17
ކަނޑު ދާއްބަ އާއި ނާސި އަންހެނާ
އެއަށް ފަހު، ހަތް ބޯތަށި ހިފަހައްޓަވައިގެން ތިއްބެވި ހަތް މަލާއިކަތުންގެ ތެރެއިން މަލާއިކަތަކު އަހަރެންގެ ކައިރިއަށް ވަޑައިގެން ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކުގައި އާދޭ. ގިނަ ކޯރުތަކުގެ ފެންމަތީގައި އިށީނދެގެން އިން ގަދަފަދަ ނާސި އަންހެނާއަށް ހުރި ޢުޤޫބާތް އަހަރެން ތިބާއަށް ދައްކައިދޭނަން. ދުނިޔޭގެ ރަސްރަސްކަލުން ވަނީ އޭނާ އާއި އެކުގައި ޖިންސީ ފާފަވެރިކަން ހިންގާފަ. އަދި ދުނިޔޭގައި ތިބި މީސްތަކުން ވަނީ އޭނާގެ ފާޙިޝްކަމުގެ ރާ ބޮއެގެން އަމަލުވެފައި.⁠“
އެއަށް ފަހު މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން ހަނަފަސް ސަހަރާއެއްގެ ތެރެއަށް އެ މަލާއިކަތާ އަހަރެން ގެންދިޔައެވެ. ހަތް ބޮލާއި އަދި ދިހަ ދަޅު ހުރި ރަތްކުލައިގެ ދާއްބައެއްގެ މަތީގައި އިށީނދެ އިން އަންހެނަކު އަހަރެން ދުށީމެވެ. އެ ދާއްބައިގެ މުޅި ހަށިގަނޑު ފޮރުވިގެން ވަނީ މާތްރަސްކަލާނގެ ކިބަފުޅަށް ނިސްބަތް ކޮށް ލިޔެފައިވާ ކުފުރުގެ ބަސްތަކުންނެވެ. އޭނާ ލައިގެން ހުރި ދަނބުކުލަ އާއި ރަތްކުލައިގެ ހެދުން ރަނުގެ ގަހަނާތަކުންނާއި އަގުބޮޑު ޖަވާހިރުތަކާއި އަދި މުތްތަކުން ފުރިފައި ވިއެވެ. އޭނާގެ އަތުގައި ހުރި ތަށި ފުރިފައި ވަނީ އޭނާ ކޮށްފައިވާ ވަޙުޝީ އަދި ފާޙިޝް ފާފަތަކުންނެވެ. އޭނާގެ ނިތްކުރީގައި ލިޔެވިފައިވާ ލިޔުމުގައި ވަންހަނާ ކުރެވިފައިވާ މާނައެއް ވެއެވެ. ލިޔެވިފައިވިއެވެ. ”⁠މަތިވެރި ބާބިލް. ނާސި އަންހެނުންގެ މައިއަންހެނާ އާއި އަދި ދުނިޔޭގައިވާ އެންމެ ނުބައިކަމުގެ މައި އަންހެނާ.⁠“ މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި އަދި ގަތުލު ކުރެވިގެންވީ މީސްތަކުންގެ ލޭ އެ އަންހެނާ ބޮނިކޮށް އަހަރެން ދުށީމެވެ. ސަބަބަކީ އެބައިމީހުންނީ އީސާގެފާނާއި މެދު ހެކިވަނިވި މީހުން ކަމުގައި ވީތީއެވެ. އަހަރެންނަށް އެ އަންހެނާ ފެނުނު ހިނދު އަހަރެން މުޅިން ޙައިރާންވެ ދިޔައެވެ. އަދި އެ މަލާއިކަތާ އަހަރެންނާއި ދިމާއަށް ވިދާޅުވިއެވެ. ”⁠ތިބާ ޙައިރާންވީ ކީއްވެ؟ ހަތް ބޮލާއި ދިހަ ދަޅުގެ ދާއްބައިގެ މަތީގައި އިށީނދެ އިން އަންހެނާގެ ކިބައިގައި ވަންހަނާ ކުރެވިގެންވާ ކަންތައްތައް އަހަރެން ތިބާއަށް އޮޅުންފިލުވައި ދޭނަމު. ތިބާއަށް މިހާރު ތިޔަ ފެންނަ ދާއްބައަކީ އެއްއިރެއްގައި ދިރިއުޅެފައިވާ، އެކަމަކު މިހާރު ދިރިނޫޅޭ އެއްޗެއް. އޭތި ފޫނެތް ފުން ވަޅުގަނޑުން އަލުން ނުކުމެގެން އަންނާނެ. އެކަމަކު އޭތި ނައްތާލެވޭނެ. ބިންމަތީގައި ތިބި އެބައެއްގެ ނަންތައް ޙަޔާތުގެ ފޮތުގައި ލިޔެވިފައި ނުވާ މީހުންނަށް، މިއީ ހައިރާންވާ ވަރުގެ ކަމެއް. އެހެނީ އެފޮތުގައި ލިޔެވިފައިވާ ނަންތަކަކީ ޚަލްޤު ކުރެއްވުމުގެ މާކުރީގައިވެސް ލިޔެވިފައިވާ ނަންތަކެއް. އެމީހުން ހައިރާންވަނީ އެއް އިރެއްގައި ދިރި އުޅެފައިވާ، އެކަމަކު މިހާރު ދިރި ނޫޅޭ ދާއްބައެއް އަލުން ދިރިގެން އަންނަތަން ފެނުމުން.
މިތަކެތި ދެނެގަތުމަށްޓަކައި ޙިކުމަތްތެރި ސިކުނޑިއަކަށް ބޭނުންވާނެ. ދާއްބައިގެ ހަތް ބޮލަކީ އެ އަންހެނާ އިށީނދެގެންވާ ހަތް ފަރުބަދަ. 10 އަދި އެއީ ހަތް ރަސްކަލުން ވެސް މެ. އޭގެ ތެރެއިން ފަސް ރަސްކަލުން ވަނީ ނެތި ގޮސްފައި. އަދި އޭގެތެރެއިން އެއް ރަސްކަލަކު މިހާރު ވެސް ދުނިޔޭގައި އުޅެމުން ގެންދޭ. އަދި ދެން ހުރި ރަސްގެފާނު އަދި ނާދޭ. އެ ރަސްގެފާނު އައުމުން އޭނާގެ ވެރިކަން އޮންނާނީ ކުރު މުއްދަތެއްގައި. 11 ތިބާއަށް ފެނުނު ދާއްބައަކީ މީގެ ކުރީން ދިރިހުރި ފަރާތެއް. ނަމަވެސް މިހާރަކު ނޫޅޭ. އޭނާ އަންނާނީ އަށްވަނަ ރަސްގެފާނުގެ ގޮތުގައި. އޭނާއަކީ ފުރަތަމަ ހަތް ރަސްކަލުންގެ ތެރެއިން އެއް ފަރާތް. އަދި އޭނާ ދާނީ އޭނާގެ ނިމުމާއި ދިމާލަށް.
12 ތިބާ ދުށް ދިހަ ދަޅަކީ އިތުރު ދިހަ ރަސްކަލުން. އެބައިމީހުންނަށް އަދި ބާރެއް ލިބިގެން ނުވޭ. އަދި ދާއްބައާއި އެކުގައި އެބައިމީހުން ވެރިކަން ކުރާނީ އެއްމެ ގަޑިއެއްހާ ކުރު ވަގުތުކޮޅެއްގައި. 13 މި ދިހަ ރަސްކަލުންގެ ވެސް މަގުސަދަކީ އެއް މަގުސަދެއް. އެބައިމީހުންނަށް ލިބިފައިވާ އަމުރުވެރިކަމާއި ބާރުވެރިކަން އެބައިމީހުން ދާއްބައަށް ދޭނެ. 14 ޅަކަންބަޅި އާއި ދެކޮޅަށް އެބައިމީހުން ހަނގުރާމަ ކުރާނެ. ނަމަވެސް އެބައިމީހުންގެ މައްޗަށް ޅަކަންބަޅި ފަތަޙަ ހޯއްދަވާނެ. ސަބަބަކީ އެކަލޭގެފާނީ ސާހިބުންގެ ސާހިބާ. އަދި ރަސްރަސްކަލުންގެ ރަސްގެފާނު ވެސްމެ. އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ފަތަޙަ ހޯއްދަވާނީ އެކަލޭގެފާނު ގޮވާ ޚިޔާރު ކުރެއްވި އެކަލާނގެ ކިބަފުޅަށް ތެދުވެރިވި މީސްތަކުންނާއި އެކުގައި ވެސްމެ.⁠“
15 އެއަށް ފަހު އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠ތިބާ ދުށް އެ ފާޙިޝް އަންހެނާ އިށީނދެގެން އިން ކޯރުތަކަކީ ނަސްލުތަކާއި، ގަބީލާތަކާއި، ޤައުމުތަކާއި އަދި ބަހުރުވަތައް ވެސްމެ. 16 ތިބާ ދުށް ދާއްބަ އާއި އޭގެ ދިހަ ދަޅު އެ އަންހެނާ ދެކެ ނަފްރަތު ކުރާނެ. އެ އަންހެނާގެ އަތުގައިވާ އެންމެހާ ތަކެތި އެބައިމީހުން އަތުލައިގަންނާނެ. އަދި އޭނާ އޮރިޔާން ޙާލުގަ ދޫކޮށްލާނެ. އެބައިމީހުން އެ އަންހެނާގެ މަސްކައި އަދި އެ އަންހެނާގެ ހަށިގަނޑު އަލިފާނުގައި އަންދައިލާނެ. 17 އެހެނީ މާތްރަސްކަލާނގެ ވަނީ އެރަސްރަސްކަލުންގެ ވިސްނުމުގެ ތެރެއަށް އެކަލާނގެ ރޭވުންތައް އަޅުއްވާފައި. އެއީ އެރަސްރަސްކަލުންނަށް ލިބިފައިވާ ބާރާއި އަމުރުވެރިކަން ގަދަ ރަތްކުލައިގެ ދާއްބައަށް ދޭން ބޭނުންވާނެ ގޮތަށް. ވީމާ މާތްރަސްކަލާނގެ ބަސްފުޅުތައް ފުރިހަމަ ވަންދެން އެގޮތަށް އެރަސްރަސްކަލުން އަމަލުކުރާނެ. 18 އަދި ތިބާއަށް ފެނުނު ނާސި އަންހެނާ ތަމްސީލުކޮށްދެނީ ދުނިޔޭގެ ބިމުގައި ރަސްކަން ކުރެއްވި ރަސްރަސްކަލުންގެ މައްޗަށް އަމުރުވެރި ކަމުގައިވި މަތިވެރި ސަހަރު.⁠“