27
އީސާގެފާނު ޕިލާތުސްގެ ކުރިމައްޗަށް ގެންދެވުން
1 ހެނދުނު އިރުއެރުމުން ބޮޑުއިމާމާއި ބަނީއިސްރާއީލުގެ ބޮޑުން އީސާގެފާނު އަވަހާރަކޮށްލެއްވުމަށް ނިންމިއެވެ.
2 ދެން އެބައިމީހުން އެކަލޭގެފާނު ބެންނެވިއެވެ. އަދި އެކަލޭގެފާނު ރޯމުގެ ގަވަރުނަރު ޕިލާތުސްގެ ކައިރިއަށް ގެންދެވިއެވެ.
ޔުދާސް އަމިއްލައަށް މަރުވުން
3 އީސާގެފާނުގެ ޢަދުއްވުންނާއި އެކަލޭގެފާނު ޙަވާލު ކުރި ޔުދާސްއަށް އެކަލޭގެފާނު އަވަހާރަކޮށްލެއްވުމަށް އެބައިމީހުން ރާވަމުން ގެންދިޔަތަން ފެނުނެވެ. އެ ހިނދު އޭނާ ކުރި ކަންތަކާއިމެދު އޭނާ ނުހަނު ދެރަވިއެވެ. ވީމާ އޭނާއަށް އެބައިމީހުން ދިން ތިރީސް ރިހި ލާރި ހިފައިގެން ގޮސް ބޮޑުއިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުންގެ އަތަށް ދިނުމަށް ޓަކައި އޭނާ ގޮސް ބުންޏެވެ.
4 ”މަޢުސޫމު ކުށެއްނެތް އިންސާނަކަށް މަރުގެ އަދަބު ދިނުމުގައި އަހަރެން ފާފަވެރި ވެއްޖައީމު.“ އިމާމުން ޖަވާބުގައި ބުންޏެވެ. ”ތިޔައީ އަހަރެމެންނަކާ ބެހޭކަމެއް ނޫން. އެކަމާމެދު ކަލޭ ކުރާނެ ކަމެއް ކަލޭ ކުރޭ؟“
5 ދެން ޔުދާސް އެ ފައިސާތައް ބައިތުލް މަޤްދިސްގެ ތެރެއަށް އުކާލިއެވެ. އެއަށް ފަހު އޭނާ ގޮސް އަމިއްލައަށް ދަންޖެހި މަރުވިއެވެ.
6 ބޮޑުއިމާމުން އެ ފައިސާ ފޮތިތައް ނެގުމަށް ފަހު ބުންޏެވެ. ”އަހަރެމެންގެ ޤާނޫނު ބުނާ ގޮތުން މި ފައިސާ ބައިތުލް މަޤްދިސްގެ ޚަޒާނާގެ ތެރޭގައި ހިމަނައިގެން ނުވާނެ. ސަބަބަކީ މި ފައިސާއަކީ މީހެއްގެ މަރު ގަތުމަށް ދެވިފައިވާ ފައިސާއެއް.“
7 އެހެންވެ އެބައިމީހުން އެ ފައިސާއިން މުށިން ތަކެތި ހަދާ މީހެއްގެ ބިން ގަތުމަށް ނިންމިއެވެ. އެއީ ޖެރޫސަލަމުގައި ނިޔާވާ ބިދޭސީން ވަޅުލުމަށް ޓަކައި ސަހަރާއެއް ހެދުމަށެވެ.
8 މިހާރު ވެސް މީސްތަކުން އެތަނަށް ލޭގެ މައިދާން އޭ ނަމަކަށް ކިޔަނީ އެހެން ވެގެންނެވެ.
9 އެގޮތުން ނަބީ އިރްމިޔާ ވިދާޅުވި ވިދާޅުވުން އެފަދައިން ހިނގަދިޔައެވެ: ”އެބައިމީހުން ތިރީސް ރިހި ލާރި އަތުލި. އެއީ ބަނީއިސްރާއީލުން އެކަލޭގެފާނުގެ އަގު ކަމުގައި ދުށް އަދަދޭ.
10 އެބައިމީހުން އެފައިސާ ޚަރަދު ކުރާނީ މުށިން ތަކެތި ހަދާ މީހެއްގެ ބިމެއް ގަތުމަށޭ. އެއީ މާތްރަސްކަލާނގެ އަހަރެންނަށް އަމުރުކުރެއްވާފައި ފަދައިންނޭ.“
ޕިލާތުސް އީސާގެފާނާއި ސުވާލު ކުރެއްވުން
11 ގަވަރުނަރު ޕިލާތުސްގެ ކުރިމަތީގައި އީސާގެފާނު ހުންނެވިއެވެ. އަދި ޕިލާތުސް އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. ”ކަލެއަކީ ބަނީއިސްރާއީލުންގެ ރަސްގެފާނުތަ؟“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ތިބާ ތި ބުނީ ރަނގަޅަށް“
12 ބޮޑުއިމާމުންނާއި ބޮޑުން އެކަލޭގެފާނާއިމެދު ތުހުމަތު ކުރައްވަމުން ގެންދެވި ހިނދުގައި ވެސް އެކަލޭގެފާނު ބަސްފުޅެއް ވިދާޅުނުވެ ހަނުހިމޭނުން ހުންނެވިއެވެ.
13 ދެން ޕިލާތުސް އީސާގެފާނަށް ބުންޏެވެ. ”ކަލެއާއި މެދު ތަފާތު ތުހުމަތުތައް ކުރާ ކަމުގެ އަޑު ކަލެއަށް ނީވޭތަ؟“
14 ނަމަވެސް އީސާގެފާނު ޕިލާތުސްގެ ސުވާލަށް ޖަވާބު ދެއްވުމުގެ ގޮތުން އެއްވެސް ބަސްފުޅެއް ވިދާޅުނުވެ ހަނު ހިމޭނުން ހުންނެވުމުން އެކަމާއިމެދު ޕިލާތުސް ވަރަށް ބޮޑަށް ޙައިރާންވިއެވެ.
ބަރައްބާސް ނޫނީ އީސާގެފާނު ތަ؟
15 ފަހަނަޅާ ދިއުމުގެ ޢީދުގެ މުނާސަބާގައި އާދަކާދައިގެ މަތިން ކުށްވެރިންގެ ތެރެއިން މީސްތަކުން އެދޭ މީހަކު ރޯމުގެ ގަވަރުނަރު މިނިވަންކޮށްދެއެވެ.
16 އެދުވަސްވަރު ޖަލުގައި ހައްޔަރު ކުރެވިފައިވާ ނުބައިކަމަށް މަޝްހޫރު މީހެއް ކަމުގައިވާ ބަރައްބާސް ކިޔާ މީހަކު ހުއްޓެއެވެ.
17 މީސްތަކުން އެއްވުމުން ޕިލާތުސް އެމީހުން ކުރެން އެހިއެވެ. ”މި ދެމީހުންގެ ތެރެއިން މިނިވަން ކުރުމަށް ކަލޭމެން އެދެނީ އަލްމަސީޙުގެ ނަމުގައިވާ އީސާގެފާނުތަ؟ ނޫނީ ބަރައްބާސްތަ؟“
18 ބޮޑުއިމާމުން އީސާގެފާނު އޭނާއާއި ޙަވާލު ކުރި ސަބަބަކީ އެބައިމީހުން އެކަލޭގެފާނާއި މެދު ޙަސަދަވެރި ވާތީ ކަން ޕިލާތުސްއަށް ރަނގަޅަށް އެނގެއެވެ.
19 ޕިލާތުސް ނިޔާ އިއްވާ ގޮނޑީގައި އިށީނދެގެން އިން ހިނދު އޭނާގެ އަންހެނުން އޭނާއަށް ނޯޓެއް ފޮނުވިއެވެ. ”އެ ކުށެއް ނެތް މަޢުސޫމް އިންސާނާ އާއި މެދު އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާ. އެ އިންސާނާގެ ސަބަބުން އަހަރެންނަށް ވަނީ ރޭގައި ބިރުވެރި ހުވަފެނެއް ފެނިފައި.“
20 ނަމަވެސް ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އެއްވެފައި ތިބި މީސްތަކުންގެ ބޮލަށް އެރި ބަރައްބާސް މިނިވަންކޮށް އީސާގެފާނަށް މަރުގެ ޙުކުމް ކުރުމަށް ބުނުވިއެވެ.
21 އެ މީސްތަކުންގެ ގާތުގައި ގަވަރުނަރު އިތުރަށް އެހިއެވެ. ”މި ދެމީހުންގެ ތެރެއިން މިނިވަންކުރުމަށް ކަލޭމެން އެދެނީ ކާކު؟“ އެމީހުން ޖަވާބުގައި ބުންޏެވެ. ”ބަރައްބާސް!“
22 ޕިލާތުސް އެމީހުން ކުރެން އެހިއެވެ. ”އަލްމަސީޙާއޭ ކިޔާ އީސާއަށް އަހަރެން ހަދަންވީ ކިހިނެއްތަ؟“ އެބައިމީހުން ޖަވާބު ދިނެވެ. ”އޭނާ ސަލީބަށް އަރުވާ!“
23 ނަމަވެސް ޕިލާތުސް ބުންޏެވެ. ”އޭނާގެ ކުށަކީ ކޮބާ؟“ އެމީހުން އެއަށްވުރެވެސް ބާރަށް އަޑުގެކޮޅަށް ގޮވަމުން ދިޔައެވެ. ”އޭނާ ސަލީބަށް އަރުވާ!“
24 އަދި އެއްވެފައި ތިބި މީސްތަކުންގެ ރުޅިވެރިކަން މަރާމާރީއަށް ބަދަލުވަމުންދާތަން ޕިލާތުސްއަށް ފެނުނު ހިނދު މިކަމުގައި އޭނާއަށް އިތުރަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތްކަން އެނގުނެވެ. ވީމާ އޭނާ ފެން އަޅާފައިވާ ބޮޑު ބޯތައްޓެއް ގެނެސް މީސްތަކުންގެ ކުރިމަތީގައި ބަހައްޓާފައި އޭނާގެ ދެ އަތް ދޮވެ، މިފަދައިން ބުންޏެވެ. ”މި އިންސާނާގެ މަރާއިމެދު އަހަރެން ޒިންމާއެއް ނުވާނަން. މިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ކަލޭމެން.“
25 ދެން އެ ހުރިހާ އެންމެން އެއްއަޑަކުން ޖަވާބު ދިނެވެ. ”އަހަރެމެންނާއި އަދި އަހަރެމެންގެ ދަރިން އޭނާގެ މަރުގެ ޒިންމާ އުފުލާނަން!“
26 ދެން އެބައިމީހުންނަށް ޓަކައި ބަރައްބާސް މިނިވަން ކުރިއެވެ. އަދި އީސާގެފާނުގެ ހަށިކޮޅުގައި ހަންމުށި އެޅުމަށް ފަހު ސަލީބަށް އެރުވުމަށް ޓަކައި ރޯމަނުންގެ ސިފައިންނާއި ޙަވާލު ކުރިއެވެ.
ސިފައިން އީސާގެފާނަށް މަލާމާތް ކުރުން
27 އެއަށް ފަހު ސިފައިން އައިސް ގަވަރުނަރު ޕިލާތުސްގެ ގަނޑުވަރުގެ ތެރެއަށް އީސާގެފާނު ގެންދިޔައެވެ. އަދި އެ ހުރިހާ އެންމެން އެކަލޭގެފާނު ވަށައިލިއެވެ.
28 އެބައިމީހުން އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ރިދާކޮޅު ބާލުއްވައި ރަތްކުލައިގެ ރިދާކޮޅެއް ލެއްވިއެވެ.
29 އަދި ކަށިފަޅާފައި ހުރި އޮފިގަނޑަކުން ތާޖެއް ހަދައި އެކަލޭގެފާނުގެ އިސްތަށިފުޅުގައި އަޅުއްވައި ކަނައަތްޕުޅަށް ދިގު ދަނޑި ބުރިއެއް ދެއްވާފައި ބެހެއްޓެވިއެވެ. ދެން އެބައިމީހުން އެކަލޭގެފާނަށް މަލާމާތުގެ ގޮތުން ކުރުނީސްކޮށް ގޮވަމުން ގެންދިޔައެވެ. ”ބަނީއިސްރާއީލުންގެ ރަސްގެފާނު! މަރުޙަބާ!“
30 އަދި އެކަލޭގެފާނުގެ ހަށިކޮޅަށް އެބައިމީހުން ކުޅުޖަހައި އެކަލޭގެފާނުގެ އަތްޕުޅަށް ދީފައިވާ ދިގު ދަނޑިބުރި ދަމައިގަނެ އޭގެން އެކަލޭގެފާނުގެ އިސްތަށިފުޅުގައި ތެޅިއެވެ.
31 ދެން އެމީހުން އެކަލޭގެފާނަށް މަލާމާތްކޮށް ނިމުމުން އެކަލޭގެފާނުގެ ހަށިކޮޅުގައި އެބައިމީހުން ލެއްވި ރިދާކޮޅު ބާލުއްވައި އެކަލޭގެފާނުގެ އަމިއްލަ ރިދާކޮޅު އަނެއްކާވެސް ލެއްވިއެވެ. އެއަށް ފަހު ސަލީބަށް އެރުވުމަށް ޓަކައި އެކަލޭގެފާނު ގެންދެވުނެވެ.
ސަލީބަށް އެރުވުން
32 އެކަލޭގެފާނު ސަލީބަށް އެރުވުމަށް ޓަކައި ގެންދެވުނު މަގުމަތީގައި ޒައިރީން ރަށުގެ ޝަމްއޫނުއޭ ކިޔާމީހަކާ ދިމާވިއެވެ. ދެން ސިފައިން އޭނާއަށް މަޖްބޫރުކޮށްގެން އީސާގެފާނުގެ ސަލީބު އޭނާ ލައްވާ އުފުލިއެވެ.
33 އެމީހުން އީސާގެފާނު ”ގޮލުގޮތާއޭ“ ކިޔުނު ތަނަށް ގެންދެވިއެވެ. (އެތަނަށް ކިޔާ އެނަމުގެ މާނައަކީ ”ބޮލުގެ ނާށިގަނޑުގެ މަޤާމު“ މިއެވެ.)
34 އަދި ވަރަށް ހިތި އެއްޗަކާއި މޭބިސްކަދުރު ދިޔަ އާއި އެއްކޮށްފައި އެކަލޭގެފާނަށް ބޯން ދެއްވަން އުޅުނެވެ. ނަމަވެސް އެކަލޭގެފާނު އޭގެ ރަހަ ބެއްލެވުމަށް ފަހު އެ ބުއިމަށް އިންކާރު ކުރެއްވިއެވެ.
35 ދެން އެ ސިފައިން އެކަލޭގެފާނު ސަލީބަށް އެރުވުމަށް ފަހު އެކަލޭގެފާނުގެ ހެދުންކޮޅު ލިބޭނެ މީހަކު ބެލުމަށް ގުރުއަތުލައި ހެދިއެވެ.
36 އެއަށް ފަހު އެބައިމީހުން އިށީނދެ އެތަނުގައި އެކަލޭގެފާނަށް ބަލަން ތިއްބެވެ.
37 ސަލީބުގައި އެކަލޭގެފާނުގެ އިސްތަށިފުޅާއި ދިމާލު މަތީގައި އެކަލޭގެފާނު ތުހުމަތު ކުރައްވައި ލިޔުމެއް ބެހެއްޓިފައިވިއެވެ. އެ ލިޔުމުގައި މި ޢިބާރާތް ވެއެވެ. ”މިއީ އީސާ، ބަނީއިސްރާއީލުންގެ ރަސްގެފާނޭ.“
38 ދެ ކުށްވެރިން ވެސް އީސާގެފާނާއި އެކުގައި ސަލީބަށް އެރުވުނެވެ. އެ ދެމީހުން ވަނީ އެކަލޭގެފާނުގެ ދެފަރާތުގައެވެ.
39 އެތަނުންދާ މީހުން ބޯހޫރުވަމުން އީސާގެފާނާ ދިމާއަށް ހަޑިހުތުރު ބަސްތައް ބުނަމުން ދިޔައެވެ.
40 ”އަޅެ! ބައިތުލް މަޤްދިސް ހަލާކު ކޮށްލުމަށް ފަހު ތިން ދުވަހުގެ ތެރޭގައި އަލުން ޢިމާރާތް ކުރާނަމޭ ބުނެ މިކަލޭގެ ދައުވާކުރި! ކަލެއަށް އެކަން ކުރެވޭނެތަ؟ ކަލެއަކީ މާތްރަސްކަލާނގެ ދަރިކަލުން ނަމަ ކަލޭގެ ނަފްސު ސަލާމަތްކޮށް ސަލީބުން ފައިބައިގެން އައިސްބަލަ!“
41 ބޮޑު އިމާމުންނާއި ބޮޑުންނާއި ދީނުގެ ދަންނަބޭކަލުން ވެސް އީސާގެފާނަށް ފުރައްސާރަކޮށް މަލާމާތް ކުރިއެވެ. އެބައިމީހުން ބުންޏެވެ.
42 ”އޭނާ އެހެންމީހުން ސަލާމަތް ކޮށްދިން. އެހެނަސް އޭނާއަށް އޭނާގެ އަމިއްލަ ނަފްސު ސަލާމަތެއް ނުކުރެވުނު. އޭނާއަކީ ބަނީއިސްރާއީލުންގެ ރަސްގެފާނު ކަމުގައި ވަނީނަމަ، އޭނާ ސަލީބުން ތިރިއަށް ފައިބާނެއެއްނު! އެއަށް ފަހު އަހަރެމެން އެކަން ގަބޫލު ކުރާނަން.
43 އޭނާ އިތުބާރު ކުރަނީ މާތްރަސްކަލާނގެ ކިބަފުޅަށް. އެހެންވެއްޖިއްޔާ މާތްރަސްކަލާނގެ، އެކަލާނގެ އެދިވޮޑިގަންނަވާ ފަދައިން އޭނާ ސަލާމަތް ކޮށްދެއްވާނެއެއްނު. އޭނާ ބުނި. ތިމަންމީ މާތްރަސްކަލާނގެ ދަރިކަލުންނޭ.“
44 މިފަދައިން އީސާގެފާނާއެކު ސަލީބަށް އެރުވުނު ދެވަގުން ވެސް އެކަލޭގެފާނަށް މަލާމާތް ކުރަމުން ދިޔައެވެ.
އީސާގެފާނު އަވަހާރަވުން
45 މެންދުރު ވަގުތުން ފެށިގެން މުޅި ރަށަށް އަނދިރިކަން ފެތުރި ގޮސް ތިނެއް ޖެހުމާއި ހަމައަށް އެގޮތުގައި ވިއެވެ.
46 ގާތްގަނޑަކަށް ތިނެއް ޖެހި ތަނާ އީސާގެފާނު ގަދަ އަޑުފުޅަކުން ވިދާޅުވިއެވެ. ”އެލީ، އެލީ، ލަމާ ޝަބަޤްތަނީ؟“ (މި ބަހުގެ މާނައަކީ، މިއަޅުގެ ރަސްކަލާކޮ! މިއަޅުގެ ރަސްކަލާކޮ! އިނބަރަސްކަލާނގެ މިއަޅާ ދޫކޮށްލެއްވީ ކީއްވެ؟)
47 އެތަނުގައި ތިބި ބައެއް މީހުންނަށް މިއަޑު އިވުމުން އެބައިމީހުން ބުންޏެވެ. ”އޭނާ ގޮވަމުން އެ ގެންދަނީ އިލްޔާސްގެފާނަށް.“
48 އެ ހިނދު އެތަނުން މީހަކު ދުވެފައި ގޮސް ހުތް މޭބިސްކަދުރު ދިޔައިން އިސްޕަންޖުގަނޑެއް ތެތްމައިގެން ދަނޑިއެއްގެ ކުރީގައި ލައިގެން އައިސް އެކަލޭގެފާނަށް ބޯން ދޭން އުޅުނެވެ.
49 ނަމަވެސް އެއްވެތިބި މީހުން ބުންޏެވެ. ”އޭނާ އެކަނި ދޫކޮށްލާ. އިލްޔާސްގެފާނު ވަޑައިގަންނަވާ އޭނާ ސަލާމަތް ކޮށްދެއްވާތަން ބަލަން ތިބެބަލަ!“
50 އެއަށް ފަހު އީސާގެފާނު ދެވަނަ ފަހަރު ވަރަށް ބާރަށް ހަޅޭއްފުޅުލައްވައިގެންފައި ފުރާނަފުޅު ދޫކޮށްލެއްވިއެވެ.
51 އެވަގުތު ބައިތުލް މަޤްދިސްގެ އެތެރޭގައި ވާ މުޤައްދަސް ފަރުދާ މަތިން ފެށިގެން ތިރިއަށް ވީދި ދެފަޅިވެގެން ދިޔައެވެ. އަދި އެތަނަށް ބިންހެލުމެއްއައިސް ގާތައް ފަޅައިގެން ދިޔައެވެ.
52 މަހާނަތައް ހުޅުވި ޞާލިހުންގެ ފުރާނައެޅި އެބައިމީހުން ތެދުވިއެވެ.
53 އަދި އީސާގެފާނު އަލުން ދިރިވަޑައިގެންނެވުމުން މިމީހުން ސަހަރާ ދޫކޮށް މުޤައްދަސް ސަހަރު ކަމުގައިވާ ޖެރޫސަލަމަށް ގޮސް އެތަނުގައި އެތައް ބަޔަކަށް އެމީހުން ފެނިފައިވެއެވެ.
54 ބިންހެލުން ކުރިމަތިވުމުން ރޯމުގެ އޮފިސަރާއި އަދި އީސާގެފާނު ސަލީބަށް އެރުއްވުމުގައި އުޅުނު ސިފައިން ބިރުގަތެވެ. މިހުރިހާ ކަމެއް ހިނގައި ދިޔުމަށް ފަހު އެބައިމީހުން ބުންޏެވެ. ”ތެދެއް. މިއީ މާތްރަސްކަލާނގެ ދަރިކަލުން.“
55 ވަރަށް ގިނަ އަންހެނުން އީސާގެފާނާއެކު އެކަލޭގެފާނަށް އެހީތެރި ވުމަށް ޓަކައި ގަލީލީއިން އައެވެ. އެބައިމީހުން މި ހިނގާދިޔަ ކަންތައްތައް ބަލަން ތަންކޮޅެއް ދުރުގައި ތިއްބެވެ.
56 އޭގެ ތެރޭގައި މަރިޔަމް މަގްދަލޭނާ އާއި، ޔާމިޒު އާއި ޔޫސުފުގެ މަންމަ މަރިޔަމް އާއި، އަދި ޔޫޙަންނާ އާއި ޔާމިޒުގެ މަންމަވެސް ހިމެނެއެވެ.
އީސާގެފާނު ފަސްދާނު ލެއްވުން
57-58 އެދުވަހުގެ އިރު އޮއްސުމާއި ގާތްވެފައި ވަނިކޮށް އީސާގެފާނަށް ތަބާވާ އަރިމާތެއާގެ ޔޫސުފު ނަމަކަށް ކިޔާ މުއްސަނދި މީހަކު އެކަލޭގެފާނުގެ ހަށިކޮޅު ދެއްވުމަށް އެދި ޕިލާތުސްގެ ކައިރިއަށް ދިޔައެވެ. އަދި އެކަލޭގެފާނުގެ ހަށިކޮޅު ދިނުމަށް ޕިލާތުސް އަމުރު ދިނެވެ.
59 ޔޫސުފު އެކަލޭގެފާނުގެ ހަށިކޮޅު ސަލީބުން ބާލުއްވައި ސާފު ލިނެން ފޮތިގަނޑަކުން ނިވާ ކުރެއްވިއެވެ.
60 އެއަށް ފަހު އޭނާ އީސާގެފާނުގެ ހަށިކޮޅު ފަރުބަދަ ކަނޑައިގެން ހަދާފައިވާ އޭނާގެ އަމިއްލަ އާ މަގުބަރާގެ ތެރޭގައި ވެޑުވިއެވެ. ދެން އޭނާ އެ މަގުބަރާގެ ދޮރުމަތީގައި ބޮޑު ހިލައެއް ބާއްވާފައި ހިނގައްޖެއެވެ.
61 މަރިޔަމް މަގްދަލޭނާ އާއި އަދި އެހެން މަރިޔަމްއަކާއި މި ދެ އަންހެނުން އެތަން ބަލަން ކައިރީގައި ތިއްބެވެ.
މަހާނައިގައި ފޯރިމެރުން
62 ޖެހިގެން އައި ދުވަހަކީ ސަބަތުގެ ދުވަހެވެ. ބޮޑު އިމާމުންނާއި ފަރީސީން ޕިލާތުސް އާއި ބައްދަލު ކުރިއެވެ.
63 އަދި އެބައިމީހުން ޕިލާތުސްއަށް ބުންޏެވެ. ”ސާހިބާ، އެ ދޮގުވެރިޔާ މީގެ ކުރިން މިފަދައިން ބުނި އަޑު އަޅުގަނޑުމެން އެހީން. ’ތިން ދުވަސް ފަހުން ތިމަން އަލުން ދިރިގެން ތެދުވާނަމޭ.‘
64 އެހެންވީމާ އޭނާގެ މަހާނަ ފަރުވާތެރިކަމާއެކު ތިން ދުވަސް ވަންދެއް ބެލެހެއްޓުމަށް ފާރަވެރިންނަށް އަމުރު ކޮށްދެއްވާ. އޭރުން އޭނާގެ އަސްޙާބީންނަށް އޭނާގެ ހަށިގަނޑު ވަގަކަށް ނުނެގޭނެ. އަދި އޭނާ އަލުން ދިރިގެން އަތުވެއްޖެ ކަމުގައި މީސްތަކުންގެ ކައިރީގައި ބުނެ އެމީހުން ހަދާނެ ދޮގު އެންމެ ފުރަތަމަ އޭނާ ހެދި ދޮގަށް ވުރެ މާ ނުބައިވާނެ.“
65 ޕިލާތުސް އެމީހުންނަށް ބުންޏެވެ. ”އެންމެ ރަނގަޅު. ކަލޭމެން ސިފައިންނާއި އެކުގައި ގޮސް އެ މަހާނަ ކަލޭމެންނަށް ފެންނަ އެންމެ ރަނގަޅަކަށް ރައްކާތެރިކުރޭ.“
66 ދެން އެބައިމީހުން އެ މަހާނަ މަތީގައި ހިލައެއް ޖައްސައި ސީލުކޮށް ވަރަށް ރަނގަޅަށް ރައްކާތެރި ކުރުމަށް ފަހު އެ މަހާނަ ބެލެހެއްޓުމަށް ފާރަވެރިން ލިއެވެ.