16
މާތްރަސްކަލާނގެ ކޯފާގެ ބޯތަށިކޮޅުތައް
1 އެއަށް ފަހު، މާތްކަލާނގެ ގެކޮޅުގެ ތެރެއިން ހަތް މަލާއިކަތުންނަށް ހަރުއަޑުން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”އެ ހަތް ބޯތަށިތަކުގައި ވީ މާތްރަސްކަލާނގެ ކޯފާތައް ދުނިޔެއަށް އޮއްސާލާ!“
2 ފުރަތަމަ މަލާއިކަތާ ވަޑައިގެން އެ މަލާއިކަތާގެ ބޯތަށިކޮޅު ދުނިޔޭގެ ބިމަށް އޮއްސާލެއްވިއެވެ. އެ ހިނދު، ކަނޑު ދާއްބައާއި އޭނާގެ ސޫރައަށް އަޅުކަންކުރި މީހުންނާއި އަދި އޭތީގެ ފާހަގަ ޖެހިފައިވާ މީސްތަކުންގެ ހަށިގަނޑުގައި ނުހަނު ހުތުރު ދޮސްހެދިފައިވާ ފާރުތަކެއް އުފެދުނެވެ.
3 ދެވަނަ މަލާއިކަތާ، އެ މަލާއިކަތާގެ ބޯތަށިކޮޅު ކަނޑަށް އޮއްސާލެއްވިއެވެ. އެ ހިނދު މައްޔިތެއްގެ ހަށިގަނޑުގެ ލޭ ފަދައިން މުޅިކަނޑު ވެގެން ދިޔައެވެ. އަދި ކަނޑުގައިވި އެންމެހާ ދިރޭ ތަކެތި މަރުވެ ދިޔައެވެ.
4 ތިންވަނަ، މަލާއިކަތާ އެމަލާއިކަތާގެ ބޯތަށިކޮޅު ކޯރުތަކަށާއި ފެންއާރުތަކަށް ހުސްކޮށް ލެއްވިއެވެ. އެ ހިނދު އެތަންތަން ލެއަށް ބަދަލުވެގެން ދިޔައެވެ.
5 ހުރިހާ ފެނަކާއި ހަވާލުވެ ވަޑައިގެން ހުންނެވި މަލާއިކަތާ މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ.
”މާތް ރަސްކަލާކޯ! އިނބަރަސްކަލާނގެއީ މިހިނދުގައި ވޮޑިގެންވާ، އަދި މާޒީގައި ވެސް ވޮޑިގެންވީ މާތް ވެގެންވާ ކަލާނގެ.
އިނބަރަސްކަލާނގެ އިންސާފު ކުރައްވަނީ ޢަދުލްވަންތަ ކަމާއެކުގައި.
6 އެމީހުން އިނބަރަސްކަލާނގެ މުޤައްދަސް ކުރެއްވި މީހުންނާއި ނަބީއިންގެ ލޭ އޮހޮރުވި.
އޭގެ ސަބަބުން އިނބަރަސްކަލާނގެ އެމީހުންނަށް ލޭ ބޯން ދެއްވި.
އެމީހުންނަށް އެލިބެނީ އެމީހުންނަށް ޙައްޤުވާ ސަޒާ.“
7 މިއަށް ފަހު، ޤުރުބާނީ އަށިން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ.
”ސާހިބުވަންތަ، ކުޅަދުންވަންތަ މާތްރަސްކަލާކޮ!
ހަމަކަށަވަރުން އިނބަރަސްކަލާނގެއީ ތެދުވެރިކަމާއި ޢަދުލްވެރިކަމާއެކު އިންސާފުކުރައްވާ ރަސްކަލާނގެމެ!“
8 އެއަށް ފަހު ހަތަރުވަނަ މަލާއިކަތާ އެ މަލާއިކަތާގެ ބޯތަށިކޮޅު އިރަށް އޮއްސާލެއްވިއެވެ. އަދި އޭގެ ހޫނުން މީސްތަކުން އަނދައިގެން ދިއުމަށް ހުއްދަ ކުރެވުނެވެ.
9 އެ ގަދަހޫނުން އެބައިމީހުން އަނދައިގެން ދިޔައެވެ. އަދި އެ މުސީބާތްތައް ފޮނުއްވީތީ މާތްރަސްކަލާނގެ ނަންފުޅަށް އެބައިމީހުން ކުފުރުގެ ބަސްތައް ބުންޏެވެ. ނަމަވެސް އެބައިމީހުން ތައުބާނުވެ އެކަލާނގެ ޖަލާލުވަންތަކަމާއިމެދު އިންކާރު ކުރިއެވެ.
10 އެއަށް ފަހު، ފަސްވަނަ މަލާއިކަތާ އެ މަލާއިކަތާގެ ބޯތަށިކޮޅު ކަނޑު ދާއްބައިގެ ތަޚުތަށް ގޮސް އޮއްސާލެއްވިއެވެ. އެ ހިނދު ކަނޑު ދާއްބައިގެ ރަސްކަމަށް އަނދިރިކަން ވެރިވެގެން ދިޔައެވެ. އެ ރަސްކަމުގައި ތިބި މީސްތަކުންނަށް ލިބުނު ވޭނުގެ ސަބަބުން އެބައިމީހުންގެ ދޫ ހަފަން ފެށިއެވެ.
11 އަދި އެމީހުންނަށް ލިބުނު ޒަޚަމާއި ވޭނުގެ ސަބަބުން އުޑުގައި ވޮޑިގެންވާ މާތްރަސްކަލާނގެ ކިބަފުޅަށް ކުފުރުގެ ބަސްތައް ރައްދު ކުރިއެވެ. ނަމަވެސް އެމީހުންގެ ނުބައި އަމަލުތައް ދޫކޮށް ތައުބާވުމަށް އިންކާރު ކުރިއެވެ.
12 އެއަށް ފަހު ހަވަނަ މަލާއިކަތާ އެމަލާއިކަތާގެ ބޯތަށިކޮޅު ބޮޑުވެގެންވާ ފުރާތު ކޯރަށް އޮއްސާލެއްވިއެވެ. އެ ކޯރު މުޅިން ހިނދުނެވެ. އަދި އިރުމަތީ ފަރާތުގެ ރަސްރަސްކަލުންނާއި އެ ރަސްކަލުންގެ ލަޝްކަރުތައް އައުމަށްޓަކައި މަގެއް ހާމަވެގެން ދިޔައެވެ.
13 އެއަށް ފަހު، ބޮއްތަކެއްގެ ސިފައިގައި ހުރި ނުބައި ތިން ރޫޙު އަހަރެން ދުށީމެވެ. އެއީ ޑްރޭގަންގެ އަނގައިން ނުކުތް ނުބައި ރޫޙާއި، ކަނޑު ދާއްބައިގެ އަނގައިން ނުކުތް ނުބައި ރޫޙާއި އަދި ދޮގުވެރި ނަބިއްޔާގެ އަނގައިން ނުކުތް ނުބައި ރޫހެވެ.
14 މި ނުބައި ތިން ރޫޙަށް ޝައިތާނީ ޖާދޫތައް ދެއްކުމުގެ ބާރު ލިބިގެން ވިއެވެ. މި ނުބައި ތިން ރޫޙު ދުނިޔޭގައި ތިބި އެންމެހާ ރަސްރަސްކަލުންގެ ކައިރިއަށް ގޮސް ކުޅަދުންވަންތަ މާތްރަސްކަލާނގެ އާއި ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް އެބައިމީހުން ގެނެއެވެ. ނަމަވެސް އެދުވަހަކީ މާތްރަސްކަލާނގެ ކިބަފުޅަށް މަތިވެރި ކާމިޔާބީ ލިބޭނޭ ދުވަހެވެ.
15 ”ދެކިބަލަ! އަހަރެން ވަގަކު އަންނަފަދައިން އަންނާނަން! އެމީހެއްގެ ފޭރާންތައް ރައްކާތެރިކޮށްގެން ހޭލާ ހުރި ފަރާތަކަށް ބަރަކާތް ލިބިގެންވާނެ! އެގޮތުން، އޭނާ ބަރަހަނާ ޙާލުގައި އަދި ލަދުވެތިވެ ޢާންމުންގެ ތެރޭގައި ހިނގާކަށް ނުޖެހޭނެމެ!“
16 އެއަށް ފަހު، ނުބައިރޫޙުތައް ރަސްރަސްކަލުން ގެނެސް ޢިބްރާނީ ބަހުން އާމަގެޑަން ކިޔާ ތަނަށް އެއްތަން ކުރިއެވެ.
17 އެންމެފަހުން، ހަތްވަނަ މަލާއިކަތާ އެ މަލާއިކަތާގެ ބޯތަށިކޮޅު ވައިގެ ތެރެއަށް އޮއްސާލެއްވިއެވެ. މާތްކަލާނގެ ގެކޮޅުގެ ތެރޭގައި ހުރި ތަޚުތުން ހަރުއަޑަކުން ވިދާޅުވިއެވެ. ”ހުރިހާކަމެއް ނިމިއްޖެ!“
18 ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑާއި އެކު ބިންހެލުމެއް ކުރިމަތިވިއެވެ. އެއީ ދުނިޔޭގައި އިންސާނުން އުފެއްދެވީއްސުރެން ދުވަހަކުވެސް އައިސްފައި ނުވާ ފަދަ ބިންހެލުމެކެވެ.
19 މަތިވެރި ސަހަރެއް ކަމުގައިވާ ބާބިލް ތިން ބަޔަކަށް ބެހިގެން ދިޔައެވެ. އަދި އެންމެހާ ޤައުމުތަކުގައި ހުރި ސަހަރުތައް ހަލާކުވެ ދިޔައެވެ. އަދި ބާބިލުގެ ފާފަވެރިކަން މާތްރަސްކަލާނގެ ހަނދުމަ ކުރެއްވިއެވެ. ވީމާ، އެކަލާނގެ ކޯފާއިން ފުރިގެންވާ މޭބިސްކަދުރުގެ ރާތަށި ބާބިލަށް ބޯންދެއްވިއެވެ.
20 އެންމެހާ ރަށްތައް ގެއްލި ދިޔައެވެ. ހުރިހާ ފަރުބަދަތައް ނެތި ދިޔައެވެ.
21 ގަދަފަދަ ވެގެންވާ ގަނޑުފެނުގެ ބޮޑެތި ގުޅަތަކެއް އޮހުނެވެ. އެއިން ކޮންމެ ގުޅައެއްގެ ބަރުދަނުގައި ގާތްގަނޑަކަށް ސަތޭކަ ރާތާ ހުއްޓެވެ. އުޑުން އެ ގުޅަތައް މީސްތަކުންގެ މައްޗަށް ފޮނުވަމުން ދިޔައެވެ. ގަނޑުފެނުގެ ތޫފާނުގެ މުސީބާތުގެ ބޮޑުކަމުން އެބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ކުފުރުގެ ބަސް ބުނެ ހެދިއެވެ.