25
ބިކުރުވެރި ދިހަ އަންހެންކުދިންގެ މާނަފުން ވާހަކަ
1 ”އެ ހިނދު މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ މިފަދައިން. ދިހަ ބިކުރުވެރި އަންހެންކުދިން އެކުދިންގެ ތެޔޮބައްތިތައް ނަގާ އެ ބައްތިތައް ދިއްލައިގެން އަލަތު ކައިވެނިވާ ފިރިހެނާއާއި ބައްދަލުކުރަން ދިއުމަށް ނުކުތް.
2 އެކުދިންގެ ތެރޭގައި ތިބީ ނުވިސްނޭ ފަސްކުދިންނާއި ވިސްނޭ ފަސްކުދިން.
3 ނުވިސްނޭ ފަސް އަންހެން ކުދިން އެކުދިންގެ ބައްތިތައް ގެނައި. ނަމަވެސް ބައްތިތަކަށް އަޅާނެ އިތުރު ތެލެއް ނުގެނޭ.
4 ވިސްނޭ ފަސް އަންހެން ކުދިން ދިޔައީ ބައްތިތަކާއެކު އިތުރު ތެޔޮފުޅިތައް ވެސް ހިފައިގެން.
5 އަލަތު ކައިވެނިވާ ފިރިހެނާ އައުން ލަސްވުމާއެކު އެ ކުދިން ނިދިއައުމުން އެ ކުދިން ނިދި.
6 ދަންވަރުގެ ވަގުތު މީހަކު ގޮވަންފެށި. ’އަލަތު ކައިވެނިވާ ފިރިހެނާ އެބައާދޭ! އޭނާއަށް މަރުހަބާ ކިޔުމަށް ތައްޔާރު ވޭ!‘
7 އެ އަންހެން ކުދިން ނިދިން ހޭލައި އެކުދިންގެ ބައްތިތައް ދިއްލައި ތައްޔާރުވި ހިނދު
8 ނުވިސްނޭ ފަސް އަންހެންކުދިން ވިސްނޭ ފަސް އަންހެން ކުދިންނަށް ބުނަމުން ގެންދިޔަ. ’ކަލޭމެންގެ އަތުން ކުޑަ ތެޔޮ ފޮދެއް އަހަރެމެންނަށް ދީ! އަހަރެމެންގެ ބައްތިތައް މިވަނީ ނިވެން ކައިރިވެފައި!‘
9 ވިސްނޭ ފަސްއަންހެން ކުދިން ޖަވާބުދިން. ’ނޫން. ތިޔަހެނެއް ނުހެދޭނެ! ކަލޭމެންނަށާއި އަހަރެމެންނަށް ފުދޭނެ މިންވަރަށް އަހަރެމެންގެ އަތުގައި ތެލެއް ނެތް. ކަލޭމެން ފިހާރަޔަކަށް ގޮސް ތެޔޮގަނެގެން އަންނަން ދޭ.‘
10 ދެން މި ނުވިސްނޭ ފަސް އަންހެން ކުދިން ތެޔޮ ގަތުމަށް ޓަކައި ފިހާރައަށް ދިޔަ. އެ ވަގުތު އަލަތު ކައިވެނިވާ ފިރިހެނާ އައި. އަދި ތައްޔާރުވެ ތިބި ފަސް އަންހެން ކުދިން އަލަތު ކައިވެނިވާ ފިރިހެނާ އާއި އެކުގައި ކައިވެނީގެ ޙަފުލާއަށް ދިޔަ. އަދި އެތަނުގެ ދޮރު ބަންދުކޮށް ތަޅުލި.
11 މި ނުވިސްނޭ ފަސް އަންހެން ކުދިން ތެޔޮ ގަނެގެން އައިސް ގޮވި. ’ސާހިބާ! ސާހިބާ! އަހަރެމެން އެތެރެއަށް ވައްދާ!‘
12 ނަމަވެސް އަލަތު ކައިވެނިވާ ފިރިހެނާ ޖަވާބުދިން. ’އަހަރެން މިބުނަނީ ތެދެއް. އަހަރެންނަކަށް ކަލޭމެން ތީ ކޮންބައެއް ކަމެއް ވެސް ނޭނގޭ.‘“
13 އީސާގެފާނު މި މާނަފުން ވާހަކަ މިފަދައިން ވިދާޅުވެ ނިންމަވާލައްވަމުން ވިދަޅުވިއެވެ. ”އަބަދުވެސް ތައްޔާރުގައި ތިބޭ! މި ހުރިހާ ކަމެއް ހިނގައިދާނީ ކޮން ދުވަހެއްގައި، ކޮން ވަގުތެއްގައިކަން، ތިޔަބައިމީހުންނަކަށް ނޭނގޭނެ.“
ތިން ޚާދިމުންގެ މާނަފުން ވާހަކަ
14 ”މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ މިފަދައިން. މީހަކު ދުރު ދަތުރަކަށް ދިއުމަށް ޓަކައި ތައްޔާރުވެ އޭނާގެ މިލްކުގައިވާ ހުރިހާ ތަކެއްޗެއްގެ މައްޗަށް އޭނާގެ ތިން ޚާދިމުން ވެރިކުރުވި.
15 ކޮންމެ ޚާދިމަކަށް ވެސް އޭނާ ޙަވާލުކުރީ އެމީހެއްގެ ގާބިލުކަން ހުރި މަސައްކަތެއް. އޭގެތެރެއިން އެއް ޚާދިމަށް ފަސްހާސް ރަން ފައިސާފޮތި އޭނާ ދިން. އަނެއް ޚާދިމަށް ދެހާސް ރަން ފައިސާފޮތި އޭނާ ދިން. އަދި ދެން ހުރި ޚާދިމަށް ރަނުގެ އެއްހާސް ރަން ފައިސާފޮތި ދިން. ދެން އޭނާ އޭނާގެ ދަތުރު ފެށި.
16 ފަސްހާސް ރަން ފައިސާފޮތި ހަވާލުކުރެވުނު ޚާދިމު އަވަހަށް ގޮސް އެ ފައިސާއިން އިތުރަށް ފަސްހާސް ރަން ފައިސާފޮތީގެ ފައިދާ ހޯދި.
17 ހަމަ މި ގޮތަށް ދެހާސް ރަން ފައިސާފޮތި ހަވާލުކުރެވުނު ޚާދިމު އެ ފައިސާއިން އިތުރަށް ދެހާސް ރަން ފައިސާފޮތީގެ ފައިދާ ހޯދި.
18 ނަމަވެސް އެއްހާސް ރަން ފައިސާފޮތި ހަވާލުކުރެވުނު ޚާދިމު ގޮސް ސާހިބާގެ ފައިސާ ބިމުގައި ވަޅުލައި ފޮރުވި.
19 އޭގެ ވަރަށް ގިނަ ދުވަސްތަކެއްގެ ފަހުން ސާހިބު މީހާ އެނބުރި އައި. އަދި ތިން ޚާދިމުންގެ ކައިރީގައި އޭނާގެ ފައިސާއިން އެބައިމީހުން ކުރީ ކޮންކަމެއްތޯ އެހި.
20 ފަސްހާސް ރަންފައިސާފޮތި ހާވަޅުކުރެވުނު ޚާދިމު އައިސް ބުނި. ’ސާހިބާ އަޅުގަނޑާ ހަވާލުކުރީ ފަސްހާސް ފައިސާފޮތި. މިހިރީ އަޅުގަނޑު ވިޔަފާރިކޮށްގެން ހޯދި އިތުރު ފަސްހާސް ފައިސާފޮތި.‘
21 ސާހިބުމީހާ ބުނި. ’ވަރަށް ރަނގަޅު. ކަލެއަކީ ރަނގަޅު ވަފާތެރި ޚާދިމެއް. ކަލޭ ކުޑަ ފައިސާގެ މިންވަރަށް ވަފާތެރިވި. އެހެންވެ އަހަރެން ކަލެއާ ގިނަ މުދާތައް ހަވާލު ކުރާނަން. އަހަރެންގެ ކައިރިއަށް އައިސް އަހަރެންގެ މި އުފަލުގައި ބައިވެރިވޭ.‘
22 އެއަށް ފަހު ދެހާސް ރަން ފައިސާފޮތި ހާވަޅުކުރެވުނު ޚާދިމު އައިސް ސާހިބުމީހާއަށް ބުނި. ’ސާހިބާ އަޅުގަނޑާ ހަވާލުކުރީ ދެހާސް ފައިސާފޮތި. މިހިރީ އަޅުގަނޑު ވިޔަފާރިކޮށްގެން ހޯދި އިތުރު ދެހާސް ފައިސާފޮތި.‘
23 ސާހިބުމީހާ ބުނި. ’ވަރަށް ރަނގަޅު. ކަލެއަކީ ރަނގަޅު ވަފާތެރި ޚާދިމެއް. ކަލޭ ކުޑަ ފައިސާގެ މިންވަރަށް ވަފާތެރިވި. އެހެންވެ އަހަރެން ކަލެއާ ގިނަ މުދާތައް ހަވާލު ކުރާނަން. އަހަރެންގެ ކައިރިއަށް އައިސް އަހަރެންގެ މި އުފަލުގައި ބައިވެރިވޭ.‘
24 އެއަށް ފަހު އެއްހާސް ރަން ފައިސާފޮތި ހާވަޅުކުރެވުނު ޚާދިމު އައިސް ސާހިބުމީހާއަށް ބުނި. ’ސާހިބާ. އަޅުގަނޑަށް ސާހިބާގެ ހަރުކަށިކަން އެނގޭ. ސާހިބާ ހައްދާފައި ނުވާ ދަނޑުން ގޮވާން ކަނޑާ. އަދި ސާހިބާ ފަސްގަނޑު ނުޖަހާ ބިމުން ފަޅާ ގަހުން ގޮވާން އެއްކުރޭ.
25 އެހެންވެ އަޅުގަނޑު ބިރުން ސާހިބާގެ ފައިސާ ގެންގޮސް ބިމުގައި ވަޅުލައި ފޮރުވީން. މިއޮތީ ސާހިބާގެ އެއްހާސް ރަން ފައިސާފޮތި.‘
26 ސާހިބުމީހާ ބުނި. ’ކަލެއަކީ ނުބައި އަދި ކަންނެތް ޚާދިމެއް! އަހަރެން ހައްދާފައި ނުވާ ދަނޑުން ގޮވާން ކަނޑާ ކަމާއި އަދި އަހަރެން ފަސްގަނޑު ނުޖަހާ ބިމުން ފަޅާ ގަހުން ގޮވާން އެއްކުރާކަން ކަލޭ ދަނޭ.
27 ދެން އެހެންވީރު އަހަރެންގެ ފައިސާ ކަލޭ ބެންކެއްގައި ބެހެއްޓި ނަމަ އެންމެ ކުޑަމިނުން އަހަރެން އައުމުން އޭގެ ފައިދާ އަހަރެންނަށް ލިބުނީ ހެއްނޫން؟‘
28 ދެން ސާހިބުމީހާ އޭނާގެ އެހެން ޚާދިމުންނަށް ބުނި. ’އޭނާގެ އަތުގައިވާ އެއްހާސް ރަނުގެ ފައިސާފޮތި އަތުލާ ދިހަހާސް ފައިސާފޮތި ހުރި މީހާއަށް ދީ.
29 އެމީހަކާ ހަވާލުކުރެވޭ އެއްޗެއް ރަނގަޅު ގޮތުގައި ބޭނުން ކުރާ މީހާއަށް ފުދި އިތުރަށް ލިބޭނެ. އެމީހަކު އޭގެ ބޭނުން ރަނގަޅު ގޮތުގައި ނުކުރާ މީހެއްގެ އަތުގައި ހުރި އެތިކޮޅުވެސް އަތުލެވޭނެ.
30 މި ބޭކާރު ޚާދިމު ބޭރުގެ އަނދިރި ގަނޑުގެ ތެރެއަށް އެއްލާލާ! އެތަނުގައި ލިބިދޭ ވޭނުން މީހުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާނެ.‘“
އެންމެ ފަހުގެ ހިސާބު ބެއްލެވުން
31 ”އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ މަތިވެރިކަމާއެކު އެކަލޭގެފާނުގެ މަލާއިކަތުންނާއިއެކު ވަޑައިގެން އެކަލޭގެފާނުގެ ޝާހީ ތަޚުތުކޮޅުގައި އިށީނދެ ވަޑައިގެން އިންނަވާނެ.
32 އަދި އެންމެހާ ޤައުމުތަކުގެ މީސްތަކުން އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ގެނެވޭނެ. އެ ހިނދު އެކަލޭގެފާނު އެ މީސްތަކުން ދެބައިކުރައްވާނެ. އެއީ ބަކަރި ހުއިހައްޕާ މީހަކު ކަންބަޅި އާއި ބަކަރި ވަކިކުރާ ފަދައިން.
33 އަދި އެކަލޭގެފާނުގެ ކަނާތްފަރާތަށް ކަންބަޅިތައް ލައްވައި ވާތްފަރާތަށް ބަކަރިތައް ލައްވާނެ.
34 ދެން ރަސްގެފާނު އެމަނިކުފާނުގެ ކަނާތްޕުޅު ފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’އަހަރެންގެ ބައްޕާފުޅު ތިޔަބައިމީހުންނަށް ބަރަކާތް ލައްވައިފި! ދުނިޔެ އުފެއްދެވުމުގެ ކުރިން ތިޔަބައިމީހުންނަށް ޓަކައި ތައްޔާރު ކުރެވިފައިވާ ރަސްކަން ލިބިގަތުމަށް އާދޭ.
35 އަހަރެން ބަނޑުހައިވެފައިވީ ހިނދު ތިޔަބައިމީހުން އަހަރެންނަށް ކާން ދިނީން. އަހަރެން ކަރުހިއްކައިގެންފައިވީ ހިނދު އަހަރެންނަށް ބޯނެ ފެންފޮދެއް ދިން. އަހަރެން ބީރައްޓެއްސެއްގެ ގޮތުގައި ވީހިނދު ތިޔަބައިމީހުންގެ ގޭގައި ބަހައްޓައިދިން.
36 އަހަރެން އޮރިޔާން ޙާލުގައި ވީހިނދު އަހަރެންގެ އައުރަ ނިވާކުރުމަށް ޓަކައި ފޭރާން ދިން. އަހަރެން ބަލިމަޑު ކަމުގައިވީ ހިނދު އަހަރެންނާއި މެދު ތިޔަބައިމީހުން އަޅާލުން ބެހެއްޓި. އަދި އަހަރެން ޖަލުގައި ހައްޔަރުވި ހިނދު އަހަރެންގެ ކައިރިއަށް ތިޔަބައިމީހުން ޒިޔާރަތް ކުރި.‘
37 ދެން އެ ޞާލިޙުން ރަސްގެފާނަށް ދަންނަވާނެ. ’އޭ ސާހިބު މަނިކުފާނު! އަޅުގަނޑުމެން ކޮން އިރަކުތޯ ތިޔަ މަނިކުފާނު ބަނޑުހައިކަން މަތީ ހުންނަވަނިކޮށް ފެނިގެން ފަރިއްކޮޅު އެރުވީ؟ ފެންބޮވައިގެން ހުންނަވަނިކޮށް ފެންފޮދު އެރުވީ؟
38 ތިޔަ މަނިކުފާނު ބީރައްޓެއްސެއްގެ ގޮތުގައި ހުންނަވަނިކޮށް އަޅުގަނޑުމެންގެ ގެޔަށް ވެދެވަޑައިގަތުމަށް ދެންނެވީ؟ އޮރިޔާން ހާލުގައި ވަނިކޮށް ހެނދުންކޮޅެއް އެރުވީ؟
39 އަދި މަނިކުފާނު އާލާސްކަންފުޅާ އޮންނަވަނިކޮށް ނުވަތަ ޖަލުގައި އޮންނަވަނިކޮށް ޒިޔާރަތް ކުރީ؟‘
40 ރަސްގެފާނު ޖަވާބުގައި ވިދާޅުވާނެ. ’އަހަރެން މިބުނަނީ ތެދެއް. މީސްތަކުންގެ ތެރޭން އަހަރެންނަށް އިމާންވާ އެންމެ ދެރަ މީހާއާ މެދު އެފަދަ ކަމެއް ކުރިޔަސް އެކަމެއް އެކޮށްދެވުނީ އަހަރެންނަށް.‘
41 އެއަށް ފަހު ރަސްގެފާނުގެ ވާތްފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’އަހަރެންގެ ކައިރިން ދުރަށް ދޭ. ކަލޭމެން ވަނީ މާތްރަސްކަލާނގެ ކޯފާގެ ދަށުގައި! ޝައިތާނާ އަށާއި އޭނާގެ ބައިވެރިންނަށް ތައްޔާރު ކުރެވިފައިވާ ނިމުމެއް ނުވާ އަލިފާނުގެ ތެރެއަށް ވެއްޓިގަތުމަށް ދޭ.
42 އަހަރެން ބަނޑުހައި ހައިހޫނު ކަމުގައި ވީ ހިނދު އަހަރެންނަށް ކާނޭ އެއްޗެއް ކަލޭމެން ނުދިން. ފެންބޮވާފައިވީ ހިނދު ކަލޭމެން ބޯނެ ފެންފޮދެއް ނުދިން.
43 އަހަރެން ބީރައްޓެއްސެއްގެ ގޮތުގައި ވީހިނދު ކަލޭމެން އަހަރެންނަށް މަރުޙަބާއެއް ނުކިޔަމު. އަހަރެން އޮރިޔާން ޙާލުގައި ވީހިނދު ކަލޭމެން އަހަރެންގެ އައުރަ ނިވާކުރުމަށް ފޭރާމެއް ނުދިން. އަހަރެން ބަލިމަޑުކަމުގައްޔާއި އަދި ޖަލުގައި ހައްޔަރުވި ހިނދު ކަލޭމެން އަހަރެންގެ ކައިރިއަށް ޒިޔާރަތްކޮށް އަޅައެއް ނުލާ.‘
44 އެއަށް ފަހު އެބައިމީހުން އަހާނެ. ’އޭ ސާހިބު މަނިކުފާނު! އަޅުގަނޑުމެން މަނިކުފާނު ބަނޑުހައިފުޅުވެފައި ވަނިކޮށް ދުށީ ކޮން އިރަކުތޯ؟ އަދި މަނިކުފާނު ފެންބޮވައިގެންފައި ވަނިކޮށް، ނޫނީ ބީރައްޓެއްސެއްގެ ގޮތުގައި ވަނިކޮށް، ނޫނީ ބަލިވެ އޮންނަވަނިކޮށް، ނޫނީ ޖަލުގައި އޮންނަވަނިކޮށް އަޅާނުލާފައި ވަނީ ކޮން އިރަކުތޯ؟‘
45 ރަސްގެފާނު އެބައިމީހުންނަށް ވިދާޅުވާނެ. ’އަހަރެން މިބުނަނީ ތެދެއް. ކަލޭމެން އަހަރެންނަށް އިމާންވާ މީހުންގެ ތެރެއިން އެންމެ ދެރަމީހަކަށް ވެސް އެފަދަ ކަމެއް ކޮށް ނުދީފިނަމަ އެކަމެއް ކޮށް ނުދެވުނީ ތިމަން މަނިކުފާނަށް.‘“
46 އެއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”މިފަދަ މީހުން އަބަދުގެ އަބަދަށް ޢުޤޫބާތުގައި ދެމިގެންވާނެ. ނަމަވެސް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެންވާ ހުރިހާ އެންމެންނަށް ނިމުންނުވާ ޙަޔާތެއް ލިބިދޭނެ.“