26
އީސާގެފާނު އަވަހާރަ ކޮށްލެއްވުމަށް ރޭވުން
އީސާގެފާނު މި ހުރިހާ ތަކެއްޗެއް އުނގަންނަވައި ދެއްވައި ނިންމަވާ ލެއްވުމަށް ފަހު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠މާދަމާ ނޫން އަނެއް ދުވަހަކީ ފަހަނަޅައި ދިއުމުގެ ޢީދު ދުވަސްކަން* ތިޔަބައިމީހުން ދަންނާނެ. އެދުވަހަކީ އިންސާނާގެ ދަރިކަލުން ސަލީބަށް އެރުވުމަށް ޓަކައި އެކަލޭގެފާނުގެ އަދުއްވުންގެ އަތްމައްޗަށް ދޫކޮށްލެވޭނޭ ދުވަސް.⁠“
އެ ހިނދު ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އުއްތަމަ އިމާމު ކައިފާސްގެ ގަނޑުވަރަށް އެއްތަންވިއެވެ. އަދި ސިއްރިއްޔާތުގައި އީސާގެފާނު ހައްޔަރުކޮށް އަވަހާރަ ކޮށްލެވޭނޭ ގޮތަކާއި މެދު ރޭވިއެވެ. ނަމަވެސް އެބައިމީހުން ބުންޏެވެ. ”⁠މި ޢީދުގެ ތެރޭގައި އަހަރެމެން އެކަންތައް ކޮށްގެން ނުވާނެ. ނޫންނަމަ މީހުން އަރައިގަނެ ހައިޖާނު ހައްދަފާނެ.⁠“
ބެތާނިޔާގައި އީސާގެފާނުގެ ޖަނާޒާއަށް ހުވަނދު ލެއްވުން
އީސާގެފާނު ބެތާނިޔާގައި ސިމްޢާނުގެ ގޭގައި ފަރިއްކުޅުއްވަން އިންނެވިއެވެ. އޭނާއަކީ މީގެ ކުރިން ޖުޒާމު ބަލި ޖެހިފައިވީ މީހެކެވެ. އެ ހިނދު ވަރަށް އަގުބޮޑު ކުރިކީލަ އަތަރު ފުޅިއެއް ހިފައިގެން އަންހެނަކު އައިސް އީސާގެފާނު ފަރިއްކުޅުއްވަމުން ގެންދެވި ހިނދު އެކަލޭގެފާނުގެ އިސްތަށިފުޅަށް އަތަރު އޮއްސިއެވެ.
އެ އަންހެނާގެ އަމަލުތައް އެކަލޭގެފާނުގެ އަސްޙާބީންނަށް ފެނި އެކަނބުލޭގެ ދެކެ ރުޅިއައިސް މިފަދައިން ޝަކުވާ ކުރިއެވެ. ”⁠އެފަދަ އަގުބޮޑު އަތަރެއް މިފަދައިން އިސްރާފު ކުރަނީ ކީއްވެ؟ އަހަރެމެންނަށް މި އަތަރުފުޅި ނުހަނު އަގުބޮޑުކޮށް ވިއްކާލެވިދާނެ. އަދި އެ ފައިސާ ފަގީރުންނަށް ދެވިދާނެ.⁠“
10 އީސާގެފާނު އެމީހުންގެ ވިސްނުން ދެނެވަޑައިގަންނަވާ ވިދާޅުވިއެވެ. ”⁠މި އަންހެނާގެ އަމަލުތަކާއި މެދު ތިޔަބައިމީހުން ކަންތައް ބޮޑުވާންވީ ކީއްވެ؟ އަހަރެންނަށް ޓަކައި އެކަނބުލޭގެ އެ ކުރީ ނުހަނު ރަނގަޅު އަދި އެހާމެ ހެޔޮ ކަމެއް. 11 ތިޔަބައިމީހުންނާއި އެކުގައި އަބަދުވެސް ފަޤީރުން ވާނެ. ނަމަވެސް ތިޔަބައިމީހުންނާއި އެކުގައި އަބަދަކު އަހަރެންނެއް ނުހުންނާނެ. 12 އެ ކަނބުލޭގެ އަހަރެންގެ ހަށިގަނޑަށް މި އަތަރު އޮއްސައި ދެނީ އަހަރެންގެ ޖަނާޒާއަށް އަހަރެން ތައްޔާރު ކުރުމަށްޓަކާއި. 13 އަހަރެން މިބުނަނީ ތެދެއް. ދުނިޔޭގެ ކޮންމެ ތަނެއްގައި ހެޔޮޚަބަރުފުޅުން ވަޢުޡު އިއްވެމުން ދާހިނދު އެކަނބުލޭގެ އެކުރި ކަންތައްތަކުގެ ހަނދާން އާ ކުރެވެމުން ދާނެ.⁠“
ޔުދާސް އީސާގެފާނަށް ޚިޔާނާތްތެރި ވުމަށް އެއްބަސްވުން
14‏-15 އީސާގެފާނުގެ ބާރަ އަސްޙާބީންގެ ތެރެއިން ޔުދާސް އިސްކަރިޔޮތު ބޮޑު އިމާމުންގެ ކައިރިއަށް ގޮސް ބުންޏެވެ. ”⁠އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި އަހަރެން ތިޔަބައިމީހުންނަށް އެހީތެރިވެދީފިނަމަ ތިޔަބައިމީހުން އަހަރެންނަށް ކިހާވަރަކަށް ފައިސާ ދޭނަން؟⁠“ އެބައިމީހުން ޔުދާސް އިސްކަރިއޮތަށް ތިރީސް ރިހި ލާރި ދިނެވެ. 16 އެއަށް ފަހު އީސާގެފާނަށް ޚިޔާނާތްތެރިވެ، އެކަލޭގެފާނު ހައްޔަރުކުރުވޭނެ ރަނގަޅު ފުރުސަތަކަށް އޭނާ ބަލަމުން ގެންދިޔައެވެ.
އީސާގެފާނު ފަހަނަޅައި ދިއުމުގެ ޢީދުގެ ޖާފަތުގައި އެކަލޭގެފާނުގެ އަސްޙާބީންނާއި އެކުގައި ފަރިއްކުޅުއްވުން
17 ކަމީރުނުލާ ބޯރޮށީގެ ޢީދުގެ ފުރަތަމަ ދުވަހު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން އަޅުގަނޑުމެން ތައްޔާރު ކުރުމަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީ ކޮންތަނެއްގައި ތޯ؟⁠“
18 އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ސަހަރުގެ ތެރެއަށް ވަދެގެން ދާހިނދު، ތިޔަބައިމީހުންނާއި މީހަކު ދިމާވާނެ. އެމީހާއަށް ބުނޭ. ’⁠އެދުރުކަލޭގެފާނު ވިދާޅުވިއޭ. އެކަލޭގެފާނުގެ ވަގުތު މިވަނީ އައިސްފައޭ. އަދި ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން ތިމަންކަލޭގެފާނުގެ އަސްޙާބީންނާއި އެކުގައި ތިބާގެ ގޭގައި ކާން ބޭނުމޭ.⁠‘⁠“ 19 އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނު ވިދާޅުވި ފަދައިން އަމަލު ކުރިއެވެ. އަދި ފަހަނަޅައި ދިއުމުގެ ޢީދުގެ ފަރިއްކޮޅުގެ ކަންތައް އެގޭގައި އިންތިޒާމު ކުރިއެވެ.
20 އިރުއޮއްސި ދިޔަ ހިނދު އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއި އެކުގައި މޭޒު ދޮށުގައި އިށީނދެ ވަޑައިގަތެވެ. 21 އެބައިމީހުން ކާންފެށި ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުންގެ ތެރެއިން އެކަކު އަހަރެންނަށް ޚިޔާނާތްތެރިވާނެ.⁠“
22 އެބޭކަލުން ނުހަނު ދެރަވެ އަދި ކޮންމެ ބޭކަލަކު ވެސް އީސާގެފާނަށް ދަންނަވަމުން ގެންދިޔައެވެ. ”⁠މާތްސާހިބާ، ހަމަ ޔަޤީނުން ވެސް އަޅުގަނޑަކީ ކަލޭގެފާނާއި ދެކޮޅުވެރި ވާނޭ މީހެއްމެ ނޫން.⁠“
23 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠މި ހިނދު އަހަރެންނާއި އެކުގައި މި ކޭން ކެއުމަށް ބޯތަށީގެ ތެރެއަށް އަތްކޮއްޕި ތިޔަބައިމީހުންގެ ތެރެއިން މީހަކު އަހަރެންނަށް ޚިޔާނާތްތެރިވާނެ. 24 މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެންވާ ފަދައިން އިންސާނާގެ ދަރިކަލުން އަވަހާރަވާނެ. ނަމަވެސް އަހަރެންނަށް ޚިޔާނާތްތެރި ވާނެ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! އެފަދަ މީހަކަށް އޭނާ ދުނިޔެއަށް އުފަން ނުވިނަމަ މާ ރަނގަޅުވީސް.⁠“
25 އީސާގެފާނަށް ޚިޔާނާތްތެރިވާނެ ފަރާތް ކަމުގައިވާ ޔުދާސް ވެސް އެކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. އެއީ އަޅުގަނޑު ތޯ؟⁠“
އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ތިބާ ތިޔަ ބުނީ ރަނގަޅަށް.⁠“
މާތް ސާހިބާ އާއި އެއްބައިވަންތަ ވުމުގެ ފަރިއްކޮޅު
26 އެބައިމީހުން ކާން ތިބި ހިނދު އީސާގެފާނު ބޯރޮއްޓެއް ނަންގަވައި، އެ ރޮއްޓަށް މާތްރަސްކަލާނގެ ބަރަކާތް ލެއްވުމަށް އެދި ދަންނަވައި އެ ރޮށި ފަޅިކޮށްލެއްވިއެވެ. އަދި އެކަލޭގެފާނު ނެންގެވި ބޯރޮށި އެތި ކޮޅުކޮޅަށް ބައިކުރައްވައި މިފަދައިން ވިދާޅުވެ އެކަލޭގެފާނުގެ އަސްޙާބީންނަށް ދެއްވިއެވެ. ”⁠މި ރޮށިކޮޅު ނަގައި ކާލާ. މިއީ އަހަރެންގެ ހަށިގަނޑު.⁠“
27 އެއަށް ފަހު އެކަލޭގެފާނު މޭބިސްކަދުރުގެ ދިޔަ ތައްޓެއް ނަންގަވައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރައްވައި މިފަދައިން ވިދާޅުވެ އެކަލޭގެފާނުގެ އަސްޙާބީންނަށް ދެއްވިއެވެ. ”⁠ތިޔަ ބޭކަލުންގެ ތެރެއިން ކޮންމެ ބޭކަލަކު ވެސް މި ތަށިން ދިޔަ ފޮދެއް ބޯލާ. 28 މިއީ، އަހަރެންގެ ލޭ. އެހެނީ މި ލެއަކީ އެ ލެއަކުން އެތައް ބަޔެއްގެ ފާފަ ޢަފޫކުރެވުމަށްޓަކައި އޮހޮރިގެން ދާނެ އަހަރެންގެ ލޭ. އަދި މީސްތަކުންނާއި މާތްރަސްކަލާނގެއާއި ދެމެދުގައި ގާއިމު ކުރެވޭނޭ އާ ޢަހުދުނާމާ. 29 އަހަރެން ބުނަން. މި މޭބިސްކަދުރުގެ ދިޔަ އަހަރެންގެ ބައްޕާފުޅުގެ ރަސްކަންފުޅުގައި ތިޔަބައިމީހުންނާ އެކު ބުއިމުގެ ކުރިޔަކުން ދެނެއް ނުބޯނަން.⁠“
30 ދެން އެބޭކަލުން ހަމްދާ ސަނާގެ ލަވައެއް ކިޔުމަށް ފަހު ޒައިތޫނި ފަރުބަދަ މައްޗަށް ދިޔައެވެ.
31 އެވަގުތު އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠މި ރޭ ނިމުމުގެ ކުރިން އަހަރެންނާ ހެދި ތިޔަ އެންމެން ވިއްސިވިހާލިވެގެން ދާނެ. އެހެނީ މާތްވެގެންވާ ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ: ’⁠ތިމަންކަލާނގެ ހުއިހައްޕާމީހާ ޤަތުލު ކުރާނަމޭ. އަދި ކަންބަޅިތައް އެތަންމިތަނަށް ފަތުރާލާނަމޭ.⁠‘+
32 ނަމަވެސް އަހަރެން މަރުވުމަށް ފަހު ދިރުއްވުމުން ތިޔަބައިމީހުންގެ ކުރިން ގަލީލީއަށް ގޮސް އެރަށުގައި ތިޔަބައިމީހުންނާއި ބައްދަލު ކުރާނަން.⁠“
33 އެ ހިނދު ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”⁠އެންމެން ސާހިބާ ދޫކުރައްވައި ދިޔަކަމުގައި ވިޔަސް އަޅުގަނޑު ސާހިބާ ދޫކޮށް ނުދާން.⁠“
34 އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. މިރޭ ފަތިހު ހާ ގޮވުމުގެ ކުރީން އަހަރެންނަކީ ތިބާ ދަންނަ ވެސް މީހެއް ނޫންކަމުގައި ތިން ފަހަރު ތިބާ ބުނާނެ.⁠“ 35 ޕަތަރަސް ދެންނެވިއެވެ. ”⁠ނޫން މާތްސާހިބާ، ކަލޭގެފާނާއިއެކުގައި ނިމި ދިޔަ ކަމުގައި ވިއަސް އަޅުގަނޑު ކަލޭގެފާނު ނުދަންނަ ކަމުގައި ނުބުނާނަން!⁠“ އަދި އެހެނިހެން އަސްޙާބީން ވެސް އެ ގޮތަށް ބުނެ ހުވާ ކުރިއެވެ.
ގަތުސެމާނޭގައި އީސާގެފާނު ދުޢާ ކުރެއްވުން
36 އެއަށް ފަހު އީސާގެފާނު އަސްޙާބީންނާއި އެކުގައި ގަތުސެމާނެއޭ ކިޔުނު ތަނަށް ވަޑައިގަތެވެ. އެތަނުގައި އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އަހަރެން މިތަނުގެ މައްޗަށް އަރާ ދުޢާ ކުރުމަށް ފަހު އެނބުރި އަންނަންދެން މިތަނުގައި އިށީނދޭ.⁠“ 37 އެކަލޭގެފާނާއި އެކުގައި ޕަތަރަސްއާއި ޒަބަދީގެ ދެދަރިން ކަމުގައިވާ ޔަމީޒާއި އަދި ޔޫޙަންނާ ގެންދެވިއެވެ. އެކަލޭގެފާނު ހިތާމަ އާއި ހިތްދަތި ކަމުގައި ވިއެވެ. 38 ދެން އެކަލޭގެފާނުގެ އަރިހުގައި ތިބި އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ހިތުގައިވާ ފުން ހިތާމަތައް އަހަރެން މަރުވުމެކޭ އެއްފަދަ ކުރުވާ. ތިޔަބައިމީހުން މިތަނުގައި އަހަންނާއެކު ހޭލާ ތިބޭ.⁠“
39 އެކަލޭގެފާނު ތަންކޮޅެއް ދުރަށް ވަޑައިގަންނަވާ އެކަލޭގެފާނުގެ މޫނުފުޅު ބިންމަތީގައި ޖައްސަވާ ދުޢާ ކުރެއްވިއެވެ. ”⁠ބައްޕާފުޅާ! ބައްޕާފުޅު އެދިވޮޑިގެންވާ ކަމެއް ކަމުގައި ވަނީނަމަ މި ވޭންދެނިވި ތަށި އަޅުގަނޑުގެ އަތުން ނަންގަވާ. ނަމަވެސް އަޅުގަނޑު އެދޭ ފަދަޔަކުން ނޫން. އެހެނަސް ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން.⁠“
40 އެއަށް ފަހު އެކަލޭގެފާނު އެ ތިން އަސްޙާބީންގެ ކައިރިއަށް އެނބުރި ވަޑައިގެންނެވި ހިނދު އެބޭކަލުންނަށް ވަނީ ނިދިފައެވެ. އަދި އެކަލޭގެފާނު ޕަތަރަސްއަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންނަށް އެއްގަޑިއިރު ވެސް ހޭލާ ނުތިބެވޭ ތަ؟ 41 ހޭލާ ތިބޭ! އަދި ވަސްވާސްތަކުގެ ތެރެއަށް ވެއްޓިގެންދިޔަ ނުދިނުމަށްޓަކައި ދުޢާކުރޭ. ތިޔަބައިމީހުންގެ ރޫޙު އެދެނީ ހެޔޮ އަމަލުތައް ކުރުމަށް. ނަމަވެސް ޖިސްމާނީ ގޮތުން ތިޔަބައިމީހުން ވަނީ ބަލިކަށިވެގެން.⁠“
42 އީސާގެފާނު ދެވަނަ ފަހަރު ވެސް ވަޑައިގެން ދުޢާ ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ބައްޕާފުޅާ! އިތުރު އެހެން ގޮތެއް މިކަމުގައި ނުވާނަމަ، އަޅުގަނޑު ވޭނުގައިވާން ޖެހޭނަމަ، އަޅުގަނޑު ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރާނަން.⁠“
43 އެއަށް ފަހު އީސާގެފާނު އެނބުރި ވަޑައިގެންނެވީ އެކަލޭގެފާނުގެ އަސްޙާބީންގެ ކައިރިއަށެވެ. އަދި މިފަހަރު ވެސް އެބޭކަލުންނަށް ވަނީ ނިދިފައެވެ. އެބޭކަލުންގެ ލޯތައް ހުޅުވައިގެން ތިބުމަށް އެބޭކަލުންނަށް ކުޅަދާނަ ވެގެން ނުވިއެވެ. 44 ދެން އީސާގެފާނު ތިންވަނަ ފަހަރަށް ދުޢާކުރެއްވުމަށް ވަޑައިގަތެވެ. އަދި ކުރީފަހަރުތަކުގައި ކުރެއްވި ދުޢާ އެކަލޭގެފާނު ތަކުރާރު ކުރެއްވިއެވެ.
45 އެއަށް ފަހު އީސާގެފާނު އަސްޙާބީންގެ ކައިރިއަށް ވަޑައިގަންނަވާ ވިދާޅުވިއެވެ. ”⁠އަދިވެސް އަރާމުގައި ނިދަނީތަ؟ އިންސާނާގެ ދަރިކަލުން ފާފަވެރިންގެ އަތްމައްޗަށް ދޫކޮށްލެވޭނޭ ވަގުތު މިވަނީ ޖެހިފަ. 46 ތެދުވެގެން ދަމާ ހިނގާ! އަހަރެންނަށް ޚިޔާނާތްތެރިވި ފަރާތް މިހާރު އެބަ އާދޭ.⁠“
އީސާގެފާނު ހައްޔަރު ކުރެއްވުން
47 އީސާގެފާނު އެބޭކަލުންނާއި ވާހަކަ ދައްކަވަން ހުންނަވަނިކޮށް އެކަލޭގެފާނުގެ ބާރަ އަސްޙާބީންގެ ތެރޭގައި ހިމެނިގެންވާ ޔުދާސް އެކަލޭގެފާނަށް ޚިޔާނާތްތެރިވެ، އަދި ކަނޑިއާއި މުގުރުބުރި ފަދަ ތަކެތި ހިފައިގެން ތިބި ގިނަ ބަޔަކާއި އެކު އެތަނަށް އައެވެ. މިބައިމީހުން އެތަނަށް ފޮނުވީ ބޮޑުއިމާމުންނާއި މީސްތަކުންގެ މައްޗަށް ވެރިކަން ހިންގަމުން ދިޔަ ބަނީއިސްރާއީލުންގެ ބޮޑުންނެވެ. 48 މި ޚިޔާނާތްތެރިޔާ، ޔުދާސް، އެމީހުންނަށް އަންގައިދީފައި ވަނީ މި އިޝާރާތުންނެވެ. ”⁠އަހަރެން ގޮސް ބޮސް ދޭނީ ތިޔަބައިމީހުން ބޭނުންވެފައިވާ މީހާއަށް. އޭނާ ހައްޔަރު ކުރޭ.⁠“ 49 ޔުދާސް ސީދާ ހިނގާފައި އީސާގެފާނާއި ދިމާލަށް އައިސް ދެންނެވިއެވެ. ”⁠ސަލާމު! އެދުރުކަލޭގެފާނު!⁠“ އޭނާ މިފަދައިން ބުނެ އެކަލޭގެފާނަށް ބޮސް ދެއްވިއެވެ.
50 އީސާގެފާނު ޔުދާސްއަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ރަޙުމަތްތެރިޔާ. ތިބާ ކުރަން އައި ކަންތަކާއިގެން ކުރިއަށްދޭ.⁠“ ދެން އެމީހުން އީސާގެފާނުގެ ހަށިކޮޅުގައި ހިފައި ދަމައިގަނެ އެކަލޭގެފާނު ހައްޔަރު ކުރެއްވިއެވެ.
51 ކުއްލިއަކަށް އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ބޭކަލަކު ކަނޑި ދަމައިގަނެ އުއްތަމަ އިމާމުގެ ނޯކަރުންގެ ތެރެއިން މީހެއްގެ ކަންފަތް ކަނޑާލިއެވެ. 52 ނަމަވެސް އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ތިޔަ ކަނޑި ދުރައްލާ! ކަނޑީގެ ބޭނުންކުރާ މީހުން ކަނޑިން ގަތުލުވާނެ. 53 އަހަރެންގެ ބައްޕާފުޅަށް އަހަރެން އެދި ދަންނަވައިފިނަމަ މަލާއިކަތުންގެ ބާރަ ލަޝްކަރު އަހަރެންނަށް ދެއްވާނެކަން ތިޔަބައިމީހުންނަށް ޔަޤީން ކުރެވޭނެ. 54 އެކަމަކު އެގޮތަށް ކަންތައް ހިނގައިފިނަމަ ބާވައިލެއްވި ފަތްފުށްތަކުގައި ލިޔެވިފައިވާ ބަސްފުޅުތައް ފުރިހަމަ ވާނީ ކިހިނެއް؟ އެބަސްފުޅުތައް ފުރިހަމަވާން ޖެހޭނެ.⁠“
55 އެއަށް ފަހު އެއްވެފައި ތިބި މީސްތަކުންނަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ކަނޑިތަކާއި މުގުރުބުރިތައް ހިފައިގެން މިތަނަށް ތިޔަ އައީ ނުރައްކާތެރި ޖިނާޢީ ކުށްވެރިޔެއްގެ ގޮތުގައި ބަލައި އަހަރެން ހައްޔަރު ކުރުމަށްތަ؟ ބައިތުލް މަޤްދިސްގެތެރޭގައި އަހަރެން ވީހިނދު ތިޔަބައިމީހުން އަހަރެން ހައްޔަރު ނުކުރީ ކީއްވެ؟ އެތަނުގައި ކޮންމެ ދުވަހަކު އަހަރެން އުނގަންނައިދެމުން ގެންދިޔައީމު. 56 ނަމަވެސް މިކަންތައްތައް ފުރިހަމަވެ، ހިނގައި މިދިޔައީ ބާވައިލެއްވި ފަތްފުށްތަކުގައި ނަބީބޭކަލުން ބަޔާން ކުރައްވާފައިވާ ފަދައިން.⁠“ އެ ހިނދު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނު ދޫކޮށްލެއްވުމަށް ފަހު ދުވެ ފިލިއެވެ.
އީސާގެފާނު އުއްތަމަ އިމާމު ކައިފާސްގެ ގަނޑުވަރަށް ގެންދެވުން
57 އެއަށް ފަހު އީސާގެފާނު ހައްޔަރުކުރި މީހުން އެކަލޭގެފާނު ގެންދެވީ އުއްތަމަ އިމާމު ކައިފާސްގެ ގަނޑުވަރަށެވެ. ދީނުގެ ދަންނަބޭކަލުންނާއި އަދި ބަނީއިސްރާއީލުގެ ބޮޑުން އެ ގަނޑުވަރަށް އެއްވެ ތިއްބެވެ. 58 ޕަތަރަސް ދުރުދުރުން އީސާގެފާނުގެ ފަސްފަހަތުން ދިޔައެވެ. އަދި އުއްތަމަ އިމާމުގެ ގަނޑުވަރުގެ ގޯތި ތެރެއަށް ވަނެވެ. އޭނާ އެގަނޑުވަރުގެ ތެރެއަށް ވަދެ ފާރަވެރިންގެ ތެރޭގައި އިށީނެވެ. އަދި އީސާގެފާނާއި މެދު ކަންތައްތައް ހިނގައިދާ ގޮތް ބަލަން އެތަނުގައި އިނެވެ.
59 އެތަނުގެ އެތެރޭގައި ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ދީނީ ކޯޓުގެ އެންމެހައި ވެރިން ބޭނުންވީ އީސާގެފާނު އަވަހާރަކޮށްލެއްވުމަށެވެ. ވީމާ އެކަލޭގޭފާނާއި ބެހޭގޮތުން ދޮގު ތުހުމަތު ކުރާނޭ ބަޔަކަށް އެބައިމީހުން ބަލަމުން ގެންދިޔައެވެ. 60 އެތައް ބަޔަކު އެކަލޭގެފާނާއި ދެކޮޅަށް ދޮގު ދައުވާ ކުރުމަށް ހިތުލައިގެން އައި ކަމުގައި ވިޔަސް އެމީހުންނަށް އެކަން ކުރާނޭ އެކަކު ވެސް ނުލިބުނެވެ. އެންމެފަހުން ދެމީހަކު އައިސް ބުންޏެވެ. 61 ”⁠މި މީހާ ބުނީ ’⁠ބައިތުލް މަޤްދިސް ތަޅާލައި ބިމާ ހަމަކޮށްލުމަށް ފަހު ތިން ދުވަސް ތެރޭގައި ތިމަންނަ ބިނާކޮށްފާނަމޭ.⁠‘⁠“
62 ދެން އުއްތަމަ އިމާމު ތެދުވެ އީސާގެފާނުގެ އަރިހުން އެއްސެވިއެވެ. ”⁠ކަލެއާއި ދެކޮޅަށް އެބައިމީހުން އުފުލަމުން ދާ ތުހުމަތާއިމެދު ކަލޭ ދޭނޭ ޖަވާބެއް ނެތްތަ؟⁠“ 63 ނަމަވެސް އީސާގެފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އަނެއްކާވެސް އުއްތަމަ އިމާމު އީސާގެފާނަށް ބުންޏެވެ. ”⁠ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެ ބާރުފުޅުން އަހަރެން ކަލެއަށް އަމުރުކުރަން: ކަލެއަކީ އަލްމަސީޙު، މާތްރަސްކަލާނގެ ދަރިކަލުން ކަމުގައިވާނަމަ އެކަން އަހަރެމެންނަށް ބުނެދީ!⁠“
64 އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ތިބާ ތިޔަބުނީ ހަމަ ރަނގަޅަށް! އަދި އަހަރެން ތިޔަ ހުރިހާ އެންމެންނަށް ބުނަން. މިއަށް ފަހު އިންސާނާގެ ދަރިކަލުން ކުޅަދުންވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެގެން އިންނަ ތަން ތިޔަބައިމީހުންނަށް ފެންނާނެ. އަދި ވިލާގަނޑެއްގެ ތެރެއިން އުޑުން އެނބުރި އަންނަތަން ވެސް ފެންނާނެ.⁠“
65 އުއްތަމަ އިމާމު އޭނާގެ އަމިއްލަ ރިދާ އިރައިލުމަށް ފަހު ބުންޏެވެ. ”⁠އޭނާ ބުނަމުން އެ ދަނީ ކުފުރުގެ ބަސްތައް! މިކަމުގައި އިތުރު ހެއްކެއް އަހަރެމެން ބޭނުމެއް ނުވޭ. އޭނާ ބުނި އެއްޗެއްގެ އަޑު ތިޔަބައިމީހުންނަށް ވެސް އިވިއްޖެއެއްނު. 66 ތިޔަބައިމީހުންގެ ނިންމުމަކީ ކޮބާ؟⁠“
އެމީހުން ބުންޏެވެ. ”⁠އޭނާއަށް މަރުގެ ޙުކުމް ކުރަން ޖެހޭނެ.⁠“
67 އެއާއެކު އީސާގެފާނުގެ މޫނުފުޅަށް އެމީހުން ކުޅު ޖެހިއެވެ. އަދި ގޮށްމުށުން އެކަލޭގެފާނުގެ ހަށިކޮޅުގައި ތެޅިއެވެ. އަދި އަނެއްބަޔަކު އެކަލޭގެފާނުގެ ކަންކަށިފުޅުގައި ތެޅިއެވެ. 68 ބައެއްމީހުން އެކަލޭގެފާނަށް އަނިޔާކުރަމުން ގޮވަމުން ގެންދިޔައެވެ. ”⁠ކަލެއަށް ހީވަނީ އަލްމަސީޙަކީ ކަލޭ ކަމަށްތަ! ކަލެއަކީ އަލްމަސީޙު ކަމާއި ނަބީބޭކަލެއްކަން އަހަރެމެންނަށް ސާބިތު ކޮށްދީބަލަ! ކަލޭގެ ގައިގައި ޖެހި މީހެއް އަހަރެމެންނަށް ނިކަން ބުނެދީބަލަ!⁠“
ޕަތަރަސް އީސާގެފާނު ނުދަންނަކަމަށް ބުނުން
69 އެ ހިނދު އެ ގޯތިތެރޭގައި ޕަތަރަސް އިށީނދެގެން އިންދާ ނޯކަރު އަންހެން ކުއްޖަކު އޭނާގެ ކައިރިއަށް އައިސް މިހެން ބުންޏެވެ. ”⁠ކަލެއަކީ ވެސް އެ ގަލީލީގެ އީސާގެފާނާއި އެކުގައިވާ މީހެއް.⁠“
70 ނަމަވެސް އެތަނުގައި ތިބި ހުރިހާ އެންމެންގެ ކުރިމަތީގައި ޕަތަރަސް ބުންޏެވެ. ”⁠ކަލޭ ތިޔަ ދައްކާ ވާހަކައެއް އަހަރެންނަކަށް ނޭނގޭ.⁠“
71 އެއަށް ފަހު ޕަތަރަސް މައިދޮރާށި ކައިރީގައި ހުއްޓާ ނޯކަރު އަންހެންކުއްޖަކަށް އޭނާ ފާހަގަ ކުރެވިގެން އައިސް އެތަނުގައި ތިބި މީހުންގެ ކައިރީގައި ބުންޏެވެ. ”⁠މި މީހާ އަކީ ނާޒަރަތުގެ އީސާގެފާނާއި އެކު އުޅުނު މީހެއް.⁠“
72 މިފަހަރު ވެސް ޕަތަރަސް އެކަމަށް އިންކާރު ކުރިއެވެ. އޭނާ ހުވައިކޮށް ބުންޏެވެ. ”⁠އަހަރެން ހުވައިކޮށްފައި ބުނަން ތިޔަބުނާ އީސާގެފާނެއް އަހަރެން ނުދަންނަން!⁠“
73 އޭގެ ކުޑަހިނދުކޮޅެއްގެ ފަހުން އެތަނުގައި ތިބި މީހުންގެ ތެރެއިން މީހަކު އޭނާގެ ކައިރިއަށް އައިސް ބުންޏެވެ. ”⁠ކަލެއަކީ ހަމަ ޔަޤީނުން ވެސް އެމީހުންގެ ތެރެއިން ހިމެނޭ މީހެއް. އެހެނީ ކަލޭ ވާހަކަ ދައްކަނީ ގަލީލީ މީހުންގެ ބަހުރުވައިން.⁠“
74 ޕަތަރަސް ބުންޏެވެ. ”⁠އަހަރެން ހުވާ ކޮށްފައި ބުނަން މިއީ ޙައްޤު ތެދު! އަހަރެންނަކީ އޭނާ އާއި އެކުގައިވި މީހެއް ކަމުގައިވާނަމަ މާތްރަސްކަލާނގެ އަހަރެންނަށް ކޯފާ ލައްވާފާށި! ތިޔަބުނާ މީހަކު އަހަރެން ނުދަންނަން!⁠“ އެ ހިނދު ކުއްލިއަކަށް ހާލެއްގެ ގޮވާލުމުގެ އަޑު އިވިގެން ދިޔައެވެ. 75 ކުއްލިއަކަށް އީސާގެފާނު މިފަދައިން ވިދާޅުވި ބަސްފުޅު ޕަތަރަސް ހަނދާންވިއެވެ. ”⁠ހާ ގޮވުމުގެ ކުރީން އަހަރެންނަކީ ދަންނަ ވެސް މީހެއް ނޫންކަމުގައި ތިން ފަހަރު ތިބާ ބުނާނެ.⁠“ ޕަތަރަސް އެތަނުން ބޭރަށް ގޮސް ނުހަނު އަސަރާއިއެކު ކަރުނަ އަޅާ ރުއިއެވެ.
* 26:2 ފަހަނަޅައި ދިއުމުގެ ޢީދަކީ މޫސާގެފާނުގެ ދުވަސްވަރު އިސްރާއީލީން މިޞްރުގައި އަޅުވެތިވެފައި ތިއްބާ އެއަޅުވެތިކަމުން އެމީހުން މާތްރަސްކަލާނގެ ސަލާމަތްކޮށް ދެއްވި ކަމުގެ މުނާސަބާ ފާހަގަކުރާ ޢީދެވެ. މާތްރަސްކަލާނގެ މަލާއިކަތާ އެރަށުތެރޭން ވަޑައިގެންނެވި އިރު ލެއިން ފާހަގަ ޖެހިފައި ހުރި ގެތައް ފަހަނަޅައި ވަޑައިގަތެވެ. 26:17 އީސާގެފާނުގެ ޒަމާނުގައި ”⁠ފަހަނަޅައި ދިއުމުގެ ޢީދަށް⁠“ މި ނަން ވެސް ކިޔައެވެ. + 26:31 ޒަކަރިއްޔާ 13‏:7 26:68 ބައެއްމީހުން އެކަލޭގެފާނަށް އަނިޔާކުރަމުން ގޮވަމުން ގެންދިޔައެވެ. އޭރު އެމީހުން ވަނީ އީސާގެފާނު ކަނުބަނދެފައެވެ.