24
ބައިތުލް މަޤްދިސް ހަލާކުވާނެ
1 އީސާގެފާނު ބައިތުލް މަޤްދިސްއާއި ދުރަށް ވަޑައިގަންނަވަން ފެއްޓެވުމުން އެކަލޭގެފާނުގެ އަސްޙާބީން އައިސް ބައިތުލް މަޤްދިސްގައިވާ ޢިމާރާތްތަކަށް އިޝާރާތްކޮށް އެކަލޭގެފާނަށް ދެއްކެވިއެވެ.
2 އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުންނަށް މި ޢިމާރާތްތައް ފެނެއެއް ނޫން؟ އަހަރެން މިބުނަނީ ތެދެއް. މި ޢިމާރާތްތައް ފުނޑުފުނޑުވެ ބިންމައްޗަށް ވެއްޓޭނެ! މި ޢިމާރާތްތަކުގައިވާ ހިލަތަކުގެ ތެރެއިން އެއް ހިލަބުރި އަނެއް ހިލަބުރި މަތީގައި ނެތި މިހުރިހާ ޢިމާރާތްތައް ބިމާ ހަމަވާނެ.“
3 އެއަށް ފަހު އީސާގެފާނު ޒައިތޫނި ފަރުބަދަ މަތީގައި އިށީނދެ ވަޑައިގެން އިންނެވި ހިނދު އަސްޙާބީން އެކަހެރިވެ އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”ތިޔަ ވިދާޅުވި ކަންތައްތައް ހިނގައިދާނީ ކޮންއިރަކުތޯ؟ އަދި ކަލޭގެފާނު އެނބުރި ވަޑައިގަންނަވާ ހިނދުގައްޔާއި ދުނިޔެ ޤިޔާމަތް ވުމުގައި ފެނިގެންދާނެ އަލާމާތްތައް އަޅުގަނޑުމެންނަށް ބުނެދީފާނަންތޯ؟“
4 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”ސަމާލުވެ ތިބޭތި! އެއްވެސް މީހެއްގެ ކެހިވެރިކަމުގެ ދަށުގައި ނުވާތި.
5 ގިނަ ބަޔަކު އައިސް އެބައިމީހުންނަކީ ’އަލްމަސީޙު‘ ކަމުގައި ބުނެ އެތައްބަޔަކު މަގުފުރައްދާނެ.
6 ހަނގުރާމައިގެ އަޑުފަށްގަނޑާއި އަދި ހަނގުރާމައިގެ ޚަބަރުތައް ތިޔަބައިމީހުންނަށް އަޑުއިވޭނެ. ނަމަވެސް އެކަންތަކާމެދު ކަންބޮޑުނުވޭ. އެއީ ކުރީކޮޅުގައި ހިނގަން ޖެހޭނެ ކަންތައްތައް. އެކަމަކު އެއީ ފަހުގެ ނިމުމުގެ ވަގުތު އައިސް ޖެހުމެއް ނޫން.
7 އެއްގައުމު އަނެއް ޤައުމާއި ހަނގުރާމަކުރާނެ. އެއް ރަސްކަން އަނެއް ރަސްކަމާއި ހަނގުރާމަ ކުރާނެ. ތަދުމަޑުކަމާއި ކުރިމަތިވާނެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބިންހެލުންތައް ކުރިމަތިވާނެ.
8 މި ހުރިހާ ކަންތައްތަކަކީ އަންހެނެއްގެ ވިހެއުމުގެ ފުރަތަމަ ވޭންވަރުތައް ފަދައިން ހިނގައިދާ ކަންތައްތައް.
9 އެ ހިނދު މީސްތަކުން ތިޔަބައިމީހުން ހައްޔަރުކޮށް އަނިޔާދޭނެ. އަދި ތިޔަބައިމީހުން މަރާވެސްލާނެ. ތިޔަބައިމީހުން އަހަރެންނަށް އީމާންވުމުން އެންމެހާ ޤައުމުތަކުގެ މީސްތަކުން ތިޔަބައިމީހުންދެކެ ނަފްރަތު ކުރާނެ.
10 އެ ހިނދު ގިނަބަޔަކު އީމާންތެރިކަން ދޫކޮށްލައި އެކަކު އަނެކަކަށް ޚިޔާނާތްތެރިވެ އަދި އެކަކު އަނެކަކަށް ނަފްރަތުކުރާނެ.
11 އެ ހިނދު ދޮގު ނަބީން އައިސް ގިނަބަޔަކަށް އޮޅުވައިލާނެ.
12 ނުބައިކަން ފެތުރުމުގެ ސަބަބުން މީސްތަކުންގެ ގިނަބަޔަކު އެކަކު އަނެކަކާ މެދު އޮންނަ ލޯތްބާއި ކުލުނު ފަނޑުވެގެން ދާނެ.
13 ނަމަވެސް އީމާންތެރިކަމުގައި ފަހުވަގުތާ ހަމަޔަށް ތިޔަބައިމީހުން ދެމިތިބެއްޖެ ނަމަ، ތިޔަބައިމީހުންނަށް ދިންނެވުން ލިބޭނެ.
14 އަދި މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދުވާ ހެޔޮޚަބަރުފުޅު މުޅި ދުނިޔެއަށް އިއްވެމުން ދާނެ. އެއީ ހުރިހާ ގައުމަކަށް މިބަސްފުޅު ފޯރުވުމަށްޓަކައި. ނިމުން އަންނާނީ އޭގެފަހުން.“
އަޖައިބު ކުރުވަނިވި ބިރުވެރިކަން
15 ”ވަގުތުޖެހުމުން ނަބީބޭކަލެއް ކަމުގައިވާ ދާނިޔާލް ވިދާޅުވެ ދެއްވާފައިވާ ފަދައިން ފަނާކުރުވަނިވި ނަޖިސް މުޑުދާރު އެތި މުޤައްދަސް މަޤާމުފުޅު ތެރޭގައި ފެނިގެންދާނެ. (ކިޔުންތެރިންނަށް މިބުނާ އެއްޗެއްގެ މާނަ ޔަޤީންކަމާއެކުގައި އެނގެންޖެހޭނެއެވެ!)
16 އެ ހިނދު ޖުދެއާ ކަރައިގައި ދިރިއުޅެމުން ދާ ހުރިހާ އެންމެން ފަރުބަދަތަކާއި ދިމާއަށް ފިލަން ދުވާތި.
17 ގޭގެ ފުރާޅުމަތީގައި ހުރި މީހަކުނަމަ ގޭތެރޭގައި ހުރި އެއްޗެއް ބަލާވެސް ތިރިއަށް ނުފައިބާތި.
18 ދަނޑުމަތީ ހުރި މީހެއް ނަމަ ލާ ހެދުންގަނޑު ބަލާވެސް އެނބުރި ނާންނާތި.
19 އެ ދުވަސްތަކުގައި މާބަނޑު އަންހެނުންނަށާއި ކިރުމައިންނަށް ހުރި ހިތާމައެއްގެ ބޮޑުކަން!
20 ފިނި މޫސުމެއްގައި ނޫނީ ސަބަތުގެ ދުވަހެއްގައި ތިޔަބައިމީހުން ފިލަން ދުވަން ނުޖެހުމަށް އެދި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވާ.
21 ދުނިޔެ އުފެއްދެވީއްސުރެން މިފަދަ ބިރުވެރި ދުވަސްތަކެއް މި ވީހާތަނަށް ދެކެފައެއް ނުވާނެ. އަދި ނުވެސް ދެއްކޭނެ.
22 އެ ދުވަސްތަކުގައި މާތްރަސްކަލާނގެ ވަގުތު ކުރު ނުކުރެއްވިނަމަ މުޅި އިންސާނީ ޙަޔާތް ނެތި ދާނެ. ނަމަވެސް އެކަލާނގެ މި ދުވަސްތަކުގެ މުއްދަތު ކުރު ކުރެއްވީ އެކަލާނގެ ޚިޔާރު ކުރައްވާފައިވާ އަޅުތަކުންނަށް ސަލާމަތްތެރިކަމެއް ލިބިދެއްވުމަށް.
23 އޭރު ފަހަރެއްގައި މީހަކު ތިޔަބައިމީހުންނަށް ބުނާނެ. ’މިހިރީ އަލްމަސީޙު!‘ ނޫނީ ’އެހެރީ އަލްމަސީޙު!‘ ނަމަވެސް އެކަން ގަބޫލު ކޮށްގެން ނުވާނެ.
24 ދޮގު މަސީޙުންނާއި ދޮގު ނަބީން ފެނިގެންދާނެ. އަދި އެމީހުން މަތިވެރި މުޢުޖިޒާތާއި އަލާމާތްތައް ދައްކައި މީސްތަކުން ޙައިރާންކުރުވައި އެމީހުންނަށް ވެގެންވަންޏާ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ މީހުން ވެސް މޮޔަހައްދަން އުޅޭނެ.
25 ނަމަވެސް އެ ވަގުތުގެ ކުރީން އަހަރެން ތިޔަބައިމީހުންނަށް އިންޒާރު މިދެނީ އެހެންވެ.
26 ތިޔަބައިމީހުންގެ ގާތު އަލްމަސީޙު ސަހަރާގެ ތެރޭގައި ހުންނެވި ކަމަށް މީހަކު ބުންޏަސް އެތަނަށް ތިޔަބައިމީހުން ގޮސްގެން ނުވާނެ! އަދި ސިއްރު ތަނެއްގައި އެކަލޭގެފާނު ހުންނެވި ކަމަށް ތިޔަބައިމީހުންގެ ގާތު ބުންޏަސް އެކަން ގަބޫލުކޮށްގެން ނުވާނެ!
27 އިންސާނާގެ ދަރިކަލުން ވަޑައިގަންނަވާނީ އިރުން ފެށިގެން ހުޅަނގަށް އުދަރެހުގައި ދިއްލިގެން އަންނަ ވިދުވަރެއް ފަދައިން.
28 އެއީ ގަބުރެއްގެ ހަށިގަނޑު ތަނެއްގައިވާ ހިނދު އެތަނަކަށް ބާޒުތައް އެއްވާ ފަދައިން.“
އިންސާނާގެ ދަރިކަލުން އެނބުރި ވަޑައިގަތުން
29 ”އެ މުސީބާތުގެ ދުވަސްތަކަށް ފަހު ކުއްލިއަކަށް އިރުގެ އަލިކަން ފަނޑުވެގެން ދޭ. އަދި ހަނދުން ހަނދުވަރު ނުލިބޭނެ. އުޑުން ތަރިތައް ފައިބާނެ. އަދި އުޑުތަކުގެ ބާރުތަކަށް ގުޑުން އަރާނެ.
30 އެ ހިނދު އިންސާނާގެ ދަރިކަލުން ވަޑައިގަންނަވާކަމުގެ ނިޝާން އުޑުން ފެންނާނެ. އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ މަތިވެރި ނޫރުފުޅާއި ގަދަފަދަ ބާރަފުޅާ އެކު އުޑުން ވިލާގަނޑެއްގެ ތެރެއިން ވަޑައިގަންނަވާހިނދު ދުނިޔޭގެ އެންމެހާ ޤައުމުތަކުގެ މީހުން ހިތާމަ ކުރާނެ.
31 އަދި އެކަލޭގެފާނުގެ މަލާއިކަތުން ތާޅަފިލި ފުމޭ ގަދަ އަޑެއް ފަދައިން ދުނިޔޭގެ ހަތަރުބިތަށް ފޮނުއްވާނެ. އަދި ދުނިޔޭގެ ހަތަރުބިތުންނާއި އުޑުގެ އެއްކޮޅުން އަނެއްކޮޅާހަމައަށް ވާ އެކަލޭގެފާނު ހޮއްވަވާފައިވާ މީހުން އެއްތަން ކުރައްވާނެ.“
ވައްތީނި ގަހާއިމެދު ވިދާޅުވި މާނަފުން ބަސްފުޅު
32 ”ވައްތީނި ގަހުން ފިލާވަޅެއް ލިބިގަނޭ. އެގަހުގެ އޮފިތައް ނުކުމެ ފެހިކަން އައިސް ފަތްތައް ނުކުންނަން ފެށުމުން ހޫނުމޫސުން ވަނީ ކައިރީގައިކަން ތިޔަބައިމީހުންނަށް އެނގޭނެ.
33 މިގޮތުގެ މަތީން ބަޔާންވެ ދިޔަ ކަންތައްތައް ވާން ފެށުމުން އެކަލޭގެފާނު އެނބުރި ވަޑައިގަތުމަށް ދޮރާށި ކައިރީގައި ތައްޔާރަށް ހުންނަވާނެ ވަގުތު ވަރަށް ކައިރި ވެއްޖެކަން ތިޔަބައިމީހުންނަށް އެނގޭނެ.
34 އަހަރެން މިބުނަނީ ތެދެއް. މި ޖީލު ނެތި ދިއުމުގެ ކުރިން މި ހުރިހާ ކަމެއް ހިނގާނެ.
35 އުޑާއި ބިން ނެތިގެން ދާނެ. އެކަމަކު އަހަރެންގެ ބަސްތައް ނެތިގެނެއް ނުދާނެ.“
އީސާގެފާނު އެނބުރި ވަޑައިގަންނަވާނީ ކޮންއިރަކުން؟
36 ”އެހެންނަމަވެސް މި ޙާދިސާތައް ހިނގާނެ ވަގުތާއި ދުވަސް އެއީ އެއްވެސް ފަރާތަކަށް އެނގިގެންވާ ކަންތައްތަކެއް ނޫން. އެއީ އުޑުގައިވާ މަލާއިކަތުން ކަމުގައިވިއަސް ނޫނީ ދަރިކަލުން ކަމުގައިވިއަސް. ހަމައެކަނި މިކަންތައްތައް ދެނެވޮޑިގެންވަނީ މަތިވެރި ބައްޕާފުޅު.
37 އިންސާނާގެ ދަރިކަލުން ވަޑައިގަންނަވާއިރު ކަންތައްތައް ހިނގައިދާނީ ނޫޙުގެފާނުގެ ޒަމާނުގައި ކަންތައްތައް ހިނގައި ދިޔަ ފަދައިން.
38 ނޫޙުގެފާނު ނައުކޮޅަށް އަރާ ވަޑައިގަންނަވާންދެން މީސްތަކުން ކައިބޮއި، މީހުންނާއި އިނދެ އަދި އެބައިމީހުންގެ ދަރިން ކައިވެނިކުރުވާ ހެދި.
39 ފެނުގެ ތޫފާން ކުރިމަތިވެ އެބައިމީހުން ނެތި ދިއުމަށް ދާންދެން އެބައިމީހުންނަށް ހިނގައިދާނޭ ޙާދިސާ އާއި މެދު އެއްވެސް އެއްޗެއް އެނގިގެން ނުވި. އިންސާނާގެ ދަރިކަލުން ފައުޅުވާހިނދުގައި ވެސް ކަންތައްތައް ހިނގައިދާނީ މިފަދައިން.
40 ދެ މީހަކު ދަނޑުގައި ތިބޭނެ. އޭގެތެރެއިން އެކަކު ބަހައްޓާފައި އަނެކަކު ގެންދާނެ.
41 ދެ އަންހެނަކު ގޮވާން މުގުރަން ތިބޭނެ. އޭގެ ތެރެއިން އެކަކު ބަހައްޓާފައި އަނެކަކު ގެންދެވޭނެ.
42 ވީމާ ހޭލާ ތިބޭ! އެހެނީ ތިޔަބައިމީހުންގެ މާތްސާހިބާ ވަޑައިގަންނަވާނީ ކޮން ވަގުތެއްގައިކަން ތިޔަބައިމީހުންނަށް އެނގިގެން ނުވޭ.
43 ރޭގަނޑުގައި ވަގު އަންނާނޭ ވަގުތު ގޭގެ ވެރިފަރާތަށް އެނގޭނަމަ އޭނާ އެކަމަށް ސަމާލުކަން ދޭނެ. އަދި އެ ވަގު ގެއަށް ވަނަކަ ނުދޭނެ.
44 ވީމާ ތިޔަބައިމީހުން ވެސް ތައްޔާރުގައި އަބަދުވެސް ތިބޭ. އެހެނީ އެކަލޭގެފާނު ވަޑައިގަންނަވާނީ ހިތަށް ވެސް ނުގެނެވޭ ފަދަ ވަގުތެއްގައި.“
ވަފާތެރި ޚާދިމަކާއި ނުބައި ޚާދިމަކު
45 ”ސާހިބުމީހާގެ އިތުބާރު ލިބި އަދި ގޭބިސީގައިވާ އެހެނިހެން ޚާދިމުންނަށް ކަނޑައެޅިފައިވާ ވަގުތު ތަކުގައި ކާންދިނުމުގެ ފުރިހަމަ ޒިންމާ އުފުލޭފަދަ ބުއްދިވެރި އަދި ތެދުވެރި ޚާދިމަކީ ކާކު؟
46 ސާހިބުމީހާ އެނބުރި އައި ހިނދު ޚާދިމު ފުރިހަމައަށް މަސައްކަތްތައް ކޮށްފައިވާނަމަ ހާދިމުމީހާ އަށް އުފާވެރިކަން ލިބޭނެއެވެ.
47 އަހަރެން މިބުނަނީ ތެދެއް. ސާހިބު މީހާ، އޭނާގެ ހުރިހާ މުދަލެއްގެ މައްޗަށް މި ޚާދިމު އިސްކުރާނެ.
48 ނަމަވެސް ނުބައި ޚާދިމަކު މިފަދައިން ވިސްނާނެ. ’އަހަރެންގެ ސާހިބުމީހާ އަވަހަކަށް ނާންނާނެ.‘
49 އަދި އެހެނިހެން ޚާދިމުންނަށް އަނިޔާކޮށް، މަޖާކޮށް ރާބޮއި މަސްތުވެ މިފަދަ އެންމެހާ ކަންތައްތައް ކުރާނެ.
50 ނަމަވެސް އެ ޚާދިމުގެ ސާހިބުމީހާ އޭނާ ހީވެސް ނުކުރާފަދަ ވަގުތެއްގައި އެނބުރި އަންނާނެ.
51 އެ ހިނދު އެ ޚާދިމުގެ ހަށިގަނޑު ކަނޑާ ފޮތިފޮތިކޮށްފަ ދެފުށް ދެގޮތް މީހުން އެއްލާލެވޭ ތަނަށް އެއްލާލެވޭނެ. އެއީ މީސްތަކުން ރޮއި ލިބޭ ވޭނުން ދަތް ކުނޑިވިކަމުން ދާ ތަނެއް.“