21
ރަސްކަލެއްގެ ޢިއްޒަތުގައި އީސާގެފާނު ޖެރޫސަލަމަށް ވަޑައިގަތުން
1 އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ޖެރޫސަލަމަށް ވަޑައިގެންނެވި މަގުމަތީގައި ބެތުފާގޭ އަވަށުގައިވާ ޒައިތޫނި ފަރުބަދަމަތީގައި އެބޭކަލުން މަޑުކުރެއްވިއެވެ. އަދި ދެ އަސްޙާބީންނަށް
2 މިފަދައިން އިރުޝާދު ދެއްވުމަށް ފަހު އަވަށުގެ ތެރެއަށް ފޮނުއްވިއެވެ. ”ކުރިމަތީގައިވާ އެއަވަށަށް ދޭ. އެ އަވަށަށް ވަދެގެން ދާއިރު ބަނދެފައިވާ ހިމާރެއްގެ ކައިރީގައި އޭގެ ޅަ ހިމާރު އޮއްވައި ތިޔަބައިމީހުންނަށް ފެންނާނެ. އެ ދޭތި މޮހަލައިގެން އަހަރެންގެ ކައިރިއަށް މިތަނަށް ގެނޭ.
3 އަދި އެއްވެސް މީހަކު ތިޔަބައިމީހުންގެ ކައިރިން ތިޔަކުރަނީ ކީއްތޯ އަހައިފިނަމަ ބުނޭ. ’މާތްސާހިބާ އެއަށް އެދިވަޑައިގެން ވެޔޭ. ވީމަ އެކަލޭގެފާނުގެ އަރިހަށް އެ ދޭތި ގެންދަނީ‘ ކަމުގައި ބުނޭ. އިސާހިތަކު އެ ތަކެތި ގެންދިއުމުގެ ހުއްދަ އެމީހަކު ދޭނެ.“
4 މިކަން މިފަދައިން ހިނގައި ދިއުމުން ނަބީބޭކަލުން މެދުވެރިކުރައްވައި މާތްރަސްކަލާނގެ ދެއްވި އެކަލާނގެ ވަޙީބަސްފުޅު ތެދު ޙަޤީޤަތަކަށް ވެދިޔައެވެ. ބަޔާންވެގެންވެއެވެ.
5 ”ބަނީއިސްރާއީލުގެ އަހުލުވެރިންނަށް ބުނާށެވެ.
’ނިކަން ބަލާލަބަލަ! ތިޔަބައިމީހުންގެ ރަސްގެފާނު ތިޔަބައިމީހުންގެ ކައިރިއަށް އެވަޑައިގަންނަވަނީ ވަރަށް މަޑުމައިތިރިކަމާއިއެކުގައި އެވެ.
އަދި ދުއްވަމުން ދާނީ ހިމާރެކެވެ. ހަމައެހެންމެ ހިމާރެއްގެ ޅަ އެއްޗެއް ވެސް މެއެވެ.‘“
6 ދެން އެ ދެ އަސްޙާބީން ގޮސް އީސާގެފާނު އިރުޝާދުދެއްވި ފަދައިން އަމަލު ކުރެއްވިއެވެ.
7 އެބޭކަލުން އެ ހިމާރާއި އަދި އެ ޅަ ހިމާރު އީސާގެފާނުގެ އަރިހަށް ގެނެސްދެއްވި އެވެ. އަދި އެބޭކަލުންގެ ގައިގައި ލެވިފައިވާ ފޮށާތައް ހިމާރުތަކުގެ ބުރަކަށި މަތީ އެޅުމުން، އެ ޅަހިމާރުގެ މައްޗަށް އީސާގެފާނު ސަވާރުވެ ވަޑައިގެންނެވިއެވެ.
8 އެކަލޭގެފާނު ވަޑައިގެންނެވި މަގުމައްޗަށް ވަރަށް ގިނަ ބަޔަކު އެބައިމީހުންގެ ސާލުތައް ބިންމަތީ ފަތުރަމުން ދިޔައެވެ. އަދި އަނެއްބަޔަކު ފަތްކޮޅިތައް ކަނޑައި އެމަގުގައި ފެތުރިއެވެ.
9 އަދި އެއްބަޔަކު އީސާގެފާނުގެ ކުރިފުޅުމަތީގައި އަދި އަނެއް ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުގައި މިފަދައިން ގޮވަމުން ދިޔައެވެ. ”ދާއޫދުގެފާނުގެ ދަރިކަލުންނަށް ޙަމްދުހުރި! މާތްރަސްކަލާނގެ ނަންފުޅުގައި ވަޑައިގަންނަވާ ސާހިބުވަންތަ ފަރާތަށް ރަޙުމަތް ލައްވާނދޭ! އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި!“
10 އީސާގެފާނު ޖެރޫސަލަމަށް ވަދެވަޑައިގެންނެވި ހިނދު އެ ސަހަރުގައި ތިބި ހުރިހާ އެންމެން ޙައިރާންވެ އެކަކު އަނެކަކަށް ބުންޏެވެ. ”މިއީ ކޮންބޭކަލެއްބާ؟“
11 އެއްވެފައިވާ މީސްތަކުން ޖަވާބު ދިނެވެ. ”މިއީ ގަލީލީގެ ނާޒަރަތުން ވަޑައިގެންނެވި ނަބިއްޔާ އީސާގެފާނު.“
އީސާގެފާނު ބައިތުލް މަޤްދިސް ސަފުކުރެއްވުން
12 އީސާގެފާނު ބައިތުލް މަޤްދިސްގެ ތެރެއަށް ވަދެ ވަޑައިގެންނެވި ހިނދު އެތަނުގައި ގަނެވިއްކުމުގެ ވިޔަފާރި ކުރުމަށް ތިބި އެންމެން ނެރެ ބޭރުކޮށްލައްވާ ފައިސާ މާރުކުރަން ތިބި މީހުންގެ މޭޒުތަކާއި، ކޮތަރު ވިއްކަން ތިބި މީހުންގެ ގޮނޑިތައް އެފުށްމިފުށަށް ޖެއްސެވިއެވެ.
13 އަދި އެތަނުގައި ތިބި ހުރިހާ އެންމެންނަށް އީސާގެފާނު ވިދާޅުވިއެވެ. ”ބާވައިލެއްވި ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ، ’ތިމަންކަލާނގެ ގެކޮޅަކީ އަޅުކަން ކުރުމަށް ޓަކައި ބިނާކުރެވިފައިވާ މުޤައްދަސް ބިނާއެއް‘ ކަމުގައި. ނަމަވެސް ކަލޭމެން ވަގުންގެ ޖަގަހައަކަށް މިތަން ހަދައިފި!“
14 އެއަށްފަހު އީސާގެފާނު ބައިތުލް މަޤްދިސްގައި ހުންނަވަނިކޮށް ލޯފަން މީހުންނާއި ކޮރުމީހުން އެކަލޭގެފާނުގެ އަރިހަށް އައެވެ. އަދި އެކަލޭގެފާނު އެ މީސްތަކުންގެ ބަލިތައް ފަސޭހަކޮށްދެއްވިއެވެ.
15 ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނަށް އެކަލޭގެފާނު ދެއްކެވި މި މަތިވެރި މުޢުޖިޒާތްޕުޅު ފެނުނެވެ. އަދި ބައިތުލް މަޤްދިސްގެ ތެރޭގައި ތިބި ކުޑަކުދިން މިފަދައިން ގޮވަމުން ގެންދިޔަ އަޑު އެބައިމީހުންނަށް އިވުނެވެ. ”ދާއޫދުގެފާނުގެ ދަރިކަލުންނާއި މެދު މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރަން!“ މި ހުރިހާ ކަމާކާއި ގުޅިގެން ބޮޑުއިމާމުންނާއި ދީނުގެ އެދުރުބޭކަލުން ރުޅިއައެވެ.
16 އެމީހުން އީސާގެފާނުގެ އަރިހުން އެއްސެވިއެވެ. ”އެ ކުޑަކުދިން އެ ކިޔާއެއްޗެތި ކަލެއަށް އިވޭތަ؟“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”އާނ. ބާވައިލެއްވި ފަތްފުށްތަކުގައި މިފަދައިން ލިޔެވިފައިވާތީ އަޑެއް ނާހަންތަ؟ ’ކުޑަކުދިންނާއި ތުއްތު ކުދިންނަށް އިނބަރަސްކަލާނގެ ކިބަފުޅަށް ޙަމްދު ސަނާ ދެންނެވުމަށް އުނގަންނަވައި ދެއްވި.‘“
17 އެއަށް ފަހު އީސާގެފާނު އެތަނުން ނުކުމެ ވަޑައިގެން އެ ސަހަރުން ބޭރަށް ވަޑައިގެންނެވި އެވެ. އަދި ބެތާނިޔާ އަވަށަށް ވަޑައިގެންނެވިއެވެ. އަދި އެތާ އެކަލޭގެފާނު އެރޭ ހޭދަކުރެއްވިއެވެ.
ވައްތީނި ގަހުގެ މިސާލުގައި ދެއްވި ފިލާވަޅު
18 އަނެއް ދުވަހުގެ ހެނދުނު އީސާގެފާނު ޖެރޫސަލަމަށް ވަޑައިގެންނެވި ހިނދު އެކަލޭގެފާނު ވަނީ ބަނޑުހައިފުޅު ވެފައެވެ.
19 މަގުގެ އެއްފަރާތުގައި ވައްތީނި ގަހެއް ހުރިކަން އެކަލޭގެފާނަށް ފާހަގަ ކުރެވުނެވެ. ވައްތީނި ގަހުގެ ކައިރިއަށް އެކަލޭގެފާނު ވަޑައިގެން އެގަހުގައި ވައްތީނި ހުރިތޯ ބައްލަވާ ލެއްވިއެވެ. ނަމަވެސް އެގަހުގައި ހުރީ ހަމައެކަނި ހުސް ފަތްތަކެވެ. އެ ހިނދު އެ ގަހާއި މުޚާތަބު ކުރައްވައި އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިޔަ ގަހުގައި އިތުރަށް މޭވާއެއް ނާޅާނެ.“ އިސާހިތަކު އެ ގަސް މިލައި މޯޅިވެ ދިޔައެވެ.
20 އީސާގެފާނުގެ އަސްޙާބީންނަށް މިތަން ފެނި އިންތިހާއަށް ޙައިރާންވިއެވެ. އަދި އެކަލޭގެފާނަށް ދެންނެވިއެވެ. ”އެ ވައްތީނި ގަސް އެހާ އަވަހަށް މިލައި މޯޅިވެ އެދިޔައީ ކިހިނަކުންތޯ؟“
21 އީސާގެފާނު އެބޭކަލުންނަށް ޖަވާބު ދެއްވިއެވެ. ”އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުން އީމާންތެރިކަންމަތީ އަދި ޝައްކެއްނެތި ވާނަމަ އަހަރެން މި ވައްތީނި ގަހަށް މި ކުރިކަންތައް ތިޔަބައިމީހުންނަށް ވެސް ކުރެވިދާނެ. އަދި މިތަނުގައި ހުރި ފަރުބަދައަށް ’މިތަނުން ލުހިގެން ކަނޑަށް ދާށޭ‘ ތިޔަބައިމީހުން ބުންޏަސް، އެ ފަރުބަދަ އެ ހުރިތަނުން ލުހިގެން ދާނެ.
22 ތިޔަބައިމީހުން އީމާންތެރިކަމާއެކު ކޮންމެ ކަމަކަށް ދުޢާކުރިޔަސް އެކަމެއް ތިޔަބައިމީހުންނަށް ހާސިލުވާނެ.“
އީސާގެފާނުގެ އަމުރުވެރިކަން
23 އީސާގެފާނު ބައިތުލް މަޤްދިސްއަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު އެތަނުގައި މީސްތަކުންނަށް އުނގަންނަވައި ދެއްވަން ފެއްޓެވި ހިނދު، ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އެކަލޭގެފާނުގެ އަރިހަށް އައިސް ސުވާލު ކުރަން ފެށިއެވެ. ”މިކަންތައްތައް ކުރުމަށް ކަލެއަށް އޮތީ ކޮން އަމުރެއް؟ އެ އަމުރު ކަލެއަށް ދިނީ ކޮންފަރާތަކުން؟“
24 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”ތިޔަބައިމީހުންނާއި އަހަރެން ކުރަން ބޭނުންވަނީ އެންމެ ސުވާލެއް. އަދި އެ ސުވާލަށް ޖަވާބު ދީފިނަމަ މި އަމަލުކުރުމަށް އަހަރެންނަށް އަމުރު ލިބުނީ ކޮން ފަރާތަކުން ކަން ތިޔަބައިމީހުންނަށް ބުނެދޭނަން.
25 ބުނެދީބަލަ: ތައުބާގެ ހިނެއުމުން ހިނައި ދެއްވުމަށް ޔަޙުޔާގެފާނަށް ހުއްދަ ދެއްވީ ކޮންފަރާތަކުން؟ އެއީ މާތްރަސްކަލާނގެ ހަޟުރަތުންތަ؟ ނޫނީ އިންސާނެއްގެ ކިބައިންތަ؟“ ދެން އެބައިމީހުން މަޝްވަރާކޮށް އެކަކު އަނެކަކަށް ބުނަމުން ގެންދިޔައެވެ. ”އެއީ މާތްރަސްކަލާނގެ ޙަޟްރަތުން ކަމުގައި އަހަރެމެން ބުނެފިނަމަ، އަހަރެމެން ޔަޙުޔާގެފާނަށް އީމާން ނުވީ ކީއްވެގެން ހޭ އޭނާ އަހަރެމެންނަށް ބުނާނެ.
26 ނަމަވެސް އެއީ އިންސާނެއްގެ ފަރާތުން ކަމުގައި އަހަރެމެން ބުނެފިނަމަ މީސްތަކުން ކޮށްފާނޭ ކަމަކާއި މެދު އަހަރެމެން ބިރުގަނޭ. އެހެނީ އެމީހުން އެންމެން ޔަޙުޔާ އަކީ ނަބީބޭކަލެއްކަމުގައި ގަބޫލު ކުރޭ.“
27 ދެން އެމީހުން އީސާގެފާނަށް ޖަވާބު ދެއްވިއެވެ. ”އަހަރެމެންނަކަށް ނޭނގެ.“ އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”އެހެންވިއިރު މި ހުރިހާ ކަމެއް ކުރުމަށް އަހަރެންނަށް އަމުރު ދެއްވި ފަރާތެއް އަހަރެން ވެސް ނުބުނާނަން.“
ދެ ދަރިންގެ މާނަފުން ވާހަކަފުޅު
28 ”މިކަމާއި މެދު ތިޔަބައިމީހުންގެ ވިސްނުން ހުރީ ކިހިނަކުން: ދެ ފިރިހެން ދަރިން ތިބި މީހަކު އޭނާގެ ދޮށީ ފިރިހެން ދަރިފުޅުގެ ކައިރިއަށް ގޮސް ބުނި. ’ދަރިފުޅާއޭ މޭބިސްކަދުރު ދަނޑަށް ގޮސް މިއަދު މަސައްކަތް ކޮށްލައިދޭށޭ.‘
29 އެ ދަރިފުޅު ޖަވާބުގައި ބައްޕައަށް ބުނި. ’ނޫނެކޭ. އަހަރެން ނުދާނަމޭ.‘ ނަމަވެސް އޭނާގެ ޚިޔާލު ފަހުން ބަދަލުވެ އޭނާ މަސައްކަތަށް ދިޔަ.
30 އެއަށް ފަހު ބައްޕަ ހަގުދަރިފުޅު ކައިރިއަށް ގޮސް ދޮށީ ދަރިފުޅުގެ ކައިރީގައި ވެސް ބުނި ފަދައިން ބުނި. ހަގުދަރިފުޅު ޖަވާބުގައި އޭނާގެ ބައްޕައަށް ބުނި. ’އާނއެކޭ. ބައްޕާއޭ އަހަރެން ދާނަމޭ.‘ ނަމަވެސް އޭނާ މަސައްކަތަކު ނުދޭ.
31 މި ދެ ދަރިންގެ ތެރެއިން ބައްޕައަށް ކިޔަމަންތެރިކަން އަދާކުރީ ކޮން ދަރިއެއް؟“
ބޮޑު އިމާމުންނާއި ބޮޑުން ޖަވާބު ދިނެވެ. ”ދޮށީ ދަރިފުޅު.“ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”އަހަރެން މިބުނަނީ ތެދެއް. ނުޙައްޤުން މީހުންގެ އަތުން ޓެކްސް ނަގާ މީހުންނާއި ހަށިވިއްކާ އަންހެނުން ވެސް ތިޔަބައިމީހުންނަށް ވުރެ ކުރިން މާތްރަސްކަލާނގެ ރަސްކަންފުޅު ލިބި ސުވަރުގެއަށް ދާނެ.
32 ޔަޙުޔާގެފާނު ތިޔަބައިމީހުންގެ ކައިރިއަށް ވަޑައިގެން ދާންވީ ހެޔޮމަގު ދައްކަވައި ދެއްވި. ތިޔަބައިމީހުން އެކަލޭގެފާނަށް އީމާން ނުވި. ނަމަވެސް ނުޙައްޤުން ޓެކްސް ނަގާ މީހުންނާއި ހަށިވިއްކާ އަންހެނުން އެކަލޭގެފާނަށް އީމާންވި. އަދި އެބައިމީހުން އަމަލުކުރި ގޮތް ތިޔަބައިމީހުންނަށް ފެނުމުން ވެސް ތިޔަބައިމީހުންގެ ފާފަވެރިކަން ދޫކޮށްލައި އެކަލޭގެފާނަށް އީމާންވުމަށް ދެކޮޅު ހެދި.“
ނުބައި ދަނޑުވެރިންގެ މާނަފުން ވާހަކަ
33 ”އަދި އެހެން މާނަފުން ވާހަކައެއް ވެސް އަހާ! ބިމެއްގެ ވެރިއަކު މޭބިސްކަދުރު ދަނޑެއް ހައްދައި އެ މޭބިސްކަދުރު ދަނޑުގެ ވަށައިގެން ފާރު ރޭނި. އަދި މޭބިސްކަދުރުގެ ދިޔަ އެޅޭނޭހެން ވަޅުގަނޑެއް ކޮނުނު. އަދި އެތަން ފެންނާނޭހެން ބުރުޒެއް ވެސް ހެދި. ދެން ދަނޑުވެރިންގެ ބަޔަކަށް މި މޭބިސްކަދުރު ދަނޑު އޭނާ ކުއްޔަށް ދިނުމަށް ފަހު އެހެން ޤައުމަކަށް ދިޔަ.
34 ދެން މޭބިސްކަދުރު ކަނޑާ ދުވަސްވަރު އައުމުން އެ ބިމުގެ ވެރިޔާ އޭނާއަށް ލިބޭންޖެހޭ ޙިއްސާ ހޯދުމަށް ދަނޑު ކުއްޔަށް ހިފައިގެން އުޅޭ ދަނޑުވެރިންގެ ކައިރިއަށް އޭނާގެ ނޯކަރުން ފޮނުވި.
35 ނަމަވެސް އެ ދަނޑުވެރިން އެ ނޯކަރުންގެ ތެރެއިން ފުރަތަމަ ނޯކަރުމީހާއަށް ތަޅާ އަނިޔާކުރި. ދެވަނަ ނޯކަރު މީހާ މަރާލި. ތިންވަނަ ނޯކަރު މިހާގެ ގައިގައި ގަލުން ތަޅައި މަރާލި.
36 ދެން ބިމުގެ ވެރިޔާ އޭނާއަށް ލިބޭންޖެހޭ ޙިއްސާ ހޯދުމަށް އޭނާގެ ނޯކަރުންގެ ތެރެއިން ގިނަ ޢަދަދެއްގެ ނޯކަރުން އެ ދަނޑުވެރިންގެ ކައިރިއަށް ފޮނުވި. މިފަހަރު ވެސް ކަންތައްހިނގީ ކުރީ ފަހަރު ވެސް ކަންތައް ވީ ފަދައިން.
37 އެންމެފަހުން، ދަނޑު ކުއްޔަށް ހިފައިގެންއުޅޭ ދަނޑުވެރިންގެ ކައިރިއަށް ބިމުގެ ވެރިޔާ އޭނާގެ ފިރިހެން ދަރިފުޅު ފޮނުވި. އެއީ އޭނާގެ ފިރިހެން ދަރިފުޅު ކަމަށް ވުމުން އެބައިމީހުން އޭނާއަށް ގަދަރުކުރާނޭ ކަމުގައި ހީވުމުގެ ސަބަބުން.
38 ނަމަވެސް ބިމުގެ ވެރިޔާގެ ފިރިހެން ދަރިފުޅު އަންނަތަން އެ ދަނޑުވެރިންނަށް ފެނުމުން އެކަކު އަނެކަކަށް ބުނަމުން ގެންދިޔަ. ’މިއީ މިދަނޑުގެ ވާރުތަވެރިޔާ. އޭނާ މަރާލަމާ ހިނގާށޭ. އޭރުން މި ބިން އަހަރެމެންނަށް މިލްކު ކުރެވޭނޭ!‘
39 އެއާއެކު އެމީހުން އޭނާ އަތުލައިގެން މޭބިސްކަދުރު ދަނޑުން ބޭރުކޮށްލައި އަދި މަރާލި.
40 މޭބިސްކަދުރު ބިމުގެ ވެރިޔާ އައިސް އެ ދަނޑު ކުއްޔަށް ހިފައިގެން ތިބި ދަނޑުވެރިންނާއި މެދު އޭނާ އަމަލު ކުރާނީ ކޮންފަދައަކުންކަން ތިޔަބައިމީހުންނަށް އެނގޭތަ؟“
41 ބޮޑު އިމާމުންނާއި ބޮޑުން ޖަވާބު ދިނެވެ. ”އެ ހިތް ނުބައި މީސްތަކުން ނުބައި ގޮތެއްގައި މަރައިލާނެ. އަދި މޭބިސްކަދުރު ކަނޑާ މޫސުމުގައި އޭނާއަށް އޭނާގެ ޙިއްސާ ދޭނެ ރަނގަޅު ބަޔަކަށް އޭނާ އެދަނޑު ކުއްޔަށް ދޭނެ.“
42 ދެން އީސާގެފާނު ވިދާޅުވިއެވެ. ”ހަމަ ޔަޤީނުން ވެސް ތިޔަބައިމީހުން ވާނީ ފަތްފުށްތަކުގައި ބަޔާންވެގެންވާ ބަޔާން ކުރެއްވުން ކިޔާފަ.
’ރާނާ މީހުން ބަލައިނުގަނެ އެއްލާލި ގާ ބިންގަލުގެ އެންމެ މުހިންމު ގާ ކަމުގައި ވެއްޖޭ.
މިއީ މާތްރަސްކަލާނގެ ކުރައްވާ ކަންކަމޭ.
މިއީ ކޮންފަދަ ޙައިރާން ކުރުވަނިވި ކަމެއް ހޭ؟‘“
43 އީސާގެފާނު އިތުރަށް ވިދާޅުވިއެވެ. ”ވީމާ ތިޔަބައިމީހުންގެ ކިބައިން މާތްރަސްކަލާނގެ ރަސްކަންފުޅު ނަގާ އެކަލާނގެ އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރާނޭ ބަޔަކަށް ދެއްވާނޭ ކަމުގައި ތިޔަބައިމީހުންގެ ކައިރީގައި އަހަރެން ބުނަން.
44 މި ގަލުގައި އަޅައިގަނެ ވެއްޓޭ ކޮންމެ މީހަކު ހަލާކު ވެދާނެ. އަދި މި ގާ ކޮންމެ މީހެއްގެ މައްޗަށް ވެއްޓުނު ކަމުގައިވިޔަސް އެ މީހަކުމެ ޗިސްޗިސް ވެދާނެ.“
45 ފަރީސީންނާއި ބޮޑުއިމާމުންނަށް މިވާހަކަތައް އަޑު އިވުނު ހިނދު އީސާގެފާނުގެ މިވާހަކަތައް ނިސްބަތްކުރައްވާފައި އެވަނީ އެބައިމީހުންނަށް ކަން އެނގުނެވެ.
46 އެހެންވެ އެކަލޭގެފާނު ހައްޔަރު ކުރެވޭނޭ ގޮތަކާއިމެދު އެބައިމީހުން ބަލަމުން ދިޔައެވެ. އެކަމަކު އާންމުން ދެކެ އެމީހުން ވަނީ ބިރުގެންފައެވެ. އެއީ އާންމުން އީސާގެފާނަކީ ނަބިއްޔެއް ކަމަށް ދެކޭތީއެވެ.