22
ކައިވެނީގެ ވަލީމާގެ މާނަފުން ވާހަކަ
މާނަފުން ވާހަކައިން އީސާގެފާނު މީސްތަކުންނަށް އިތުރަށް އުނގަންނަވައި ދެއްވަން ފެއްޓެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު އެއީ ރަސްކަލަކު އޭނާގެ ފިރިހެން ދަރިފުޅަށް ތައްޔާރު ކޮށްދިން ކައިވެނީގެ ޖާފަތެއް ފަދަ. އެ ކައިވެނީގެ ޖާފަތަށް ބައެއް ފަރާތްތަކަށް ރަސްގެފާނު ދަޢުވަތު ދެއްވި. އެ ކައިވެނީގެ ޖާފަތް ތައްޔާރުވި ހިނދު، މީސްތަކުންނަށް އެކަން އެންގުމަށް ރަސްގެފާނު އޭނާގެ ނޯކަރުން ފޮނުވީ. ނަމަވެސް އެބައިމީހުން އެ ޖާފަތަށް އައުމަށް އިޢުތިރާޒުކުރި.
އެއަށް ފަހު ރަސްގެފާނު އޭނާގެ އެހެނިހެން ނޯކަރުންނަށް މިފަދައިން ބުނެ ފޮނުވީ. ’⁠ދަޢުވަތު ދެވުނު ހުރިހާ އެންމެންގެ ކައިރިއަށް ގޮސް ތިމަންނާގެ ފިރިހެން ދަރިފުޅުގެ ކައިވެނީގެ ޖާފަތް ތައްޔާރު ވެއްޖެއޭ ބުނޭ. އެންމެ މަސްފަލަ ފިރިހެން ގެރި އާއި، ޅަ ގެރި ކަތިލައި ތައްޔާރު ކޮށްފީމޭ. އަދި ހުރިހާ ތަކެއްޗެއް ވެސް ހުރީ ތައްޔާރުވެފައޭ. ތިމަންނާގެ ފިރިހެން ދަރިފުޅުގެ ކައިވެނީގެ ވަލީމާއަށް އަންނާށޭ.⁠‘
ނަމަވެސް އެ ނޯކަރުންގެ ވާހަކަތަކަށް މީސްތަކުން ސަމާލުކަމެއް ނުދީ އެހެން ކަންތައްތައް ކުރުމުގައި އެމީހުންވި. އެއްބަޔަކު އެމީހުންގެ ދަނޑުތަކުގައި މަސައްކަތް ކުރުމަށް ދިޔަ. އަނެއްބަޔަކު، އެބައިމީހުން ވިޔަފާރިކުރާ ތަނުގައި މަސައްކަތް ކުރުމަށް ދިޔަ. ބައެއް މީސްތަކުން ނޯކަރުން އަތުލައިގަނެ ތަޅާ އަނިޔާކޮށް އެމީހުން މަރާލި. މިކަމާއި ރަސްގެފާނު ވަރަށް ބޮޑަށް ރުޅިއައިސް އެ ގާތިލުން ގަތުލު ކުރުމަށް އޭނާގެ ލަޝްކަރެއް ފޮނުވީ. އަދި އެ ސަހަރު ވެސް އަންދައިލުމަށް އެންގި.
އެއަށް ފަހު އޭނާގެ ނޯކަރުންނަށް ބުނުއްވި. ’⁠މިއީ ކައިވެނީގެ ޖާފަތުގެ ވަގުތު. ނަމަވެސް ދަޢުވަތު ދެވުނު މެހުމާނުންނަކީ އައުމަށް އެކަށީގެންވާ ބައެއް ނޫން. އެހެންވެ މަގުތަކުގައިވާ ހަތަރު އަނގޮޅިތަކުގެ ކަންމައްޗަށް ދޭ. އަދި ފެނުނު ކޮންމެ މީހެއްގެ ކައިރީގައި ތިމަންނާގެ ފިރިހެން ދަރިފުޅުގެ ކައިވެނީގެ ޖާފަތަށް އަންނާށޭ ބުނޭ.⁠‘ 10 ދެން ނޯކަރުން މަގުތަކުގެ ހަތަރު އަނގޮޅިތަކަށް ގޮސް އެމީހުންނަށް ފެނުނު ކޮންމެ މީހަކު އެއްތަން ކުރި. ރަނގަޅު މީހުންނާއި ނުބައި މީހުން ވެސް އޭގެ ތެރޭގައި ހިމެނޭ. އަދި އެ ކައިވެނީގެ ޖާފަތް އޮތް މާލަން ތެރެއަށް މެހުމާނުން ވަދެ މުޅި ތަން ވަނީ ފުރިފަ.
11 ރަސްގެފާނު މެހުމާނުންގެ ތެރެއަށް އައިސް ބަލާލި ހިނދު، ކައިވެނީގެ ވަލީމަތަކަށް އެކަށީގެންނުވާ ފަދަ ހެދުމެއްގައި ހުރި މީހަކު ދުށް. 12 ރަސްގެފާނު އެމީހާއަށް ބުނުއްވި. ’⁠ރަޙުމަތްތެރިޔާ، ތިބާއަށް މިތަނަށް އައުމުގެ ހުއްދަ ލިބުނީ ކިހިނަކުން؟ ތިބާ ހެދުން އަޅައިގެން ތިޔަހުރީ ކައިވެނީގެ ވަލީމާތަކަށް އެކަށީގެންވާ ހެދުމެއް ނޫން.⁠‘ ނަމަވެސް އެމީހާ އެއްވެސް އެއްޗެއް ނުބުނެ ހަނު ހިމޭނުން ހުރި. 13 އެހެންވެ ރަސްގެފާނު އޭނާގެ ބައެއް ނޯކަރުންނަށް ބުނުއްވި. ’⁠މި މީހާގެ އަތާއިފައި ބަނދޭ. މީނާ ބޭރުގެ އަނދިރި ގަނޑުގެ ތެރެއަށް އެއްލާލާ! އެއީ އެތަނެއްގައި ލިބިދޭ ވޭނުން މީހުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާ ފަދަ ތަނެއް.⁠‘
14 ގިނަބަޔަކަށް ދަޢުވަތު ދެވުނު، އެކަމަކު ޚިޔާރު ކުރެވުނީ ވަރަށް މަދު ބައެއް.⁠“
ކައިސަރަށް ޓެކްސް ދެއްކުމަކީ ރަނގަޅުކަމެއް ހެއްޔެވެ؟ ނޫނީ ގޯސްކަމެއް ހެއްޔެވެ؟
15 އެއަށް ފަހު ފަރީސީން އެތަނުން ދިޔައެވެ. އަދި އީސާގެފާނު ވިދާޅުވެލައްވާ ބަސްފުޅަކުން އެކަލޭގެފާނު މަޅިއެއްގައި ޖެއްސެވުމަށް ޓަކައި އެބައިމީހުން އެއްވެ ތިބެ ރޭވިއެވެ. 16 އެބައިމީހުން އެމީހުންގެ ބައެއް ބައިވެރިންނާއި އަދި ހެރޮދު ރަސްގެފާނަށް ތާއީދުކުރާ މީހުންގެ ތެރެއިން ބަޔަކު އީސާގެފާނުގެ އަރިހަށް ފޮނުއްވައި ސުވާލު ކުރެއްވިއެވެ. ”⁠އެދުރުކަލޭގެފާނު. މީސްތަކުން ވިސްނާނެ ގޮތަކާއިމެދު ބެއްލެވުމެއްނެތި ކަލޭގެފާނީ ޙައްޤު ތެދުބަސް ވިދާޅުވެލައްވާ ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އަދި ކަލޭގެފާނު ވަކިފަރާތަކަށް ޖެހިގެންނުވޭ. ނަމަވެސް ކަލޭގެފާނު މީސްތަކުންނަށް އުނގަންނަވައިދެއްވަމުން ގެންދަވަނީ މާތްރަސްކަލާނގެ މަގުގައިވާ ޙައްޤު ތެދުބަސް. 17 މިހެން ކަމުގައިވާނަމަ ކައިސަރަށް ޓެކްސް ދެއްކުމަކީ އަޅުގަނޑުމެންގެ ދީނީ އުސޫލުތަކާ ޚިލާފު ކަމެއްތަ؟ އަޅުގަނޑުމެން އެފަދައިން ޓެކްސް ދައްކަން ޖެހޭނެތަ؟ ނޫނީ ނުޖެހޭނެތަ؟⁠“*
18 ނަމަވެސް އެމީހުންގެ މަގުސަދަކީ ކޮބައިކަން އީސާގެފާނު ދެނެވަޑައިގެން ހުންނަވާ އެބައިމީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މުނާފިޤުންނޭ! ކަލޭމެން އަހަރެން މަޅިއެއްގައި ޖެއްސުމަށް ތިޔަ މަސައްކަތް ކުރަނީ ކީއްވެ؟ 19 ޓެކްސް ދެއްކުމަށް ޓަކައި ތިޔަ ގެންގުޅޭ ފައިސާ ފޮތި އަހަރެންނަށް ދައްކަބަލަ.⁠“ އެބައިމީހުން އެކަލޭގެފާނަށް އެ ފައިސާ ފޮތި ދެއްކިއެވެ. 20 އީސާގެފާނު ވިދާޅުވިއެވެ. ”⁠މި ފައިސާ ފޮތީގައި މިވަނީ ކާކުގެ ތަސްވީރަކާއި ނަމެއްތަ؟⁠“
21 އެބައިމީހުން ޖަވާބު ދެއްވިއެވެ. ”⁠ކައިސަރުގެ.⁠“ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކައިސަރުގެ ތަކެތި ކައިސަރުއަށް ދީ. މާތްރަސްކަލާނގެ ކިބަފުޅަށް މިލްކުވެގެންވީ ތަކެތި އެކަލާނގެ ކިބަފުޅަށް ހުށަހަޅާ.⁠“ 22 އީސާގެފާނު ވިދާޅުވި އެ ބަސްފުޅު އެބައިމީހުންނަށް އިވުމުން އެބައިމީހުން އަޖައިބު ވިއެވެ. އަދި އެކަލޭގެފާނު ދޫކުރައްވާ އެތަނުން ދުރަށް ދިޔައެވެ.
ޤިޔާމަތާއި ބެހޭގޮތުން ސުވާލު ކުރެއްވުން
23 ސާދުސީން ގަބޫލުކުރާ ގޮތުގައި މަރުވާ މީހުން އަލަކުން ނުދިރޭނެ އެވެ. ހަމަ އެދުވަހު ސާދުސީނުގެ ބަޔަކު އީސާގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. 24 އެބައިމީހުން ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު! ކައިވެނި ކޮށްގެން ތިއްބާ ފިރިމީހާ ނިޔާވި ހިނދު ދަރިއަކު ލިބިފައިނުވާ ހުވަފަތް އަންހެނާ އާއި ނިޔާވި މީހާގެ އަޚާއި ކައިވެނި ކޮށްގެން އޭނާއަށް ދަރިން ހޯދައިދޭންޖެހޭނޭ ކަމަށް ތައުރާތުގައި މޫސާގެފާނު ވިދާޅުވޭ.+ 25 އެއްދުވަސްވަރެއްގައި އަހަރެމެންގެ ތެރޭގައި ހަތް ބެއިން ތިބި. ދޮށީ ފިރިހެނާ ކައިވެނިކުރި. އަދި އޭނާ ނިޔާވި. އޭނާގެ ދަރިއަކު ނެތް. ހުވަފަތް އަންހެނާ އާއި ދެވަނައަށް ހުރި ކޮއްކޮ ކައިވެނިކުރި. 26 އޭނާ ވެސް ނިޔާވި. ހަމައެފަދައިން ތިންވަނަ ކޮއްކޮއަށް ވެސް ކަންތައްދިމާވި. އަދި އެހެނިހެން ކޮއްކޮމެންނަށް ވެސް ކަންތައްތައް ދިމާވީ ހަމަ އެފަދައިން. 27 އެންމެފަހުން އެ އަންހެނާ ނިޔާވި. 28 އެ ހުރިހާ ބެއިން އޭނާ އާއި ކައިވެނި ކުރި. ވީއިރު ޤިޔާމަތް ދުވަހުން މި އަންހެނާ ވާނީ ކާކުގެ އަނތްބަކަށްތޯ؟⁠“
29 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠ތިޔަބައިމީހުން ތިތިބީ އޮޅުމެއްގެ ތެރޭގައި! އެހެނީ ތިޔަބައިމީހުންނަކަށް މުޤައްދަސް ފޮތުގައިވާ އެއްޗެއް ނުވެސް އެނގޭ. އަދި ތިޔަބައިމީހުންނަކަށް މާތްރަސްކަލާނގެ ކުޅަދުންވަންތަކަން ވެސް ނޭނގޭ. 30 މަރުވުމަށް ފަހު އަލުން ދިރޭނެ މީހުން ކައިވެންޏެއް ނުކުރާނެމެ. އެބައިމީހުންނީ ސުވަރުގޭގައި ތިބި މަލާއިކަތުންފަދަ ބައެއް. 31 ނިޔާވުމަށް ފަހު ދިރިދުނިޔެއަށް އައުމާމެދު މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ބާވައިލައްވާފައިވާ ފޮތް ތިޔަބައިމީހުން ވާނީ ހަމަ ޔަޤީނުން ވެސް ކިޔާފައި. 32 މާތްރަސްކަލާނގެ ވަޙީކުރައްވާފައިވޭ. ’⁠ތިމަންކަލާނގެއީ އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު ވެސް އަޅުކަންކުރާ ރަސްކަލާނގެ އޭ.⁠‘+ މާތްރަސްކަލާނގެއީ މަރުވެފައިވާ މީހުންގެ ކަލާނގެއެއް ނޫން. އެކަލާނގެއީ ދިރިތިބި މީހުންގެ ކަލާނގެ.⁠“
33 އެބައިމީހުންނަށް މި ބަސްފުޅު އިވުނު ހިނދު، އީސާގެފާނުގެ އުނގަންނަވައި ދެއްވުންތަކާއި މެދު އެބައިމީހުން އަޖައިބުވިއެވެ.
އެންމެ މުހިންމު އަމުރުފުޅު
34 އީސާގެފާނު ސާދުސީނުންގެ އަނގަ ބަންދުކޮށްލެއްވި ގޮތް ފަރީސީންނަށް އެނގުމުން އެބައިމީހުން އެއްތަންވިއެވެ. 35 ފަރީސީނުގެ ތެރޭގައި ތައުރާތުގެ އަމުރުފުޅުތަކަށް ވަރަށް ގާބިލު މީހަކު ވިއެވެ. އީސާގެފާނު އިމްތިޙާނު ކޮށްލެއްވުމުގެ ގޮތުން އޭނާ އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. 36 ”⁠އެދުރުކަލޭގެފާނު! ތައުރާތުގައި ބަޔާންވެގެންވާ އެންމެ މުހިންމު އަމުރުފުޅަކީ ކޮބައިތޯ؟⁠“
37 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެ ދެކެ ތިޔަބައިމީހުންގެ މުޅި ހިތުންނާއި މުޅި ފުރާނާއިން އަދި މުޅި ބުއްދިންމެ ލޯބިވުން.+ 38 މިއީ އެންމެ ބޮޑު އަދި އެންމެ މުހިންމު އަމުރުފުޅު. 39 އަދި ދެވަނަ އަމުރުފުޅަކީ ފުރަތަމަ އަމުރުފުޅެކޭ ދާދި އެއްފަދަ އަމުރުފުޅެއް. އެއީ ތިބާގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ތިބާގެ އަވަށްޓެރިޔާ ދެކެ ލޯބިވުން.+ 40 އެންމެހާ އަމުރުފުޅުތަކާއި ނަބީބޭކަލުންގެ ލިޔުއްވުންތައް ބިނާވެފައި ވަނީ މި ދެ އަމުރުފުޅުގެ މައްޗަށް.⁠“
އީސާގެފާނު ފަރީސީންނާއި ސުވާލު ކުރެއްވުން
41 ފަރީސީން އެއްތަންވުމުން އީސާގެފާނު އެމީހުން ކުރެން އެއްސެވިއެވެ. 42 ”⁠އަލްމަސީޙާއި މެދު ތިޔަބައިމީހުން ދެކެނީ ކިހިނަކުން؟ އެކަލޭގެފާނަކީ ކޮންފަރާތެއްގެ ދަރިކަލެއް؟⁠“ އެބައިމީހުން ޖަވާބުގައި ދެންނެވިއެވެ. ”⁠އަލްމަސީޙަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ ބޭކަލެއް.⁠“
43 ދެން އެކަލޭގެފާނު އެމީހުން ކުރެން އެއްސެވިއެވެ. ”⁠ތިހެންވީއިރު ދާއޫދުގެފާނު އެކަލޭގެފާނަށް މާތްސާހިބާ ކަމުގައި ވިދާޅުވީ ކީއްވެ؟ މާތްރަސްކަލާނގެ ރޫޙުފުޅުން ހިދާޔަތް ދެއްވައިގެން އެކަލޭގެފާނު ޒަބޫރުގައި މިފަދައިން ބަޔާން ކުރައްވާފައިވޭ.
44 ’⁠މާތްސާހިބުވަންތަ ރަސްކަލާނގެ އަހަރެންގެ މާތްސާހިބާއަށް ވަޙީ ކުރެއްވިއޭ.
އެއީ ތިމަންކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެ ވަޑައިގެން އިންނަވާށޭ.
ތިމަންކަލާނގެ ކަލޭގެފާނުގެ ޢަދާވާތްތެރިން ކަލޭގެފާނުގެ ފައިންޕުޅުދަށަށް ގެނައުމަށް ދާންދެން.⁠‘+
45 ދާއޫދުގެފާނު އެކަލޭގެފާނަށް މުޚާތަބު ކުރައްވަނީ މާތްސާހިބާގެ ނަންފުޅުގަ. އެހެންވީމާ އެކަލޭގެފާނު ދާއޫދުގެފާނުގެ ދަރިކަލަކަށް ވާނީ ކިހިނެއް؟⁠“
46 އީސާގެފާނުގެ އެ ސުވާލަށް އެއްވެސް މީހަކަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. އަދި އެދުވަހަށް ފަހު އެކަލޭގެފާނާއި އިތުރަށް ސުވާލެއް ކުރެވޭހާ ހިތްވަރެއް އެބައިމީހުންނަށް ލިބިގެން ނުވިއެވެ.
* 22:17 މިއީ ދަންތުރައެއްގައި ޖެއްސުމުގެ ގޮތުން ބުނާ ބުނުމެކެވެ. އީސާގެފާނު ކައިސަރަށް ޓެކްސް ދައްކަން ޖެހޭނޭ ކަމުގައި ވިދާޅުވެއްޖެ ނަމަ ކާފަރު ރަސްކަލަކަށް ތާއީދު ކުރައްވާ ކަމުގެ ތުހުމަތު އަޅުވައި އެމީހުން މީސްތަކުން އެކަލޭގެފާނަށް އީމާން ވިޔަކަ ނުދޭނެއެވެ. އަދި ޓެކްސް ދެއްކުމަކީ ރަނގަޅުކަމެއް ނޫންކަމުގައި ވިދާޅުވެއްޖެނަމަ ކައިސަރުގެ ފަރާތުން ހެރޮދު ރަސްގެފާނަށް ލިބިދީފައިވާ ބާރުގެ ދަށުން ހެރޮދު ރަސްގެފާނަށް ތާއީދުކުރާ ފަރާތްތަކުން އީސާގެފާނު ހައްޔަރު ކުރައްވައި އަވަހާރަކޮށްލުމަށް ޙުކުމް ކުރާނެއެވެ. + 22:24 ދަތުރުނާމާ 25‏:5 + 22:32 ނެރުއްވުން 3‏:6 + 22:37 ދަތުރުނާމާ 6‏:5 + 22:39 ލާވީން 19‏:18 + 22:44 ޒަބޫރު 110‏:1