމަ، އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު ތިޔަބައިމީހުންނަށް އެކަމެއް ހިންމަވައި ދެއްވާނެ.
20 އެހެނީ އަހަރެންގެ ނަމުގައި ދެމީހަކު ނުވަތަ ތިން މީހަކު އެއްތަން ވެއްޖެނަމަ، އެބަޔަކާއި އެކުގައި އެއްތަނެއްގައި އަހަރެން ވާނަން.“
މަޢާފް ނުކުރި ޚާދިމު
21 އެ ވަގުތު ޕަތަރަސް އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”މާތްސާހިބާ، އަޅުގަނޑުގެ އަޚާ އަޅުގަނޑާމެދު ފާފަވެރިވެއްޖެނަމަ، އެ އަޚާއަށް އަޅުގަނޑު މަޢާފް ކުރަންވީ ކިތައް ފަހަރުތޯ؟ އަޅުގަނޑު ހަތްފަހަރު ވެސް މަޢާފު ކުރަންވީ ތޯ؟“
22 އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”އަހަރެން ތިޔަބައިމީހުންނަށް ބުނަން. ހަތްފަހަރަށް ވުރެން ގިނައިން ވެސް އެ އަޚާއަށް ތިޔަބައިމީހުން މަޢާފް ކުރަން ޖެހޭނެ. ހަތްދިހަ ގުނަ ހަތް ފަހަރު ވެސް ތިޔަބައިމީހުން އޭނާއަށް މަޢާފްދީ.
23 މާތްރަސްކަލާނގެ ރަސްކަންފުޅުގެ މިސާލު ކުރެވެނީ ރަސްކަލަކު އޭނާގެ ޚާދިމުން އޭނާއަށް ދަރާފައިވާ ފައިސާ އެ ޚާދިމުންގެ އަތުން ހޯދުމުގައި ކަންތައް ކުރެއްވި ފަދައިން.
24 އެ ރަސްގެފާނު އޭނާގެ ޚާދިމުންގެ ކިބައިން އެ ފައިސާ ހޯދުމަށް ނިންމި ހިނދު އެ ޚާދިމުންގެ ތެރެއިން އެ ރަސްގެފާނަށް އެތައް މިލިއަނުން ދަރާފައިވާ ޚާދިމަކު އެ ރަސްގެފާނުގެ އަރިހަށް ގެނެވުނު.
25 ނަމަވެސް އެ ޚާދިމުގެ ކިބައިގައި އޭނާ ރަސްގެފާނަށް ދަރާފައިވާ ދަރަނި އަދާކުރެވޭފަދަ ތަނަވަސްކަމެއް ނެތް. ވީމާ ރަސްގެފާނު އަމުރު ކުރެއްވީ އޭނާއާއި އޭނާގެ އަނބިމީހާއާއި ދަރިންނާއި އަދި އޭނާގެ މިލްކިއްޔާތުގައިވާ އެންމެހާ ތަކެއްޗެއް ވެސް ވިއްކާލުމަށް. އެއަށް ފަހު އެފައިސާއިން އޭނާ ރަސްގެފާނަށް ދަރާފައިވާ ދަރަނި އަދާކުރުމަށް.
26 ނަމަވެސް އެ ޚާދިމު ރަސްގެފާނުގެ ފައިންޕުޅު މައްޗަށް ވެއްޓި އާދޭސް ދަންނަވަން ފެށި. ’އަޅުގަނޑަށް ޓަކައި ކެތްތެރިވެ ވަޑައިގަންނަވާ. އަދި އަޅުގަނޑު ސާހިބާއަށް ދަރާފައިވާ އެންމެހާ ދަރަނި އަޅުގަނޑު އަދާކުރާން.‘
27 ދެން ރަސްގެފާނު އޭނާއާމެދު ހަމްދަރުދީވެ އެ ދަރަނި ކަނޑާލައި އޭނާ ދޫކޮށްލެވި.
28 އެއަށް ފަހުން، އެ ޚާދިމަށް ސަތޭކަ ރިހި ލާރި ދޭންއޮތް އެހެން ޚާދިމަކާއި ދިމާވި. އަދި އެ ޚާދިމުގެ ކަރުގައި ހިފާފައި އޭނާ ބުނި. ’ކަލޭ އަހަރެންނަށް ދަރާފައިވާ ދަރަނި ހަމަ މިހާރު އަދާކުރޭ!‘
29 މި ޚާދިމު އޭނާގެ ފައިމައްޗަށް ވެއްޓި އާދޭސް ކުރަންފެށި. ’އަހަރެންނާއި މެދު ކެތްތެރިވޭ، އަދި އަހަރެން ތިބާއަށް ދަރާފައިވާ ދަރަނި އަދާކޮށްދޭނަން!‘
30 ނަމަވެސް ފުރަތަމަ ޚާދިމު ކެތްތެރި ވުމަށް އިންކާރު ކުރި. އަދި އޭނާއަށް މި ޚާދިމު ދައްކަންޖެހޭ ފައިސާ ދައްކައި ނިމަންދެން އެ ޚާދިމު ޖަލުގައި ހައްޔަރުކުރުވި.
31 އެހެނިހެން ޚާދިމުންނަށް މި ހިނގާދިޔަ ޙާދިސާ ފެނި ނުހަނު ދެރަވި. އެހެންކަމުން އެބައިމީހުން ގޮސް އެރަސްގެފާނަށް ހިނގާދިޔަ ޙާދިސާގެ ޚަބަރުދިން.
32 އެއަށް ފަހު އެރަސްގެފާނު އެ ޚާދިމުއަށް އަންގައިގެން ގެނެސް އޭނާއަށް ބުނި. ’ނުބައި ނުލަފާ ނޯކަރުކަލޭގެ! ކަލޭ ދަރާފައިވާ ދަރަނީގެ މަތިން ހަނދާން ނައްތާލުމަށް ކަލޭ އަހަރެންގެ ކުރިމަތީގައި ރޮއި އާދޭސް ކުރީމުނޫންހޭ. ކަލޭ އަހަރެންނަށް އަދާ ކުރަންޖެހޭ އެއްވެސް ފައިސާއެއް ނުވާނެ ކަމުގައި އަހަރެން ބުނީމު.
33 އަހަރެން ކަލެއާއި މެދު ރަޙުމް ކުރި ފަދައިން އަނެއް ޚާދިމު އާއި މެދު ކަލޭ ވެސް ރަޙުމް ކުރަން ނުޖެހޭނެތަ؟‘
34 އެރަސްގެފާނު މިކަމާއި ވަރަށް ބޮޑަށް ރުޅިއައިސް ޚާދިމު ކަލޭގެ އޭނާއަށް ދަރާފައިވާ ދަރަނި އަދާކުރަންދެން އޭނާއަށް އަނިޔާދިނުމަށް ޖަލުގައި ހައްޔަރު ކުރި.
35 ތިޔަބައިމީހުން ހިތުގެ އަޑިން ތިޔަބައިމީހުންގެ އަޚުންނާއި އުޚުތުންނަށް މަޢާފު ކުރޭ. އެހެނީ އެ ރަސްގެފާނު އެ އަމަލު ކުރެއްވި ފަދައިން އުޑުގައި ވޮޑިގެންވާ ބާއްޕާފުޅު ވެސް ތިޔަބައިމީހުންނާއި މެދު އަމަލުފުޅު ކުރައްވާނެ.“